މިސަރުކާރަށް، ކުރީ ސަރުކާރުގެ ގެދޮރުވެރިކުރުމުގެ މަޝްރޫޢުގެ ތަފުސީލު ޝިޔާމު ސާފުކޮށްދެއްވައިފި

16 Jul 2020 | 08:49

ކުރީ ސަރުކާރުން ރައީސް ޢަބްދުﷲ ޔާމީން ފެއްޓެވި ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގެ ތަފުޞީލު އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމް ހާމަކުރައްވައިފިއެވެ.

މިއަދު ހައުސިން މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިން ބައްދަލުވެއްގައި ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓަރު މުޙައްމަދު އަސްލަމް ވަނީ ހިޔާގެ މަޝްރޫއުގެ ދަށުން އަޅަންހަމަޖެހިފައިވާ ފްލެޓްގެ ތަފްސީލްތައް އެރުވުމުގައި އޮޅުން އަރާފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.

އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް ޝިޔާމު މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް ޔާމީނުގެ ވެރިކަމުގައި ހުޅުމާލޭގައި ފަށާފައިވާ ގެދޮރުވެރިކަމުގެ މަޝްރޫޢު ކަމުގައިވާ ހިޔާ މަޝްރޫޢުގެ ފުލެޓުތަކުގެ ޖުމްލަ ޢަދަދު ހާމަކުރައްވާފައިވެއެވެ.

އެގޮތުން ހިޔާ މަޝްރޫޢުގެ ދަށުން އިޖުތިމާޢީ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން ބިނާކޮށްފައިވާ 7000 ފުލެޓުގެ އިތުރަށް ފައްޓަވާފައިވާ އިތުރު ބައެއް މަޝްރޫޢުތަކުގެ ތަފުސީލު ޝިޔާމު ހާމަކުރެއްވިއެވެ.

ކުރީ ސަރުކާރުގެ ގެދޮރުކުރުމުގެ މަޝްރޫއުގެ ތަފްސީލް:

ރައީސް ޔާމީނުގެ ވެރިކަމުގައި ހައްދަވަން ފެއްޓެވި 40 ޓަވަރެއްގެ އޮނިގަނޑުގެ މަސައްކަތް ނުވަތަ ސްޓްރަކްޗަރ މިހާރު ހުރީ ނިމިފައެެވެ. އެގޮތުން 7000 ފުލެޓަކީ 16 ޓަވަރުކަން ޝިޔާމު ފާހަގަކުރެއްވިއެވެ.

އެ 16 ޓަވަރުގެ އިތުރަށް، ދައުލަތުގެ ކުންފުނިތަކުން ބިނާކޮށްފައިވާ 12 ޓަވަރެއްގެ މަސައްކަތް ޝިޔާމު ފާހަގަކުރެއްވި އެ 12 ޓަވަރުގައި ޖުމްލަ 2400 ފުލެޓު ހުންނާނެއެވެ. ސަރުކާރުން އިޢުލާނުކުރި 1 ކޮޓަރީގެ އެޕާޓުމެންޓުތަކަކީ މިފުލެޓުތަކުން ސަރުކާރަށް ނަގައި އިޖުތިމާޢީ ގެދޮރުވެރިކަމުގެ ތެރެއަށް ނެރޭ ފުލެޓުތަކެކެވެ.

އަދި އޭގެ އިތުރަށް ފާއިތުވި މަހުގެ ތެރޭގައި ސްޓްރަކްޗާ މަސައްކަތް ނިމިފައިވާ އިތުރު 12 ޓަވަރެއްގެ ވާހަކަވެސް ޝިޔާމު ފާހަގަކުރެއްވިއެވެ. އެޓަވަރުތަކުގައި 1400 އެޕާޓުމެންޓުތައް ހުންނާނެއެވެ. ޖުމްލަ ރައީސް ޔާމީންގެ ވެރިކަމުގައި ފައްޓަވައި ބިނާކުރެއްވި ހައުސިން ޔުނިޓުގެ ޢަދަދަކީ 10800 ފުލެޓުކަމުގައި ޝިޔާމް ފާހަގަކުރެއްވިއެވެ.

އަދި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މިއިން ބޭރުން ގިނަ ޢަދަދެއްގެ ގެދޮރު އަމިއްލަ ކުންފުނިތަކުން ބިނާކޮށްފައިވާ ކަން މެންބަރު ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ އަސްލަމް އަށް އޮޅިވަޑައިގަތީ؟

މިނިސްޓަރު އަސްލަމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ދޭނެ ކަމަށް މިދިޔަ ސަރުކާރުން އިއުލާން ކުރި ނަމަވެސް ބައެއް ކެޓަގަރީތަކުގެ ފްލެޓްތައް އަޅަން ފަށާފައި ނުވާ ކަމަށެވެ.

"އެއް ކޮޓަރީގެ ފްލެޓްތައް ހަދަން ފަށާފައެއް ނެތް. އިއުލާން ކުރި ނަމަވެސް ހަދަން ފަށާފައެއް ވެސް ނެތް،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރ އަސްލަމް މިފައިން ހާމަކުރައްވާފައިވީނަމަވެސް، އެއްކޮޓަރީގެ ފްލެޓްތަކުގެ މަސައްކަތް ހުޅުމާލެގައި ސަރުކާރު ކުންފުނިތަކުން އަޅަމުންދާ ފްލެެޓްތަކުގެ ތެރޭގައި ކުރިއަށް އެބަދެއެވެ.


Advertisement

ކޮމެންޓް