މިރެއަށް ތާވަލް ކުރި ޕީޕީއެމް މައްސަލައިގެ ހުކުމް އިއްވުން ކެންސަލްކޮށްފި
ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ކޮންގްރެސް ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކުރުމަށް އެޕާޓީއިން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން މިރޭ 8:30 ހަށް ހައިކޯޓުގައި ތާވަލްކުރުމަށް ފަހު ކެންސަލްކުރައްވައިފިއެވެ.
ޕީޕީއެމް ކޮންގްރެސް ބަލައި ނުގަންނަން އީސީއިން ނިންމީ އެ ޕާޓީގެ ކޮންގްރެސްގައި އެހެން ޕާޓީތަކުގެ މެންބަރުން ވޯޓްލާފައިވުމާއި ކޮންގްރެސް ބޭއްވުމުގައި ގެންގުޅުނު ބައެއް އިޖުރާއަތުތައް ގޯސްކޮށް ހުރުމުން ކަމަށް އީސީއިން ހައިކޯޓްގައި ބުނެފައިވެއެވެ.
އޭގެ ޖަވާބުގައި ޕީޕީއެމް އިން ބުނެފައިވަނީ އެޕާޓީގެ ނިންމުންތައް ނިންމާފައިވަނީ އީސީގެ އޮބްޒާވަރުންގެ ބެލުމުގެ ދަށުން ކަމަށާއި އަދި އެވަގުތު އެއްވެސް މައްސަލައެއް ފާހަގަ ނުކޮއް މައްސަލަތައް ފާހަގަކުރީ މާފަހުން ކަމަށާއި އެހެންކަމުން ކޮންގްރެސް ސައްހަނުވާނެ ސަބަބެއް ނެތް ކަމަށެވެ.
ސެޕްޓެމްބަރ މަހު ބޭއްވުނު ޕީޕީއެމް ކޮންގްރެސްގައި އެ ޕާޓީގެ މުޝްތަޝާރު ރައީސް އަބްދުﷲ ޔާމީން އެ ޕާޓީގެ ރައީސް ކަމަށް އިންތިހާބުކުރުމުގެ އިތުރުން ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރާއި، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ އައްޔަންކޮށްފައެވެ. އަދި އާ ކައުންސިލެއް ވެސް ޕީޕީއެމްއިން އެކުލަވާލިއެވެ.
ހައިކޯޓުން ވަނީ މިމައްސަލައިގެ ދެ އަޑުއެހުމެއް މީގެކުރިން ބާއްވާފައެވެ. އެގޮތުން މިދިޔަ އަންގާރަދުވަހު ބޭއްވި އެމައްސަލައިގެ އެންމެ ފަހު އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ދެން އިތުރު ކަމެއް ސާފު ކުރަން ބޭނުން ނޫން ނަމަ ދެން އޮންނާނީ ހުކުމް ކަމަށް އިއުލާންކޮށްފައެވެ.
2016 ވަނަ އަހަރު ސިވިލް ކޯޓުންވަނީ ރައީސް އަބްދުﷲ ޔާމީންއާ ޕާޓީ ހަވާލުކޮށް ޕާޓީގެ ގައުމީ ޖަލްސާއެއް ނޫނީ ކޮންގްރެސް ރައީސް އަބްދުﷲ ޔާމީންގެ ބެލުމުގެ ދަށުން ބޭއްވުމަށް ހުކުމް ކޮއްފައެވެ.
ނަމަވެސް ވޭތުވެދިޔަ ދެ އަހަރުވެސް ކޮންގްރެސް އެއް ނުބާއްވާ އެންމެފަހުން ކޮންގްރެސްއެއް ބާއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ޕީޕީއެމްގެ ކޮންގްރެސް ބޭއްވިއިރު ޕީޕީއެމްގެ ލީޑަރޝިޕް ސައްޚަ ނޫންކަމަށް ބުނެ އެޕާޓީ ރައީސް މައުމޫނަށް ހަވާލްކޮއްދިނުމަށްއެދި ސިވިލް ކޯޓަށް އަމިއްލަ މެންބަރަކކު ހުށައަޅާފައިވަނިކޮއްނެވެ. މިމައްސަލަ މިހާރުވަނީ ސުޕްރީމް ކޯުން ހުއްޓުވާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists