Advertisement

ދިވެހިރާއްޖެއިން ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރާ މަސައްކަތަށް ސާބަސްދެން: އެމެރިކާ

07 Jul 2020 | 12:25

ދިވެހިރާއްޖެއިން ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރާ މަސައްކަތަށް ސާބަސްދޭކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާރޓްމެންޓުން ބުނެފިއެވެ.

ސްޓޭޓް ޑިޕާރޓްމެންޓުން މިފަދައިން ބުނެފައިވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ އަދި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ދެމެދު ބޭއްވި ފޯނު ކޯލަކަށް ފަހު ކުރި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައިވާ ގޮތުގައި ދިވެހިރާއްޖޭގެ އެެކުވެރިއަކަށް ވުމަކީ އެމެރިކާއަށް ލިބޭ ފަޚުރެކެވެ. އަދި ދިވެހިރާއްޖެއިން ޑިމޮކްރަސީ ހަރުދަނާކޮށް އިންޑޯ-ޕެސިފިކް ސަރަހައްދުގެ އެހެނިހެން ގައުމުތަކާއި ގުޅުންތައް ބަދަހިކުރުމަށް ކުރާ މަސައްކަތަށް ސާބަސްދޭކަމަށްވެސް ވަނީ ބުނެފައެވެ.

ސްޓޭޓް ޑިޕާރޓްމެންޓުން ވަނީ ދެގައުމުގެ ޚާރިޖިއްޔާގެ އެންމެ އިސްވެރިންގެ މެދުގައި ކުރިއަށް ގެންދެވުނު މި ކޯލަކީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ހަރުދަނާވެ، އިތުރަށް ހަރުދަނާ ވާނެކަމުގެ ހެއްކެއްކަމަށް ބުނެފައެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި ފޯންކޯލްގެ ތެރެއިން މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19 ބަލިމަޑުކަމާއި ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެމެރިކާއިން ދެމުންދާ އެހީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި މެދުވެސް ވަނީ މަޝްވަރާ ކޮށްފައެވެ.

Advertisement

ކޮމެންޓް