ވިކްޓިމް ބްލޭމިންގްއަކީ ގާނޫނީގޮތުން ބޮޑު ކުށަކަށް ހަދަން ޖެހޭ: ހައިތަމް

08 Jul 2020 | 16:14

ޖިންސީ ގޯނާ އަދި އަނިޔާ ލިބޭ ފަރާތްތަކަށް އަމާޒުކޮށް ވިކްޓިމް ބްލޭމިންގް ކުރުމަކީ ގާނޫނީގޮތުން ބޮޑު ކުށަކަށް ހަދަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އެބޭފުޅާ ހުށައެޅުއްވި ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ކުރަމުންދާ އަނިޔާ ހުއްޓާލުމުގެ ގޮތުން ދައުލަތުން ކުޑަކުދިންނާއި ކުޑަކުދިންގެ ރައްކާތެރިކަމަށް މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދިނުމަށް ގޮވާލައި ގަރާރާއި މެދު ވާހަކަ ދައްކަވަމުންނެވެ.

ހައިތަމް ވިދާޅުވީ މިހާރު ކައުންސިލަރުންގެ ގޮތުގައި ޚިދުމަތަށް ނުކުންނަ ފަރާތްތަކަކީ އެތައް މަހެއް ވަންދެން ތަމްރީންވުމަށްފަހު ނުކުންނަ ފަރާތްތަކެއް ކަމަށާއި، ނަމަވެސް ބޮޑު މުސާރައެއް ދިނުމަށްފަހު އެކުދިން އެހެން ތަންތަނަށް ގެންދާކަމުގެ މައުލޫމާތު ލިބިވަަޑައިގަންނަވާފައިވާ ކަމަށެވެ. އެހެންކަމުން އިޖްތިމާއީ މަސައްކަތްތެރިން ކުރާ މަސައްކަތަށް ރަނގަޅު އުޖޫރައާއި އިނާޔަތްތައް ކަނޑައަޅަން ޖެހޭކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި އިޖްތިމާއީ މަސައްކަތްތެރިންނަކީ ސާކިއުލާއެއްގެ ދަށުން މަސައްކަތްކުރާ ބަޔަކަށް ހަދަންޖެހޭ ކަމަށް މެންބަރު ހައިތަމް ވިދާޅުވިއެވެ.

މިއަދުގެ ވާހަކަފުޅުގައި ހައިތަމް ވަނީ ވިކްޓިމް ބްލޭމިންގއާއި ދެކޮޅަށް ޝުއޫރު ފާޅުކުރައްވައި، އެކަމަކީ ގާނޫނީގޮތުން ކުށެއް ކަމުގައި ކަނޑައެޅުމަށް ގޮވާލައްވާފައެވެ.

އެގޮތުން ޖިންސީ ގޯނާއެއް އެހެން ނޫނީ އެހެން ގޮތަކުން އަނިޔާ ލިބިފައިވާ ވިކްޓިމައިޒްކުރުމަކީ މުޖުތަމައުގައި މިހާރުވެސް ހިނގަމުންދާ ކަމެއްކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އެއީ އެ ފަރާތުގެ ކުށެއް ނެތްކަމެއް ކަމަށާއި، ނަމަވެސް އެ ފަރާތުގެ ފޮޓޯ މީސް މީޑިޔާގައި ދައުރުކޮށް ލައިގެން ހުރި އެއްޗެއްސަށް ފާޑުކިޔާ ހަދާކަން ހައިތަމް ފާހަގަކުރެއްވިއެވެ. 

"މިއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން އިނގޭތޯ. އަޅުގަނޑުމެން އެބަޖެހޭ ގާނޫނުން އެކަންތައް ކުރާ ބޭފުޅުންނަށް، އެކަންތައް ކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅޭނެ ގޮތެއް ހަމަޖައްސަން. އެކަމަކީ ބޮޑު ކުށެއް ކަމުގައި ނިންމަން އަޅުގަނޑުމެން އެބަޖެހޭ"، ހައިތަމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް