ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރުކުރި ދެމީހުން ތިބީ މަސްތުގެ ހާލަތުގައެއް ނޫން: ފުލުހުން

01 Jul 2020 | 20:14

ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ދެމީހުން ތިބީ މަސްތުގެ ހާލަތުގައެއް ނޫންކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ ބައްދަލުވުމުގައި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވަނީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނުއިރު، ތިބި ހާލަތާއި ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. މި ސުވާލަށް ޖަވާބުދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ އެ ދެމީހުން ތިބީ މަސްތުގެ ހާލަތުގައި ނޫންކަމަށް ފެންނާތީ، އެކަން ރެކޯޑް ކުރެވިފައި ނުވާކަމަށެވެ.

އެގޮތުން އެވަގުތު އެތަނުގައި ތިބި ފުލުހުންނަށް އެދެމީހުންގެ ކުޑަކަމުދާތަކެތި ނަގައިގެން ތަހުލީލްކުރަން ޖެހޭވަރުގެ ކަމެއް ފާހަގަނުވާތީ، ސާމްޕަލް ނުނެގީކަމަށް އޭސީޕީ މަންނާނު ވިދާޅުވިއެވެ.

ނަމަވެސް އެ ބިދޭސީ އަންހެންމީހާ ދިވެހިރާއްޖޭގެ ދެ މީޑިޔާއަކަށް ދިންކަމަށް ބުނެވޭ އިންޓަރވިއުތަކުގައި ވަނީ ސަފާރީގައި ތިބި މީހުންވެސް ބަނގުރާ ބޭނުންކުރިކަމަށް ބުނެފައެވެ.

އޭގެ އިތުރުން މަންނާން ވިދާޅުވީ އެ އަންހެންމީހާ މޫދަށް ފުންމާލި ކަމަށާއި، ނަމަވެސް އެކަން ކުރި ސަބަބު އަދި ހޯދިފައި ނުވާކަމަށެވެ. ނަމަވެސް އެކަން ކުރަންޖެހުނު ސަބަބެއްވެސް އޮންނާނެކަމަށް ދެކެވަޑައިގަންނަވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި ތަހުގީގު ކުރިއަށްދާ ވަރަކަށް އެކަން ސާފުވާނެކަމަށްވެސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement