ބޮޑުފިނޮޅުގެ މައްސަލައިގައި އިހުމާލުވާ ހުރިހާ ފަރާތްތަކަށް ތަފާތުކުރުމެެއް ނެތި ފިޔަވަޅު އެޅެންވާނެ: ހައިތަމް

04 Jul 2020 | 13:43

ބ.ބޮޑުފިނޮޅުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީންނަށް މުސާރަ ނުލިބި އެރަށުގެ އިއްޔެ ހަމަނުޖެހުންތަކެއް ހިނގި މައްސަލައިގައި އިހުމާލުވާ ހުރިހާ ފަރާތްތަކަށް ތަފާތުކުރުމެެއް ނެތި ފިޔަވަޅު އެޅެންވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ އެ މައްސަލައާއި ގުޅިގެން ކުރެއްވި ޓްވީޓްތަކެއްގެ ތެރެއިންނެވެ.

ހައިތަމް ވިދާޅުވީ ބ.ބޮޑުފިނޮޅުގައި ހިނގައިދިޔަ ނިރުބަވެރިކަމުގެ އަމަލުތައް ކުށްވެރިކުރައްވާ ކަމަށެވެ. އެބޭފުޅާ ވިދާޅުވީ އެއީ ގައުމީ ސަލާމަތަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށާއި، ގައުމުގެ ނަމުގައި ސަލާމަތީ ބާރުތަކުން އެފަރާތްތަކާއި ދެކޮޅަށް ކުރި މަސައްކަތަށް އައްސަރިބަހާއި ސާބަސްދެއްވާ ކަމަށެވެ. 

ހައިތަމް ވިދާޅުވީ މި މައްސަލަ މިހާ ހޫނުވެގެން ދިޔައީ އެ ބިދޭސީންގެ ކުންފުނިން އެފަރާތްތަކާއި މެދު ރަނގަޅަށް ނުހިތުމުން ކަމަށާއި، އެކަން ކުށްވެރިކުރައްވާ ކަމަށެވެ. ނަމަވެސް މިއީ ކަންކަމާއި މެދު އަމަލުކުރަން އޮތްގޮތް ނޫން ކަމަށާއި، އަނިޔާވެރިކަމަކީ އެއްވެސް އިރެއްގައި ހައްލެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

އަދި ހައިތަމް ވަނީ މި މައްސަލައިގައި އަނިޔާވި ފަރާތްތަކަށް މާތްﷲ އަވަސް ޝިފާއެއް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. 

މި ޓްވީޓްތަކަށް އާންމުންގެ ފަރާތަކުން ދިން ޖަވާބެއްގެ ރައްދުގައި ހައިތަމް ވަނީ މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި މިކަމުގައި އިހުމާލުވީ ހުރިހާ ފަރާތްތަކަށް ފިޔަވަޅު އެޅެންވާނެކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް