ބިދޭސީ މަަސައްކަތްތެރިންގެ އަޑު: އަހަރެމެންނާއި މެދު އަމަލުކުރަނީ ކުއްތާތަކަކަށްވުރެ ގޯސްކޮށް!

08 Jul 2020 | 19:33

ހުޅުމާލޭގައި އައިލެންޑް އެކްސްޕާޓް ކުންފުނީގެ ދަށުން އިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތްކުރާ ބިދޭސީންނާއި މެދު އަމަލުކުރަމުން ދަނީ ކުއްތާތަކަށްވުރެ ގޯސްކޮށްކަމަށް އެމީހުން ބުނެފިއެވެ.

އެމީހުން މިފަދައިން ބުނެފައިވަނީ ވާތުފިޔައިގެ ސިޔާސީ ހަރަކާތެއް ކަމުގައިވާ "ނަވާނަވައި" އިން އާންމުކުރި އެފަރާތްތަކުގެ އިންޓަރވިއުއެއްގައެވެ.

ހިންދީ ބަހުން ވާހަކަދައްކަމުން އެ ބިދޭސީ މަސައްކަތްތެެރިން ބުނީ ރާއްޖެއަށް އައިތާ އެއް އަހަރު ވެފައިވާ ކަމަށާއި، ނަމަވެެސް މުސާރަ ލިބިފައި ނުވާތާ ހަތް މަސްދުވަސް ވެފައިވާ ކަމަށެވެ. އަދި މުސާރައާއި، ޕާސްޕޯޓާއި ޓިކެޓް ލިބުމުން އުފަލުން އިންޑިއާއަށް ދާނެކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ކެއުމާއި ސިއްހީ ފަރުވާވެސް ނުލިބޭ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެކަކު ބުނީ އަނބިމީހާއަށް ނުގުޅޭތާ ދެ މަސް ދުވަސް ވެފައިވާ ކަމަށާއި، އަދި ގޭގައިވެސް ފައިސާއެއް ނެތުމުން ފައިސާ ލިބޭނެ ގޮތެއްވެސް ނެތްކަމަށެވެ. އަދި ބައެއް މީހުން ކެއިން ބުއިމަށް އިންޑިޔާއިން ފައިސާ ހޯދާ ކަމަށްވެސް ވަނީ ބުނެފައެވެ. އެ މަސައްކަތްތެރިން ވަނީ ފެންވަރާނެ ސައިބޯންޏާއި ދަތްއުނގުޅާ ބުރުސްވެސް ނެތުމުން ދަތް އުނގުޅަނީ ގަހުގެ ދަނޑިންކަމަށް ބުނެފައެވެ. އަދި މުސާރަ ލިބޭނެ އިރެއްވެސް ނޭނގޭކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

އަދި އެހެން ވީޑިޔޯއެއްގައި މީހަކު ބުނީ އިންޑިޔާއަކީ ދިވެހިންނަށް އެހީވާ ބައެއް ކަމަށާއި، ނަމަވެސް މިގައުމުގައި އެމީހުންނާއި މެދު އަމަލުކުރަމުންދަނީ ކުއްތާތަކަކަށްވުރެ ގޯސްކޮށް ކަމަށެވެ. އެގޮތުން ބައެއް މީހުންނަށް ކާން ލިބޭ ކަމަށާއި އަނެއް މީހުންނަށް ކާން ނުލިބޭކަމަށް އޭނާ ބުންޏެވެ. 

"އަހަރެމެން ދަންޖެހިގެން މަރުވާންވީތަ؟ މި ކޮމްޕެނީ އަކީ އަހަރެމެންގެ ކަރުގައި އެޅިފައި އޮތް ދަމެއް"، އެމީހާ ބުންޏެވެ. 

މީގެ ކުރިން އެ ފްލެޓްތަކުގެ މަސައްކަތް ކުރުމަށް ހަވާލުކުރެވިފައި އޮތީ ނޫމަޑި ކުންފުންޏާއިއެވެ. ނަމަވެސް މި މަޝްރޫއުގެ ދެ އެމްޕްލޯޔަރުން ކަމުގައިވާ ޕޮލްކޯ އަދި ސިފްކޯއިން ވަނީ އެކުންފުންޏާއި އެކު ވެފައި އޮތް އެއްބަސްވުން 2016 ވަަނަ އަހަރުގެ ތެރޭގައި އުވާލާފައެވެ. އެއާއި އެކު، ހަމަ އެ އަހަރުގެ ތެރޭގައި ތައިލޭންޑް އަދި އެހެނިހެން ގައުމުތަކުގެ ގިނަ ހިއްސާދާރުން ހިމެނޭ އައިލެންޑް އެކްސްޕާޓް ކުންފުންޏާއި ފްލެޓްތަކުގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.

މި ފްލެޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާއިރު، އައިލެންޑް އެކްސްޕާޓް ކުންފުނީގެ މުވައްޒަފުންނަށް 7 މަހުގެ މުސާރަ ނުލިބޭ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މި މައްސަލައިގައި އެ ބިދޭސީން އިހުތިޖާޖް ކޮށްފައިވާއިރު، މިމަހުގެ 10ގެ ކުރިން މުސާރައިގެ ކަންތައްތައް ހަމަޖައްސަން މުހުލަތެއް ވަނީ ދީފައެވެ.

Advertisement

ކޮމެންޓް