Advertisement

ގުބާރު 7

07 Jul 2020 | 13:11

މަލާޒު އެރޭ ގެއަށް އައި މަގުމަތީގައާއި އަދި ގެއަށް އައުމަށްފަހު ވެސް އޭނާ ވިސްނަމުން ދިޔައީ ނާޝިދު ދެއްކި ވާހަކަތަކާއި ދޭތެރޭގައެވެ. މަލާޒުގެ ބަނަވެ އަދިރިވެފައިވާ ހަޔާތުގައި ހަގީގީ ކުލައެއް ޖައްސައިދޭނެ ވަރުގެ މީހަކާއި ދިމާވުމުން އެއީ މަލާޒުގެ ނަސީބު ބާއޭ ހިތަށް އެރިއެވެ. އެނދުމަތީގައި، ނިތްކުރި މަތީ އަތްބާއްވަލައިގެން އޮވެ މަލާޒު ވިސްނަމުން ދިޔައީ އޭނާގެ ހަޔާތް، އަދާއި ހަމަށް ވޭތުކުރެވިފައިވާ ގޮތާއި މެދުގައެވެ. ޒުވާން އުމުރު މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، އެތަކެއް މާރާމާރީތަކެއް ހިންގައި ހަލާލު ނޫން ގޮތުގައި ހޯދާފައިވާ މުއްސަދި ކަމުގައި ދިރިއުޅުން ހޭދަވެގެން ދިޔަގޮތް ވެސް އޭނާއަކަށް ރެއަކާ ނުލައެވެ.

ސާރާއަށް އެރޭ ނިދަން ވަރަށް އުނދަގޫވިއެވެ. އެރޭ އަފީފު އޮތީ ސާރާ ކައިރީ އެ ކޮޓަރިގައެވެ. އަފީފު އިރުއިރުކޮޅުން ކެއްސާލައެވެ. ނޫނީ ފާހާނާއަށް ދާން ތެދުވެއެވެ. ސާރާއަށް ލޮލުފިޔެއް ޖަލާލެވުނު އިރު ހުރީ ދަންވަރު ދޭއް ޖަހާ ބޮޑުވެފައެވެ. ފަތިސްވުމާއެކު އޭނާ ނަމާދުކުރަން ހޭލިއެވެ. އެދުވަހަކީ ސާރާގެ ހެނދުނު ފްލައިޓެއް އޮތް ދުވަހެކެވެ. ވުމާއެކު އޭނާ ނަމާދުކޮށްގެން ރީތިވެގެން އަވަސްވެގަތީ އެއާޕޯޓަށް ދިއުމަށެވެ. ޓެކްސީ ގޮސް މަޑުކޮށްލީ އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށެވެ. ޓެކްސީއިން ފައިބައިގެން ޑްރައިވަރު ޑިކީއިން ފޮށި ނަގާދިނުމާއެކު ސާރާ ފޮށި ދަމާފައި އެތެރެއަށް ވަންނަ ދަނިކޮށް އޭނާގެ ކަނާތް ފަރާތުން މީހަކު ގޮވިއެވެ.

ހަމަ ޔަގީނުންވެސް އެ އަޑަކީ ސާރާއަށް އާ އަޑެއް ނޫނެވެ. ސާރާގެ ކަންފަތުގައި އެ އަޑު ޖެހުނު ވަގުތު ހިތުގައި ދިލަ ރިހުމެއް އުފެދުނެވެ. އާއެކެވެ. އެއީ މަލާޒުގެ އަޑެވެ. "ސާރާ މަޑުކޮށްލަބަލަ!." މަލާޒު ގޮވާލީ އެހެންނެވެ. ސާރާއަށް ހުރެވުނީ ހުރިފިޔަވަޅުމަތީ ގަނޑުވެފައިވާ ގަނޑުފެން ގަނޑެއް ފަދައިން ހުއްޓިގެންނެވެ. "ސާރާ ކިހިނެއްތަ؟." މަލާޒު ސާރާގެ ކުރިމައްޗަށް އެރިއެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އެކަކު އަނެކަކުގެ ލޮލުގައިވަނީ އެކަކު އަނެކަކުދެކެވާ ލޯބީގެ ކަރުނައެވެ. ދެމީހުންވެސް ފަތަމުން ދިޔައީ ފުން، އަޑިނޭގޭ ކަރުނައިގެ ބިޔަ ކަނޑެއްގައެވެ.

"އަހަރެން. އަހަރެން ރަނގަޅު. މަލާޒު؟." ސާރާގެ އަޑު ބެދުނެވެ. އިތުރަކަށް އޭނާއަކަށް އެއްވެއް ވާހަކައެއް ނުދެއްކުނެވެ. "މަސައްކަތް މިކުރަނީ ރަނގަޅަށް ހުރެވޭތޯ. އިރާދަކުރެއްވިއްޔާ ސާރާދެން އަހަރެން ކައިރިއަށް އަންނަ ދުވަހަކުން ސާރާއަށް ފެންނާނީ މުޅިން ތަފާތު މަލާޒެއް. އަހަރެން ސާރާ އަންނަންދެން އިންތިޒާރުކުރާނަން. ސާރާ ބީވެދިއުމުން އަހަރެންނަށް ވަރަށް ރަނގަޅު ފިލާވަޅުތަކެއް ލިބިއްޖެ. އަހަރެން ވަރަށް ލޯބިވޭ." މަލާޒުގެ ޖުމްލަތަކުން ސާރާގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ހޯސްލާފައި އޭނާގެ ކޯތާފަތް މައްޗަށް ފޭބިއެވެ. މަލާޒު އިތުރު އެއްޗެކޭ ނުބުނެ އެތަނުން ހިނގައިގަތެވެ.

ސާރާއަށް އިރުކޮޅެއް ވަންދެން އެތަނުގައި އެ ހުރި ގޮތަށް ހުރެވުނެވެ. އޭނާއަށް ރެއަކާލީ ފަހަތުން މައުސޫމާ އައިސް އޭނާގެ އަތުގައި ހިފައި ތަޅުވައިލުމުންނެވެ. ދުރުގައި ހުރި މައުސޫމާއަށް އޭގެ ކުޑައިރުކޮޅެއް ކުރިން ހިނގާދިޔަ ހުރިހާ ކަމެއް ފެނުނެވެ. ވުމާއެކު އޭނާ ސާރާއާއި އިތުރު ސުވާލެއް ކުރުމެއް ނެތި އެތަނުން ހިނގައިގަތުމަށް އެދުނެވެ. ފްލައިޓަށް އެރުމުގެ ކުރިން ސާރާ އޭނާގެ ކެބިންއަށް ވަދެ ހަޑިވެފައިވާ މޭކަޕް ރީތިކޮށްލިއެވެ. އެވަގުތު އެތަނަށް މައިހާ އައެވެ. މައިހާ އަކީ ފެށުނީއްސުރެން ސާރާއާއި ޖައްސާލާފައި ހުންނަ ކުއްޖެކެވެ. އޭނާގެ ބޮޑާ ކަމާއި ކިބުރުވެރިކަމަކީ ދުވަހަކުވެސް އޭނާގެ ކިބައިން ނުފިލާނެ ސިފައެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ސާރާ، އޭނާއަށް ވުރެ ރީތިވުމުން މައިހާ އަބަދުވެސް ސާރާއަށް ހަސަދަވެރިވެއެވެ.

"މީ ހާދަހާ ފާޑެއްގެ ޒަމާނެކޭ ދޯ. ހުރިހާ އެންމެންވެސް ލޯބި ދޫކޮށްލާފަ ދުވަނީ ލާރި ފަހަތުން. ބައެއް މީހުންނަށް ފައިސާއާއި ނުފޫޒަކީ ހާދަ އަގުބޮޑު އެއްޗެކޭ ދޯ ސާރާ." މައިހާ ދޯ ދިނީ ސާރާއަށެވެ. ޔަގީނެވެ. މައިހާ އަށް އަފީފުގެ ހަބަރު ލިބުނީއެވެ. މައިހާ އަކީ ވާހަކަ ހޯދާ ވާހަކަ ފަތުރަންވެއްޖިއްޔާ ނޫސްވެރިއަކަށް ވެސް ދޫކުރާނެ ވަރުގެ މީހެއް ނޫނެވެ. " ނުފޫޒާއި ފައިސާ އަކީ ފަހަރުގަ މައިހާ ކަހަލަ ރަންޑިންނަށް ވަރަށް މުހިއްމު އެއްޗަކަށް ވެދާނެ. ބައެއް ފަހަރު ތިބުނާ ނުފޫޒާއި، ފައިސާ ލިބުނަސް އޭގެ އަވާގައި ނުޖެހި ލޯބި ފަހަތުން ދުވާ މީހުންވެސް މަދެއް ނޫން. ލޯބިވުމަކީ ކިހާވަރެއްގެ ގުރުބާނީއެއް ވާންޖެހޭ ކަމެއްކަން ތިކަހަލަ މީހުންނަކަށް ނޭންގޭނެ." ތުންފަތުގައި ޖެއްސި ލިޕްސްޓިކް ސައިޑު ދަބަހަށް ލަމުން ސާރާ ރައްދު ދިނެވެ. އަދި އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު މައިހާއަށް ނުދީ އެތަނުން ނިކުމެގެން އޭނާ ހިނގައިގަތެވެ.

