އަންހެނުންނަކީ މާތް ގަދަރުވެރި ބައެއްކަން ކުޑައިރުއްސުރެ ދަސްކޮށްދޭން އެބަޖެހޭ: ޖެންޑަރ މިނިސްޓަރ

01 Jul 2020 | 21:29

އަންހެނުންނަކީ މާތް ގަދަރުވެރި ބައެއްކަން ކުޑައިރުއްސުރެ ދަސްކޮށްދޭން ޖެހޭކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސް އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، މިއަދު ހަވީރު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިކްޓިމް ބްލޭމިންގއާއި ބެހޭގޮތުން ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ އައިޝަތު ވިދާޅުވީ ވިކްޓިމް ބްލޭމިންގއާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވެލައްވާ ކަމަށާއި، އެކަމާއި މެދު ޒުވާން އަންހެން ބޭފުޅުން އަޑުއުފުލާތީ އުފާކުރައްވާ ކަމަށެވެ. މިއީ ވަރަށް ބޮޑު އަޚުލާގީ އަދި އުސޫލުތަކުގެ ބަދަލުތަކެއް ގެންނަންޖެހޭ ކަމެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ. އެގޮތުން ކޮންމެ ގޮތަކަށް ހެދުން އެޅިކަމުގައިވިޔަސް، ބަލާ މީހުންނަށް އަންހެނުންގެ އިއްފަތްތެރިކަން ނަގާލައި ޖިންސީ ގޯނާކުރުމުގެ އެއްވެސް ހައްގެއް ނޯންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ޖެންޑަރ މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ވަރަށް ކުޑައިރުއްސުރެ އެކަކު އަނެކަކަށް ގަދަރުކުރަން ދަސްކޮށްދޭން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. 

އެގޮތުން ކުޑައިރުއްސުރެ އަންހެނުންނަކީ މާތް ގަދަރުވެރި އަދި އޯގާތެރިވާންޖެހޭ ބައެއްކަން ދަސްކޮށްދޭންޖެހޭ ކަމަށް ވިދާޅުވިއެވެ. ހަމަ އެފަދައިން ފިރިހެނުންނަށްވެސް އަންހެނުން އޯގާތެރިވާން ޖެހޭނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

"އޯގާތެރި މުޖުތަމައުއެއްގައި އަޅުގަނޑުމެން އެކަކު އަނެކަކަށް ގަދަރުކޮށްގެން އުޅެން ކުޑައިރުއްސުރެ ދަސްވާކަމަށް ވަންޏާ އަޅުގަނޑުމެންގެ އަޚްލާޤު ވަކިގޮތަކަށް ބައްޓަންވެގެންދާނީ. ވަކިގޮތަކަށް އަޚުލާޤު ބައްޓަންވެގެންދާކަމަށް ވަންޏާ އަޅުގަނޑުމެން އެކަކު އަނެކަކަށް މިކަހަލަ ފުރައްސާރަ ކުރުމާއި އަނިޔާކުރުން މަދުވާނެ"، މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން މިކަންކަމުގައި ޒުވާނުންނާއި އެންޖީއޯތަކާއި އެކުގައި މަސައްކަތްކުރައްވަން ވަރަށް ބޮޑަށް ބޭނުންފުޅުވެލައްވާ ކަމަށް މިނިސްޓަރ އައިޝަތު ވިދާޅުވިއެވެ. އަދި އަންހެނުން ބާރުވެރިކުރުވުމުގައި ފިރިހެނުންވެސް ބޮޑު ދައުރެއް އަދާކުރަންޖެހޭކަމަށް ގަބޫލުކުރައްވާކަމަށްވެސް ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް