މި ދުވަސްވަރު ކެފޭ އަދި ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލް ކުރެވޭނެގޮތް ހަދައިފި

05 Jul 2020 | 14:17

މާލޭގެ ފުރަބަންދަށް ލުއިދިނުމުގެ ތިންވަނަ މަރުހަލާގެ ތެރެއިން ކެފޭ އަދި ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލް ކުރެވޭނެގޮތް ހަދައިފިއެވެ.

މިފަދައިން އުސޫލަށް ބަދަލު ގެނެސްފައިވާކަން ރޭ ވަނީ ހާމަކޮށްފައެވެ.

މިކަމާއި ގުޅިގެން މީޑިޔާތަކުން ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރާއި ސުވާލުކޮށްލުމުން ސެންޓަރުގެ ތަރުޖަމާނު އަދި އެޗްޕީއޭގެ ސީނިއަރ މެޑިކަލް އޮފިސަރ ޑރ.ނަޒްލާ ރަފީގު ވިދާޅުވީ މިފަދައިން އަމަލުކުރަން ނިންމީ، ކަމާއި ބެހޭ ގިނަ ފަރާތްތަކާއި އެކުގައި މަޝްވަރާ ކުުރުމަށް ފަހުގައި ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހުގެ 20 ވަނަ ދުވަހު އާންމުކުރި ކެފޭ އަދި ރެސްޓޯރެންޓްތަކުގައި ޑައިން-އިންގެ ޚިދުމަތް ދިނުމުގެ އުސޫލުގެ ދަށުން، އެތަންތަނުގައި ސިނގިރޭޓާއި، ޝީޝާ އަދި އީސިނގިރޭޓު ބުއިމަކީ މަނާ ކަމެކެވެ. މިފަދައިން އޮތްކަމުގައިވެސް ބައެއް ފަރާތްތަކުން ކެފޭ ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލް ކުރިތަން ފެނިގެން ދިޔައެވެ.

އަދި މީގެ އިތުރުން ބައެއް ފަރާތްތަކުން އިޖްތިމާއީ ގައިދުރުކަން ތަންފީޒުކުރުމެއް ނެތި މަގުމަތީ ގްރޫޕް ހަދައިގެން ސިނގިރޭޓް ބޯން ތިބި މަންޒަރުތައްވެސް ދިޔައީ ފެންނަމުންނެވެ.

މިއާއި އެކު ކޮވިޑް-19އާ ގުޅިގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި އަމަލު ކުރަންވީ ގޮތުގެ އުސޫލު އަލުން އިސްލާހުކޮށް އާންމުކުރި އިރު، ކެފޭ އަދި ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލް ކުރެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލުކުރާ އިރު އެހެން މީހުންނަށް ނުފޯރާ ވަރުގެ ދުރުމިނެއްގައި ތިބެވޭނެ އިންތިޒާމު ހުންނަންވާނެކަމަށް ވަނީ ބުނެފައެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް