އަނެއްކާވެސް ދިވެހި ބަލިމީހުން އިންޑިޔާއަށް ފޮނުވަނީ

01 Jul 2020 | 20:44

ރާއްޖެއިން ފަރުވާކުރެވެން ނެތް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް 28 ދިވެހިން އިއްޔެ އިންޑިއާއަށް ގޮސްފައިވަނިކޮށް، ފަރުވާ ހޯދުމަށް އިތުރު ދިވެހިންނަށް އިންޑިއާއަށް ދެވޭނެކަމުގެ ޔަޤީންކަން އިންޑިއާ ސަރުކާރުން ދެއްވައިފިއެވެ.

މި ޔަޤީންކަން ދެއްވާފައިވަނީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއެކު މިއަދު ހަވީރު ފޮރިން މިނިސްޓްރީގައި ބޭއްވެވި ބައްދަލުވުމެއްގައެވެ. ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކޮށްފައިވުމާ ގުޅިގެން އިންޑިއާ ރައްޔިތުން ނޫން އެހެން މީހުންނަށް އެގައުމަށް މިވަގުތު ނުވަދެވެއެވެ. އެހެންނަމަވެސް އެހެން ގައުމުތަކަށް އަދި ދީފައިނުވާ ޚާއްސަ ހުއްދައެއްގެ ދަށުން އާސަންދައިގެ ދަށުން ފަރުވާކުރަމުންދާ ހާލުދެރަ ބަލި މީހުން އިންޑިއާއަށް ގެންދިޔުމަށް އިންޑިއާއިން ދިން ފުރުސަތުގައި 28 ބަލި މީހަކު މިހާރު ވަނީ އިންޑިއާއަށް ގޮސްފައެވެ.

 ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އިންޑިއާއަށް އެތެރެވާ ހުރިހާ ފަރާތްތަކުން ކަރަންޓީންވާން ޖެހޭތީ، ފަރުވާއަށް ދާ ދިވެހިންވެސް ކަރަންޓީން ފުރިހަމަކުރަން ޖެހެއެވެ. އިންޑިއާ ސަރުކާރާއެކު ފޮރިން މިނިސްޓްރީއިން ކުރި މަޝްވަރާތަކަށްފަހު ހޮސްޕިޓަލްގެ ވަކި ސަރަހައްދެއްގައި ކަރަންޓީން ވުމުގެ ފުރުސަތު ވަނީ ދިވެހިންނަށް ދީފައެވެ.

ބޮޑެތި ބަލިތަކަށް ފަރުވާކުރާ ފަރާތްތައް އިންޑިއާއަށް ގެންދިޔުމަށް ލިބުނު ޚާއްސަ ހުއްދައިގެ ދަށުން ބަލި މީހުން އިންޑިއާއަށް ގެންދިޔުމުގެ މަސައްކަތް އާސަންދަ ކުންފުންޏާއި ގުޅިގެން މިނިސްޓްރީއިން ދަނީ ކުރަމުންނެވެ.

މިއަދުގެ ބައްދަލުވުމަށްފަހު މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓް: https://twitter.com/abdulla_shahid/status/1278313946697437189?s=20

Advertisement

ކޮމެންޓް