Advertisement

މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ހުށައެޅުނީ ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް!

08 Jul 2020 | 23:03

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަށް އިސްތިއުފާދޭން އެންގިފައިވަނީ ޖިންސީ ފުރައްސާރައިގެ މައްސަލަތަކަކާއި ގުޅިގެންކަމަށް ހާމަވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރެއް ކަމަށްވާ އަލީ ރައްޒާން ކުރި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު، ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ އަދި ޗީފް އޮފް ސްޓާފް އަލްއުސްތާޛު އަލީ ޒާހިރު މިއަދުގެ ހުރިހާ ވަގުތެއް މިނިސްޓްރީގެ މުވައްޒަފުންނަށް ހުސްކޮށްދެއްވާ، ސާބިތުކަމާއި އެކު ޖިންސީ ފުރައްސާރައަށް އޮތީ ޒީރޯ ޓޮލަރެންސްކަން އަމަލުން ދައްކަވައިދެއްވާފައިވާ ކަމަށެވެ.

އަދި އެކަމަށް ސެލިއުޓް ކުރައްވާކަމަށާއި، ޖީލުތަކުން މިވާހަކަ ދައްކާނެކަމަށް ރައްޒާން ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި އަލީ ވަހީދަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވިފައިވާކަން ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ "ސަން" އިންވެސް ވަނީ ރިޕޯޓްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑަރ މިނިސްޓްރީ އަށް ހުށައަޅާފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން އަލީ ވަހީދު މަގާމުން އިސްތިއުފާދެއްވަން ރައީސް މިރޭ ވަނީ އަންގަވާފައެވެ.

Advertisement

ކޮމެންޓް