ޚާރިޖީ ވަޒީރުގެ މަގާމުގައި ހުންނެވީ އެ މަގާމަށް އެންމެ ކުޅަދާނަ ބޭފުޅާ: ރައީސް ނަޝީދު

08 Jul 2020 | 10:00

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުގެ މަގާމުގައި މިހާރު ހުންނެވީ އެ މަގާމަށް އެންމެ ކުޅަދާނަ ބޭފުޅާކަމަށް އެމްޑީޕީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިރޭ ޖަމާލުއްެދީން ސްކޫލްގެ ހޯލްގައި އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވާހަކަފުޅު ނުދައްކަވާ ގައުމެއް، ވަޑައިނުގެންނެވޭ ފޮރިން އޮފީހެއް އަދި ޕްރައިމް މިނިސްޓަރެއް ރައީސެއްގެ ގެއެއް އޮފީހެއް ނެތްކަމަށެވެ. އެއީ ދިވެހިން ފަޚުރުވެރިވާ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހިންނަށް މިއަދު ކަންކަމާއި މެދު މަޝްވަރާ ކުރެވި ވާހަކަ ދެކެވޭކަމަށްވެސް ފާހަގަކުރެއްވިއެވެ

މިރޭގެ ވާހަކަފުޅުގައި ރައީސް ނަޝީދު ވަނީ މިވަގުތު ރާއްޖޭގެ ފޮރިން މިނިސްޓަރކަމުގެ މަގާމުގައި ހުންނެވީ އެ މަގާމަށް އެންމެ ރަނގަޅު ބޭފުޅާކަމަށްވެސް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ޚާރިޖީ ވަޒީރެއްގެ ގޮތުގައި ހަމަ ޝައްކެއް ނެތްގޮތުގައި އެ ހުންނެވީ މި ދިވެހިރާއްޖޭގައި މިއަދު އެކަމަށް ހުރި އެންމެ ތަޖުރިބާކާރު އެންމެ ކުޅަދާނަ ބޭފުޅާ. އަޅުގަނޑު އެބޭފުޅާއަށްވެސް ފަށްފަށުން ޝުކުރު ދަންނަވަން"، ރައީސް ނަޝީދު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން ވެރިކަމާއި ހަވާލުވުމަށް ފަހު ދަނީ ދިވެހި ޚާރިޖީ ސިޔާސަތަށް ގިނަ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ކޮމަންވެލްތާއި އަލުން ގުޅި، ނެއިބާރހޫޑް ފަސްޓް ޕޮލިސީގެ ދަށުން އިންޑިޔާއާއި އެކު ގުޅުންތައް ބަދަހިކޮށް ކްލައިމެޓް ޑިޕްލޮމެސީގެ ދާއިރާގައި ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. އެހެނަސް މި ބަދަލުތަކަކީ ހެޔޮނޫން، ދިވެހިރާއްޖޭގެ ސިޔާދަތަށް ގެއްލުންވާނެފަދަ ބަދަލުތަކެއް ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.

ފޮޓޯ: އަވަސް

Advertisement

ކޮމެންޓް

Advertisement