އެދުވަހު ފްލައިޓު ތެރޭގައި ސާރާއަށް ހިދުމަތް ދޭންޖެހުނީ ގަދަކަމުން ހިނިތުންވެ ހުރެއެވެ. އޭނާ ހުރީ ކާޑެއްދޫ އެއާޕޯޓަށް ފްލައިޓު ޖައްސާނެ އިރެއްގެ އިންތިޒާރުގައެވެ. ސާރާ މާލެ އަންނަ ހަމަޖެހިފައި އޮތީ ޖެހިގެން އަންނަ ދުވަހުގެ ރޭގެ ފްލައިޓަކުންނެވެ. ކާޑެއްދޫ އެއާޕޯޓަށް ފްލައިޓު ޖައްސައި މީހުން ފްލައިޓުން ފޭބުމާއެކު، ސާރާވެސް ފްލައިޓު ތެރޭގައި އިތުރަށް ޗެކުކުރަން ޖެހޭ ކަންކަން ޗެކުކުރުމަށްފަހު ފްލައިޓުން ފޭބިއެވެ. އަދި އެކަމަޑޭޝަން ހަމަޖެހިފައިވާ ތަނަށް ގޮސް ފެންވަރާލައިގެން އެނދުގައި ޖައްސާލިތަނާހެން އަފީފުގެ މެސެޖެއް އައެވެ. އޭގައި އޮތީ ސާރާ މަތިން ވަރަށް ހަނދާންވާ ވާހަކައެވެ. މެސެޖު ކިޔާފައި ސާރާއަށް އޭނާގެ އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ. އަދި ދެރަވެސް ވިއެވެ. އެގޮތުގައި ސިކުނޑި ގޭނިގޭނި އޮތްވާ އޭނާއަށް ނިދުނެވެ.

މަލާޒާއި ނާޝިދުގެ ގުޅުން އައީ މަޑުމަޑުން ބަދަހިވަމުންނެވެ. މަލާޒަކީ މަސްތުވާތަކެތި އާއްމުގޮތެއްގައި ބޭނުން ކުރާ މީހަކަށް ނުވުމުން، އޭނާއަށް އެކަމާއި ދުރުވާން ފުދޭވަރަކަށް ފަސޭހަވިއެވެ. ނަމަވެސް އެތަކެތި އެއްކޮށް ހުއްޓާލި ފުރަތަމަ ހަފްތާގައި އޭނާއަށް ޖެހުނީ ބަރުދާސްތު ކުރަންވެސް އުނދަގޫ ވޭނެއްގައި އުޅެންށެވެ. ރަނގަޅަށް ނޭވާ ނުލެވި، ހޮޑުލެވި، ވަރުދެރަވެ، މުޅި ގައިގައި ނުރިއްސާ ރެއެއް ނުދެއެވެ. ބޮލުގެ ރިހުމާއި ބަނޑުގެ ރިހުން ކެނޑިގެނެއް ނުދެއެވެ. ނަމަވެސް މަލާޒު އެ ހާލަތުގައިވެސް ކެތްތެރިވިއެވެ. އޭނާގެ އަޒުމު މިފަހަރު ވަރަށް ވަރުގަދައެވެ. ޑޮކްޓަރުގެ ލަފަޔާއި، ސައިކޮލޮޖިކަލް ތެރަޕީގެ އެހީތެރި ކަމާއެކު، އެކަމުން އެއްކޮށް ދުރުވާން މަސް ދުވަސް ހޭދަވެގެން ދިޔައެވެ. އެހާ ކުރު މުއްދަތެއްގެ ތެރޭގައި މަލާޒު ރަނގަޅުވުމުން ނާޝިދުވެސް ހުރީ އަޖައިބުވެފައެވެ. ނާޝިދު އަކީ އަމިއްލަ ވިޔަފާރިއެއް ކުރާ މީހެއް ކަމަށްވުމާއެކު، އޭނާއަށް ގިނަ ވަގުތު މަލާޒު ކައިރީ ހޭދަކުރުމުގެ ފުރުސަތު ލިބެއެވެ.

ނާޝިދުގެ ރަނގަޅުކަން ފެނިފައި މަލާޒު އޭނާގެ މައިންބަފައިން މަތިން ވަރަށް ހަނދާންކުރެއެވެ. އޭނާ ހިތަށް އަރައެވެ. އޭނާގެ މައިންބަފައިންވެސް އޭނާއަށް އަޅާލާ އޯގާތެރިވިނަމަ މިއަދު އޭނާ ހުންނާނީ ވަރަށް ރަނގަޅު މީހެއްގެ ގޮތުގައެވެ. މަލާޒު، ނާޝިދު ދެކެމުން އައީ އޭނާގެ ބޭބެއެއްގެ ގޮތުގައެވެ. މަޑުމަޑުން ދެމީހުން އެކުގައި މިސްކިތަށް، ޖަމާޢަތަށް ނަމާދަށް އަރަން ފެށިއެވެ. ނަމާދާއި ދުރުވެފައިވާ މަލާޒަށް މިސްކިތުގެ ދޮރުން އެތެރެއަށް ވަދެވި ނަމާދަށް ސަޖިދަ ޖެހުނު ދުވަހު އޭނާއަށް ބުނެދޭން ނޭންގޭ ކަހަލަ ހިތް ހަމަޖެހުމަކާއި އުފާވެރިކަމެއް ގެނުވިއެވެ.

