Advertisement

އިންޑިޔާ ސަރުކާރުގެ އެހީގައި ފެހެންދޫގެ ދަރިވަރުންނަށް ބަނދެފައިވާ ފެރީ ހަވާލުކޮށްފި

08 Jul 2020 | 20:01

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، ފެހެންދޫ ދަރިވަރުން ސްކޫލަށް އައިސް ގޮސްވުމަށް ބަނދެފައިވާ ސްޓޫޑެންޓް ފެރީ ދިވެހި ސަރުކާރާ މިއަދު ހަވާލުކޮށްފިއެވެ.

މިއަދު ހަވީރު މިކަމަށްޓަކައި އިއްޒުއްދީން ޖެޓީ ކައިރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއާއި، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންގެ އިތުރުން ސަރުކާރާއި އިންޑިއާ ހައިކޮމިޝަންގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މި ޕްރޮޖެކްޓް ހިންގާފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހު އިންޑިއާ ސަރުކާރުން ހަމަޖައްސަވައިދެއްވި ހިލޭ އެހީގެ ދަށުންނެވެ. ފެހެންދޫގައި ތިބި ދަރިވަރުންނަށް ކިޔެވުމަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް ރައްކާތެރިކަމާއެކު ގޮއިދޫއަށް އައިސް، ގޮސް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށް، މި ފެރީ ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް 2.5 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހަމަޖައްސައިދެވިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ މި ޕްރޮޖެކްޓްގެ ސަބަބުން ފެހެންދޫގެ ދަރިވަރުންނާ ބެލެނިވެރިންގެ ދިގު އިންތިޒާރަކަށް ނިމުން އަތުވެއްޖެކަމަށެވެ. އަދި މިއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި އުޅޭ ދަރިވަރުންނަށް ތައުލީމުގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ހެއްކެއްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް