Advertisement

އައިލެންޑް އެކްސްޕާޓުން ބުނަނީ ފްލެޓްތަކުގެ މަސައްކަތްތައް ނުނިމި ލަސްވަނީ ސިޔާސީ ކަންކަމާއި ހެދިކަމަށް!

08 Jul 2020 | 09:40

އައިލެންޑް އެކްސްޕާޓް ކުންފުނީގެ ފަރާތުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ނުނިމި ލަސްވަމުންދަނީ ސިޔާސީ ކަންތައްތަކާއި ހެދިކަމަށް އެކުންފުނިން ބުނެފިއެވެ.

މީގެ ކުރިން އެ ފްލެޓްތަކުގެ މަސައްކަތް ކުރުމަށް ހަވާލުކުރެވިފައި އޮތީ ނޫމަޑި ކުންފުންޏާއިއެވެ. ނަމަވެސް މި މަޝްރޫއުގެ ދެ އެމްޕްލޯޔަރުން ކަމުގައިވާ ޕޮލްކޯ އަދި ސިފްކޯއިން ވަނީ އެކުންފުންޏާއި އެކު ވެފައި އޮތް އެއްބަސްވުން 2016 ވަަނަ އަހަރުގެ ތެރޭގައި އުވާލާފައެވެ. އެއާއި އެކު، ހަމަ އެ އަހަރުގެ ތެރޭގައި ތައިލޭންޑް އަދި އެހެނިހެން ގައުމުތަކުގެ ގިނަ ހިއްސާދާރުން ހިމެނޭ އައިލެންޑް އެކްސްޕާޓް ކުންފުންޏާއި ފްލެޓްތަކުގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.

މި ފްލެޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާއިރު، އައިލެންޑް އެކްސްޕާޓް ކުންފުނީގެ މުވައްޒަފުންނަށް 7 މަހުގެ މުސާރަ ނުލިބޭ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މި މައްސަލައިގައި އެ ބިދޭސީން އިހުތިޖާޖް ކޮށްފައިވާއިރު، މިމަހުގެ 10ގެ ކުރިން މުސާރައިގެ ކަންތައްތައް ހަމަޖައްސަން މުހުލަތެއް ވަނީ ދީފައެވެ.

މި ފްލެޓްތަކުގެ މައްސަލައާއި ގުޅޭގޮތުން ރާއްޖޭގެ މީޑިޔާއެއް ކަމުގައިވާ "މިހާރު" ނޫހަށް ދެއްވި އިންޓަރވިއުއެއްގައި އައިލެންޑް އެކްސްޕާޓް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަނޮން ސޮންގްޕަންޔާ ވިދާޅުވި ގޮތުގައި އެ މަސައްކަތް ނުނިމި ދިގުލައިގެންދާ އެއް ސަބަބަކީ ދިވެހިރާއްޖޭގެ ސިޔާސީ ކަންތައްތަކެވެ. އެގޮތުން ސިޔާސީގޮތުން ދިވެހިރާއްޖެއަށް ކޮންމެ ބަދަލަކާއި އެކު ފްލެޓްގެ މަސައްކަތްތައް ހުއްޓާލަން އަންގާ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. މިފަދައިން މަސައްކަތް ހުއްޓާލައިގެން ގިނަ ދުވަސްތަކެއް ވަންދެން ތިބެންޖެހޭކަމަށްވެސް ފާހަގަކުރެއްވިއެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި އަނޮން އަކީ މީގެ ކުރިން ނޫމަޑި ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް ފްލެޓުތަކުގެ މަސައްކަތް އައިލެންޑް އެކްސްޕާޓްއާއި ހަވާލުވިފަހުން އެބޭފުޅާ ވަނީ ނޫމަޑީގެ ހިއްސާ ދޫކުރައްވާފައެވެ. 

އަނޮން ވަނީ ފްލެޓްގެ މަސައްކަތްތައް އިތުރަށް ކުރުމަށް އައިލެންޑް އެކްސްޕާޓް ކުންފުންޏަށް މާލީގޮތުން ދަތިތަކާއި ކުރިމަތިލާން ޖެހުމުން، ދިވެހި ސަބް ކޮންޓްރެކްޓަރެއް ހޯދާފައިވާކަމަށް ހާމަކުރައްވާފައެވެ. އަދި ސަބް ކޮންޓްރެކްޓަރަށް ފްލެޓްގެ މަސައްކަތްތައް ހަވާލު ކުުރުމުން މި އަަހަރު ނިމެންވާއިރަށް މަސައްކަތްތައް ނިމޭނެކަމަށް ލަފާކުރައްވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް

Advertisement