މަލާޒު މަޑުމަޑުން ދީނީ ދަރުސްތައް އަޑުއަހަން ފެށިއެވެ. އަދި އިސްލާމްދީނާއި ގުޅޭގޮތުން އޭނާއަށް ނޭންގޭ އެތައް ވާހަކަތަކެއް އެނގެން ފެށުމާއެކު، އިތުރަށް ދީނީ ކަންކަމަށް ލޯބިޖެހެން ފެށިއެވެ. އަދި ދީނީ ކަންކަން ހޯދައި ދިރާސާ ކުރަން ފެށިއެވެ. އޭރުވެސް މަލާޒުގެ ހިތުތެރޭގައި ފޮރުވައިގެން ގެންގުޅެމުން ދިޔަ ލޯތްބައް ކުޑަވެސް ބަދަލެއް ނާދެއެވެ. އޭނާގެ ހިތުގަ ވިންދު ޖަހާހާ ހިނދަކު، އެ ވިންދުން ހަމައެކަނި ކިޔާނެ ނަމަކީ ސާރާއެވެ. މަލާޒު އިންތިޒާރުކުރަމުން ދިޔައީ ސާރާ އޭނާގެ ހަޔާތަށް އެނބުރި އަންނާނެ ދުވަހަކަށެވެ. އެ ދުވަހެއް އާދޭތޯ އޭނާ ދިޔައީ ހެއްދެވިފަރާތަށް ކެނޑިނޭޅި ދުއާކުރަމުންނެވެ.

ހިތްގައިމު ދުވަހެއްގެ ހަވީރުގެ ވަގުތެކެވެ. ސާރާ ހުރީ ބެލްކަނީގައި އިންދާފައި ހުރި ގަސްތަކަށް ފެންދޭންށެވެ. އެހެން ހުއްޓާ އޭނާގެ ފޯނު ރިންގުވާ އަޑު އިވުނެވެ. ފޯނު އައީ ލައިން ނަންބަރަކުންނެވެ. ސާރާ ފޯނު ނެގުމަށްފަހު ހަލޯ އޭ ބުންޏެވެ. "ސާރާ!. ވަރަށް އަވަހަށް އޭ.ޑީ.ކޭއަށް ދުރުވެދެއްވާ. މީ ޑރ.ނަވީން. އަފީފުގެ ބެއްލެވި ޑޮކްޓަރ." އިތުރު ސުވާލުތަކެއް ނުކޮށް ސާރާ އަވަސްވެގަތީ މަތި ހަދާލައިގެން ހޮސްޕިޓަލަށް ދިއުމަށެވެ. ހޮސްޕިޓަލަށް ދެވުމާއެކު، ކައުންޓަރަށް ގޮސް ޑޮކްޓަރު ހުރި ހިސާބެއް ހޯދައިގެން އޭނާ އެ ދިމާލަށް ދިއައެވެ. ޑޮކްޓަރު ހުރީ އައިސީޔޫ ޑިޕާޓްމަންޓުގައެވެ.

އޭރު މީޑިއާތަކުގެ ބައެއް މީހުންވެސް އައިސޫޔޫ ޑިޕާޓްމަންޓާއި ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ތިބިތަން ފެނުނެވެ. ސާރާ މަޑުމަޑުން ހަމަޖެހިލާފައި ހިނގާފައި ގޮސް އެތަނުގެ ބޭރުގައި ހުރި ނަރުހެއް ގާތު އޭނާ އަކީ އަފީފުގެ އަންހެނުން ކަމުގައި ބުންޏެވެ. ހަމަ އެވަގުތު ޑޮކްޓަރުވެސް އައިސީޔޫއިން ނިކުތެވެ. ޑޮކްޓަރުގެ މޫނުމަތިން ފެންނަން ހުރީ ހާސް ކަމާއި ނުތަނަވަސް ކަމެވެ. އެވަގުތު ސާރާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އޭނާގެ އަތްފައިން ދާހިއްލަން ފެށިއެވެ. "އަ..އަފީފު!. ނިޔާވީތަ؟." ސާރާއަށް ބޭ އިހްތިޔާރުގައި އަހާލެވުނެވެ.

Advertisement

ކޮމެންޓް