Advertisement

މާނުއާއި ދެކޮޅަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތަހުގީގަށް އޭނާ ރާއްޖެއިން ބޭރުގައި ހުރުމުން ދަތިތަކެއް!

08 Jul 2020 | 12:28

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫން (ގޭސް މާނު)ގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތަހުގީގަށް އޭނާ ރާއްޖެއިން ބޭރުގައި ހުރުމުން ދަތިތަކެއް ކުރިމަތިވެފައިވާކަމަށް އޭސީސީން ބުނެފިއެވެ.

އެ ކޮމިޝަނުން މިފަދައިން ބުނެފައިވަނީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމެޓީގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭސީސީގެ ނައިބު ރައީސް ފާތިމަތު އަނޫލާ ވިދާޅުވީ މާނުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަހުގީގަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން މައްސަލަތަކާއި ގުޅުންހުރި ލިޔެކިޔުންތަކާއި އެހެނިހެން ހެކިތައް ހޯދިފައިވާކަމަށް އަނޫލާ ވިދާޅުވިއެވެ.

ނަމަވެސް މިވަގުތު މާނު ރާއްޖެއިން ބޭރުގައި ހުންނެވުމުން ތަހުގީގަށް ދަތިތަކާއި ދިމާވެފައިވާކަމަށް އެކަމަނާ ވިދާޅުވިއެވެ. އެކަމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެހީއަކަށް އެދުމަށް ނިންމާފައިވާކަމަށް އަނޫލާ ވިދާޅުވިއެވެ. 

މިކަމާއި ގުޅިގެން އެ ކޮމެޓީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، ބޮންޑޭ ވަނީ އިންޓަޕޯލް މެދުވެރިކޮށް މާނު ގެނައުމުގެ އެހީއަކަށް ފުލުހުންގެ ކިބައިން އެދިފައި ވޭތޯ ސުވާލު އުފައްދަވާފައެވެ. 

ކުރީގެ ފަސްޓްލޭޑީ ފާތިމަތު އިބްރާހީމާއި ގާތް ގުޅުމެއް އޮތްކަމަށް ފާހަގަވި މާނުގެ މައްޗަށް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ފެންމަތިވިއެވެ. ނަމަވެސް މި މައްސަލަތަކުގެ ތަހުގީގަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނެރެދިނުމަށް އެދި ކޯޓްގައި އެދިފައިވަނިކޮށް، އޭނާ ވަނީ ރާއްޖެއިން ފުރާފައެވެ. 

ފޮޓޯ: ރާއްޖެއެމްވީ

Advertisement

ކޮމެންޓް