"ޕޮއިސް ފޭމަސް ޑްރައިވާ އޮފްދަ އިޔާ 2020" އިބްރާހިމް ފުރުގާން ކާމިޔާބުކޮށްފި

09 Jul 2020 | 18:58

ދިވެހިރާއްޖޭގައި ޓެކްސީ ޑްރައިވަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދިވެހި ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ބޭއްވި "ޕޮއިސް ފޭމަސް ޑްރައިވާ އޮފްދަ އިޔާ 2020" އިބްރާހިމް ފުރުގާން ކާމިޔާބުކޮށްފިއެވެ.

ވާދަވެރިކަމާއެކު ކުރިއަށް ދިޔަ މި މުބާރާތުގެ ފައިނަލް މެޗު ފުރުގާން ކާމިޔާބު ކޮށްފައިވަނީ 2946 ވޯޓު ހޯދައިގެންނެވެ. އޭނާއާއި ވާދަކުރި މުހައްމަދު ޖަމީލް ހޯދާފައިވަނީ 2879 ވޯޓެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ގިނަ ގޮންޖެހުންތަކަކާއި އެކު ކަމަށް "ކެބް އެމްވީން" ބުނެއެވެ. އަދި މި މުބާރާތް ކުރިއަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށް ޝުކުރުވެރިވާކަމަށް ވެސް އެ ސެންޓަރުން ބުނެއެވެ.

"ފުރަތަމަ ފަހަރު މިފަދަ މުބާރާތެއް ބޭއްވި އިރު ގިނަ ގޮންޖެހުންތަކެއް ކުރިއަށް ގެންދަންޖެހުނީ. ސްޕޮންސަރުން ހޯދުން ފަދަކަންކަމުގަ ފުރަތަމަ ގޮންޖެހުންތަކެއް ދިމާވި. ނަމަވެސް މި މުބާރާތް މިހާ ފުރިހަމަކޮށް ކުރިއަށް ގެންދެވުނީ ގިނަ ބައެއްގެ އެހީތެރިކަމާއެކުކަން ފާހަގަކޮށްލަން،" ކެބް އެމްވީގެ މާކެޓިން މެނޭޖަރު އަބްދުލް ހަސީބް އިބްރާހިމް ވިދާޅުވިއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ "ޕޮއިސް ޕާފިއުމްސް" އެވެ. އަދި މީޑިއާ ޕާޓްނަރަކީ "ވޮއިސް އެމްވީ" އެވެ. ކޯ ސްޕޮންސަރުންނަކީ "ރިއްފަތު ކީ" އަދި "މިކްސް ވެޖް" އެވެ.

މިއީ ދިވެހި ޓެކްސީ ޑްރައިވަރުންގެ އަގު ވަޒަން ކުރުމަށް މިހާތަނަށް ރާއްޖޭގައި ބޭއްވި ފުރަތަމަ މުބާރާތް ނަމަވެސް، އަންނަ އަހަރުވެސް މި މުބާރާތް އިތުރު ފުރިހަމަކަމާއެކު އަދި ތަފާތުތަކަކާއެކު ކުރިއަށްދާނެކަމަށް "ކެބް އެމްވީ" އިން ބުނެއެވެ.

އަންނަ އަހަރުގެ މުބާރާތުގައި ވަނަ ވަނައަށް ދާ ފަރާތްތަކަށް ދޭ އިނާމުތައް ވެސް މިއަހަރުގެ މުބާރާތައްވުރެ ފުރިހަމަވާނެކަމަށް ވެސް ކެބް އެމްވީން ދެކެއެވެ.

މި އަހަރުގެ މުބާރާތުގައި އެއްވަނައަށް ދިނުމަށް ހަމަޖެހިފައިވަނީ 2000 ރުފިޔާއާއި ޓްރޮފީއެއްގެ އިތުރުން "ޕޮއިސް ޕާފިއުމްސްގެ ގިފްޓް ޕެކް" އެކެވެ. ދެވަނައަށް ދިޔަ ފަރާތަށް ދިނުމަށް ހަމަޖެހިފައިވަނީ 500 ރުފިޔާއާއި ޓްރޮފީއެއްގެ އިތުރުން "ޕޮއިސް ޕާފިއުމްސްގެ ގިފްޓް ޕެކް" އެކެވެ. މީގެ އިތުރުން ގަދަ އަށަކަށް ދިޔަ ޑްރައިވަރުންގެ އަގު ވަޒަންކޮށް މެޑަލްއާއި "ޕޮއިސް ޕާފިއުމްސް" ގެ ގިފްޓް ޕެކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ މުބާރާތުގައި 32 ޓެކްސީ ޑްރައިވަރުން ބައިވެރިވެފައިވެއެވެ.

Advertisement

ކޮމެންޓް