"#ފަންޑްއަވަރސޭފްޓީ" ގެ އަޑު ގަދަވެއްޖެ!

05 Jul 2020 | 11:52

ފަހަކަށް އައިސް ދިވެހިރާއްޖޭގެ އެކިއެކި ނޫސްތަކުގެ ފަލަ ސުރުޚީތަކުންނާއި މީސް މީޑިޔާގެ އެކިއެކި މަންސަތަކުން އަބަދުވެސް ފެންނަމުންދާ އެއް ކަމަކީ، ފެންނަ ކޮންނެ ފަހަރަކުމެ ރަހުމެއް ހުރި އިންސާނެއްގެ ހިތް ހިތާމައިން ފަޅައިގެން ދާނެފަދަ ޚަބަރުތަކާއި ވާހަކަތަކެވެ. ކުޑަކުދިންނާއި އަންހެނުންނަށް ކުރެވޭ ޖިންސީ ގޯނާތަކާއި ރޭޕްގެ ހިތްދަތި އަދި ބިރުވެރި ވާހަކަތަކެވެ.

ކޮންމެ އިންސާނަކީވެސް އަބުރުވެރިކަމާއި އެކު ދިރިއުޅުމުގެ ހައްގު ލިބިގެންވާ އިންސާނެކެވެ. އެކަމުގައި ވަކި ޖިންސެއް ތަފާތު ކުރުމެއް ނެތެވެ. އެކަން ކަށަވަރުކުރުމަށާއި، ޖިންސީ ގޯނާ އަދި ރޭޕްފަދަ އަމަލުތައް ތަހައްމަލްކުރާ އަންހެނުންނަށް އިންސާފު ހޯދައިދީ، އެ ޒަޚަމްތަކުން އަރައިގަންނަން އެހީތެރިވެދޭން ތިބި އެއް ބަޔަކީ އެކިއެކި ކަމާއިގުޅޭ މުއައްސަސާތަކެވެ. އެހެނަސް އަބަދުވެސް އިވޭ ވާހަކައަކީ މިފަދަ މުއައްސަސާތަކުން އެފަރާތްތަކުގެ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ނުކުޅެދިފައިވާ ވާހަކައެވެ. އެހެން ދިމާވާ ސަބަބާއި މެދު ވިސްނާލަނީ މަދު ބައެކެވެ.

އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުން އަމަލުކުރާ ގޮތް ބަދަލުކޮށް، އެ ނިޒާމު ތަރައްގީކުރުމަށް ދައުލަތުން އިތުރު ޚަރަދުކުރުމަށް ގޮވާލާ، ދާދިފަހުން މީސް މީޑިޔާގެ އެކިއެކި ވަސީލަތްތަކުގައި ވަނީ #ފަންޑްއަވަރސޭފްޓީގެ ނަމުގައި ހަރަކާތެއް ފަށާފައެވެ. މި ހަރަކާތް މިއަދު ވެފައި މިވަނީ ނަތީޖާތަކެއް ނެރެން އަމާޒު ހިފާފައިވާ، ގިނަބަޔަކު އެކަމަކަށް ތާއިދުކުރާ ހަރަކާތަކަށެވެ.

https://voice.mv/9616


#ފަންޑްއަވަރސޭފްޓީ ހަރަކާތުގައި ހިމެނޭ ފަރާތްތަކުން އިއްޔެ ވަނީ މި ހަރަކާތުން ހާސިލްކުރުމަށް ބޭނުންވާ މުހިންމު ދިހަ އަމާޒެއް ހާމަކޮށްފައެވެ.

އެގޮތުން ބަލާލާއިރު، ވަކި ފަރާތެއް އިސްތިސްނާ ނުކޮށް މިހާރު ހުރި ގާނޫނުތައް ތަންފީޒުކުރުމަށާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އަމަލުތަކަށް މިނިވަންކަމާއި އެކު ފާރަވެރިވާނެގޮތެއް ޔަގީންކޮށްދޭން ވަނީ ގޮވާލާފައެވެ. އަދި ޖިންސީ ކުށްތައް ހުއްޓުވުމުގެ ޕްރޮގްރާމްތައް އުފައްދައި އެފަދަ ޕްރޮގްރާމްތަކަށް ޚަރަދުކުރުމަށާއި، ކޮންމެ ރަށެއްގައި ސޯޝަލް ވޯކަރެއް ހުންނާނެ ބީދައިން އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމް ލާމަރުކަޒީ ކުރަން ވަނީ އެދިފައެވެ.

މީގެ އިތުރުން މި ހަރަކާތުން ވަނީ ސޯޝަލް ވޯކަރުންނަށް އެކަށީގެންވާ ތަމްރީނާއި މުސާރަ ފޯރުކޮށްދޭން ގޮވާލާފައެވެ. އަދި ޖިންސީ ގޯނާ އަދި ރޭޕްގެ ސަވައިވަރުންނަށް އަމާޒުކޮށް ސޭފް ހޯމްތައް ގާއިމްކޮށް، ކުށްވެެރިން އިސްލާހުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްވެސް ވަނީ އެދިފައެވެ.

ފަންޑްއަވަރސޭފްޓީ އިން ވަނީ ޖިންސީ ކުށްތަކުގައި ހުކުމް ކުރެވޭ ފަރާތްތައް ފުރަތަމަ ރިހިބިލިޓޭޝަން ފުރިހަމަކުރަން ޖެހޭގޮތަށް ކްލެމެންސީގެ ގަވާއިދުތައް އިސްލާހުކުރަން އެދިފައެވެ. އަދި ޖެންޑަރ ބޭސްޑް ވަޔަލެންސާއި ގުޅިގެން ސިއްހީ ފަރުވާއަށް ފަސޭހައިން ވާސިލްވެވޭނެ މަގު ތަނަވަސްކޮށްދިނުމަށާއި، ޖެންޑަރ ބޭސްޑް ވަޔަލެންސްގެ ސަވައިވަރުންނަށް ފަސޭހައިން ގާނޫނީ އެހީތެރިކަމަށް ވާސިލްވެވޭނެ ގޮތް ހަދައިދޭންވެސް ވަނީ ގޮވާލާފައެވެ.

މުހިންމު ކަމެއް ގޯހުން ދާނަމަ އެކަމެއް ރަނގަޅު ކުރެވޭނީ ގިނަ ބައެއްގެ ބުރަ މަސައްކަތުންނެވެ. އެގޮތުން އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެސް، ހަރުދަނާ ކުރެވެންވެސް އޮތީ ހަމަ މިފަދައިންނެވެ. އެހެންކަމުން އަވަހަށް #ފަންޑްއަވަރސޭފްޓީ އަށް ގޮވާލާށެވެ. މިފަދަ ކަމަކުން މުޖުތަމައުއަށް އަންނަ ހެޔޮ ބަދަލަކުން ގިނަ ބަޔަކަށް ފައިދާ ކުރާނެތީއެވެ!

Advertisement

ކޮމެންޓް

Advertisement