އިސްތިއުފާ ނުދިނުމުން މިނިސްޓަރ އަލީ ވަހީދު މަގާމުން ވަކިކޮށްފި

09 Jul 2020 | 13:48

ޖިންސީ ގޯނާގެ މައްސަލަތަކެއް ތުހުމަތުކުރެވިފައިވާ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މަގާމުން ވަކިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނިގޮތުގައި މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި ޢަލީ ވަޙީދު، އެ މަގާމުން އިސްތިޢުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވީނަމަވެސް، އެ މަގާމުން އިސްތިޢުފާ ދެއްވާފައިނުވާތީ، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުން ޢަލީ ވަޙީދު މިއަދު ވަކިކުރައްވާފައިވާ ކަމަށެވެ.

އަދި، މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްެއުސްތާޛު ފައްޔާޒް އިސްމާއިލާއި ވަނީ ހަވާލުކުރައްވާފައެވެ.

ފުލުހުން ބުނީ ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ މައްސަލައެއް ފުލުހުންނަށް ރޭ ހުށައަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން ގެންދާކަމަށް ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑަރ މިނިސްޓްރީ އަށް ހުށައަޅާފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް