ސަފާރީ ޖިންސީ ގޯނާގެ ޚަބަރުގެ މައްސަލަ ބަލާ ކޮމެޓީ އެއްކޮށް އިސްތިއުފާދީފި

10 Jul 2020 | 12:43

ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައިގައި، އެ ޚަބަރުތައް ޖެހި މީޑިޔާތަކުގެ މައްސަލަ ބަލަން އެކުލަވާލި ކޮމެޓީގެ ހުރިހާ މެންބަރުން މިރޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މި ކޮމެޓީގައި ތިއްބަވަނީ ތިން މެންބަރުންނެވެ. އެއީ މީޑިޔާ ކައުންސިލްގައި އަމިއްލަގޮތުން ހުންނަވާ މެންބަރެއް ކަމުގައިވާ މުހައްމަދު ޔާމީން އިބްރާހިމް، ސަން އޮންލައިންގެ އަހުމަދު ނާއިފް އަދި ދުވަސްގެ އަޒްމީ އަލީއެވެ.

އެ ކޮމެޓީގެ މެންބަރުކަމުން ކޮމެޓީގެ މުގައްރިރު އަޒްމީ އިސްތިއުފާދެއްވަމުން ފޮނުވި ސިޓީއެއްގައި ވިދާޅުވީ ކޮމެޓީގެ މަސައްކަތަށް މީޑިޔާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އެގޮތުން އަޒްމީ އަށް އެބޭފުޅާ ގުޅުއްވައި، ކޮމެޓީގައި ދެން ތިއްބެވި މެންބަރުންގެ އަގުވެއްޓޭފަދައިން ވާހަކަ ދައްކަވާފައިވާ ކަމަށް އަޒްމީގެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޖިންސީ ގޯނާކުރި މައްސަލައިގެ ޚަބަރު ގޯސްކޮށް ގެނެސްދިން މީޑިޔާތަކާއި މެދު ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުން ވަނީ މީޑިޔާ ކައުންސިލަށް އަންގާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ސޮއިކުރައްވާ މީޑިޔާ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ، އެ މައްސަލަ މީޑިޔާތަކުން ރިޕޯޓްކުރި ގޮތުގެ ސަބަބުން އާންމުންގެ މެދުގައި ނަފްރަތާއި ނުތަނަވަސްކަން އުފެދެމުންދާކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލައިގައި ހަގީގަތާއި ޚިލާފް ވާހަކަތަކެއް ފަތުރާފައިވާ މީޑިޔާއެއް ވާނަމަ، އެކަން ބަލައިދޭން މީޑިޔާ ކައުންސިލްގެ ކިބައިން ވަނީ އެދިފައެވެ.

އަދި މީގެ އިތުރުން، މީޑިޔާތަކުގެ ހަމަތަކާއި އަޚްލާޤީ މިންގަނޑާ ޚިލާފަށް ޢަމަލުކުރާ މީޑިޔާތަކާއި މެދު ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅުއެޅޭނެ އިޖުރާއަތު ބަޔާންކުރާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދު މަޖިލީހަށް ފޮނުވުމަށްވެސް އެ ކޮމެޓީން ވަނީ އެދިފައެވެ.

އެގޮތުން އެ ގަވާއިދާ ޚިލާފުވެއްޖެނަމަ 2000 ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ވަނީ ލަފާދީފައެވެ.

ފޮޓޯ ކޮލާޖް: ދަ ޕްރެސް

Advertisement

ކޮމެންޓް