ނުކުޅެދުންތެރިކަން ހުރި ކުއްޖަކު ރޭޕްކޮށް ބަލިވެ އިން މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް!

05 Jul 2020 | 11:12

ނުކުޅެދުންތެރިކަން ހުންނަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއް ރޭޕްކޮށް، ބަލިވެއިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 2020 ޖުލައި 2 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ފ. ފީއަލީ/ފީރޯޒްގެ، އިބްރާހިމް ޝާފިއު (37އ) ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން 2020 ޖުލައި 3 ވަނަ ދުވަހު ފ. ފީއަލީ/ފީރޯޒްގެ، އިބްރާހިމް ޝާފިއު (37އ) ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ތުހުމަތުކުރެވޭ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް، ރޭޕްކުރި މައްސަލައަކަށްވަތީ، އޭނާ ދޫކޮށްލައިފިނަމަ މިމައްސަލާގައި ހިމެނޭ ފަރާތްތަކަށް ނުފޫޒުފޯރުވައި ހެކި ނައްތާލުމަށް މަސައްކަތްކޮށްފާނެތީ އާއި އޭނާގެ ފަރާތުން މުޖުތަމަޢުއަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފެންނާތީ ތަހުގީގު ނިމެންދެން ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށާއި މައްސަލައިގެ ޝަރީއަތުން ހުކުމެއް ނުވަތަ ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން ރިމާންޑް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މިމައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންވެސް ހިމެނޭގޮތަށް ޗައިލްޑް އެބިއުސް އަދި އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަ ކުރެވޭތީ، މައިންބަފައިންނާއި ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement