Advertisement

ތި އޮފީހުގައި ޖިންސީ ފުރައްސާރައާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމެޓީއެއް އޮވޭތަ؟

11 Jul 2020 | 12:15

ދިވެހިރާއްޖޭގެ އޮފީސް މާހައުލުތަކަކީ އަންހެން މަސައްކަތްތެރީންނަށް ރައްކާތެރި ތަންތަން ކަމުގައި ހެދުމުގެ ވާހަކަ އަބަދުމެ ދެކެވެއެވެ. ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ. އޮފީސްތަކުގައި މަސައްކަތްކުރާ އަންހެނުންނަށް ފިރިހެން އިސްވެރިންގެ ފަރާތުން ކުރިމަތިލާ ފުރައްސާރައާއި ގޯނާ އަދި މައްލަވަކުރުން ފަދަ ކަންތައްތަކުގެ ވާހަކަ އަބަދުމެ ތުންތުންމަތިން އިވެއެވެ. ބައެއް ފަހަރު މިފަދަ ވާހަކަތައް މީސް މީޑިޔާތަކުން މަންސަތަކުންނާއި، ނޫސްތަކުގެ ޚަބަރުތަކުންވެސް ފެނެއެވެ. ހަގީގަތުގައި ދަންނަވަނީނަމަ މިފަދަ އަޚުލާގީ ފެންވަރު ދަށް އަމަލުތައް ހިނގާކަމީ، "އެންމެން ދަންނަ ބޮޑު ސިއްރެކެވެ".

މަސައްކަތުގެ މާހައުލުގައި ހިނގައިދިޔަ މިފަދަ އަމަލުތަކެއްގެ ވާހަކަ ދާދިފަހުންވެސް މިވަނީ ފެންމަތިވެފައެވެ. އެގޮތުން އެއް މައްސަލައަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެ މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެވެ. މި މައްސަލަ ފުލުހުންނަށް ހުށައެޅި ތަހުގީގު ކުރެވެމުންދާއިރު، އެކަމާއި ގުޅިގެން މިނިސްޓަރ އަލީ ވަހީދު ވަނީ އިއްޔެ ހެނދުނު މަގާމުން ވަކިވެސް ކުރެވިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ދައުލަތުގެ އިދާރާއެއްގެ އިސްވެރިއެއްގެ މައްޗަށް އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ނުވަތަ ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތު ކުރެވުނު ފުރަތަމަ ފަހަރެއްވެސް ނޫނެވެ. މިފަދައިން މައްސަލަތައް އަންނަ ކޮންމެ ފަހަރަކު އާންމުންގެ ތެރެއިން ގިނަބަޔަކު ކުރާ ސުވާލެއް އޮވެއެވެ. މިފަދަ ކަންތައްތައް ހުއްޓުވުމަށް ނުވަތަ އެކަންކަން ކުރާ މީހުންނަށް ފިޔަވަޅު އަޅަން އޮފީސް މާހައުލުގެ ތެރެއިން ކުރެވޭނީ ކޮން މަސައްކަތެއް ތޯއެވެ؟

ގާނޫނު ނަަންބަރު 16/2014، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ އިދާރާތަކުގައި ހިނގާ މިފަދަ މައްސަލަތައް ބަލައި ތަހުގީގުކުރަން ވަކި ޚާއްސަ ކޮމެޓީއެއް އޮންނަން ޖެހެއެވެ.

މި ގާނޫނުގެ 17 ވަނަ މާއްދާގައި ބުނާގޮތުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާއި ބެހޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށްޓަކައި، 30  މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރާ ކޮންމެ ތަނެއްގައި އަދި، ކޮންމެ މަރުކަޒެއްގައި "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އުފައްދަންވާނެއެވެ. އެގޮތުން ސަރުކާރުގެ ކޮންމެ ވުޒާރާއަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިވަން މުއައްސަސާތަކާއި، ރައްޔިތުންގެ މަޖިލީހާއި، ގާނޫނުން އުފައްދާފައިވާ ކޮންމެ ކޯޓެއްގައި އޮތުން ލާޒިމްވެގެންވެއެވެ.

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ޝަކުވާ ކޮމެޓީއެއް އެކުލަވާލަން ޖެހޭއިރު، ޝަކުވާ ކޮމެޓީއެއް އުފައްދާފައިނުވާ ތަންތާނގައި ހިނގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުތަކާބެހޭ މައްސަލަތައް ހުށަހަޅާނީ ޓްރައިބިއުނަލަށް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ގާނޫނުގައި ބުނާގޮތުގައި ޝަކުވާ ކޮމިޓީ އެކުލަވާލާނީ ވަޒީފާ އަދާކުރާ ތަނެއްގެ ނުވަތަ މަރުކަޒެއްގެ ހިއުމަން ރިސޯސްއާބެހޭ ސެކްށަނުންނެވެ. ނުވަތަ އެފަދަ ސެކްޝަނެއް ނެތް ތަނެއްނަމަ، އެ ތަނެއްގެ އެންމެ އިސް ވެރިޔާއެވެ. މި ކޮމިޓީ އެކުލަވާލާނީ 3 މެންބަރުންގެ މައްޗަށެވެ. އަދި ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހަމަޖައްސާނީ އެ ތަނެއް ނުވަތަ މަރުކަޒެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ވެރިންގެ ތެރެއިން ބަޔެކެވެ. މި ކޮމެޓީގައި މަދުވެގެން އެއް އަންހެން މެންބަރަކު އިންނަންޖެހޭއިރު، ކޮމިޓީގެ މެންބަރުންގެ ތެރެއިން ކޮމިޓީއަށް ޗެއަރ ޕަރސަންއެއް އިންތިހާބުކުރަންވާނެއެވެ. މިފަދައިން އެކުލަވާލެވޭ ކޮމެޓީއެއްގައި މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުންވެސް އެހެން ފަރާތްތައް ހިމެނިދާނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ޝަކުވާ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ގިނަވެގެން 60 ދުވަހުގެ ތެރޭގައި ބަލައި ނިންމަންވާނެކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ. މި މައްސަލަތައް ބެލުމަށްފަހު، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެޅޭނެ ފިޔަވަޅުތައް ތިރީގައި އެވަނީއެވެ:

1. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު ހިންގި ފަރާތަށް އެފަދަ އަމަލެއް ތަކުރާރު ނުކުރުމަށް ލިޔުމުން ނަސޭހަތްތެރިވުން؛

2. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު ހިންގި ފަރާތަށް އެފަދަ އަމަލެއް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވެ ލިޔުމުން އިންޒާރުދިނުން؛

3. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު ހިންގި ފަރާތް ވަކި މުއްދަތަކަށް ވަޒީފާއިން ސަސްޕެންޑްކުރުން؛

4. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު ހިންގި ފަރާތް އަދާކުރަމުން ދިޔަ ޒިންމާއިން ވަކިކުރުން؛

5. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު ހިންގި ފަރާތް އަދާކުރަމުން ދިޔަ ވަޒީފާއަށްވުރެ ދަށު ދަރަޖައެއްގެ ވަޒީފާއަކަށް ބަދަލުކުރުން؛

އަދި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު ހިންގި ފަރާތް ވަޒީފާއިން ވަކިކުރުމަކީވެސް އެ ކޮމެޓީއަށް ކުރެވިދާނެ ކަމެކެވެ.

ކުރިންވެސް ދެންނެވުނު ފަދައިން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު ތަސްދީގުކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ މުއައްސަސާއެއްގައި ޝަކުވާ ކޮމެޓީއެއް އުފައްދަން ޖެހެއެވެ. އަދި މިފަދަ ކޮމެޓީއެއް އުފައްދާފައި ނުވާ ތަންތަން 5000 ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެއެވެ. މި ގާނޫނުގެ ދަށުން ކޮމިޓީއެއް އުފެއްދޭ މިންވަރަށްވުރެ މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާ ތަންތަނުގައި، އެ ތަނެއްގެ މައި އިދާރާގައި ނުވަތަ މައި ކުންފުނީގައި ނުވަތަ އެ ތަނަކީ ޑިޕާޓްމަންޓެއްނަމަ، ކަމާބެހޭ މިނިސްޓްރީގައި އެފަދަ ކޮމިޓީއެއް އެކުލަވާލާފައި އޮތުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

މިފަދަ ޝަކުވާ ކޮމިޓީތަކުން ނިންމާ ނިންމުމެއް އެ މައްސަލަ ހުށަހެޅި ފަރާތަށް ގަބޫލުނުކުރެވޭނަމަ، ކޮމިޓީން އެ ނިންމުން ނިންމާ ތާރީހުން ފެށިގެން 180 (ސަތޭކައަށްޑިހަ) ދުވަހުގެ ތެރޭގައި އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ހައްގު އެފަރާތަށް ލިބިގެންވެއެވެ.

އަދި މައްސަލަ ބެލުމަށްފަހު، ޝަކުވާ ރައްދުވާ ފަރާތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ހިންގިކަމަށް ސާބިތުވެއްޖެނަމަ، އެކަމުގެ ސަބަބުން ށަކުވާ ހުށަހެޅި ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ހައްގު މައްސަލަ ހުށަހެޅި ފަރާތަށްވެސް ލިބިގެންވެއެވެ.

ހަމައެހެންމެ، މި ގާނޫނުގައިވާ ގޮތުގެމަތިން ކޮމިޓީއަށް ޝަކުވާ ހުށަހަޅާތާ 60 ދުވަހުގެ ތެރޭގައި މައްސަލަ ބަލައި ނިންމާފައި ނުވާނަމަ، އެ މައްސަލައެއް ސީދާ ޓްރައިބިއުނަލަށް ހުށަހެޅުމުގެ އިހްތިޔާރު ޝަކުވާ ހުށަހަޅާ ފަރާތަށް ލިބިގެންވެއެވެ.

ދިވެހިރާއްޖޭގެ ދައުލަތުގެ އޮފީހެއްގައި މިފަދަ ޝަކުވާ ކޮމެޓީއެއްގެ ވާހަކަ އެންމެފަހުން ފެންމަތިވެފައިވަނީ 2018 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އެއީ އޭރު ފޮރިން މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވި ޑރ.މުހައްމަދު އާސިމަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލަން ކޮމެޓީއެއް އެކުލަވާލެވުނުކަމެވެ. އޭރު ބައެއް މީޑިޔާތަކުން ރިޕޯޓްކުރި ގޮތުގައި މިނިސްޓަރ އާސިމާއި ދެކޮޅަށް ފުރަތަމަ ދެ އަންހެން މުވައްޒަފަކު މައްސަލަ ހުށައެޅުމުން، އެ ކޮމެޓީގައި އެ މައްސަލަ ރަނގަޅަށް ނުބަލައި ކޮމެޓީ "އުވިގެން" ދިޔައެވެ.

އާސިމް ވަނީ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި ހަނުހުންނެވުމަށްފަހު، އެކަމަށް އެންމެ ފަހު ދަނޑިވަޅުގައި އިންކާރު ކުރައްވާފައެވެ. މި މައްސަލައިގެ ތުހުމަތު ޓްވިޓަރ މެދުވެރިކޮށް މިނިސްޓަރ އާސިމްއާއި ދެކޮޅަށް އުފުލުމާއި އެކު، ރާއްޖޭގެ ގިނަ ސަފީރުންނާއި ފޮރިން ސާވިސް މުވައްޒަފުން ވަނީ މައްސަލަ ތަހުގީގުކުރުމަށް އެދި ގޮވާލާފައެވެ. މި މައްސަލައިގައި ފުލުހުންނާއި މިނިސްޓްރީގެ ކޮމެޓީން ފަހުން ކުރި އިންޓާނަލް ތަހުގީގުގެ އަދާހަމައެއް ފަހުން މީޑިޔާތަކަށް ފޯރުކޮށްދީފައެއް ނުވެއެވެ.

ދާދިފަހުން މި އާންމުވި މައްސަލައާއި އެކު އަނެއްކާވެސް މިވަނީ ބޮޑު ސުވާލެއް ދައުރުވާން ފަށާފައެވެ. އަންހެން މުވައްޒަފުންގެ ރައްކާތެރިކަން އޮފީސްތަކުގައި ކަށަވަރުވަނީ ކިހާ މިންވަރަކަށް ތޯއެވެ؟ އެހެންކަމުން ތިޔައީ ދައުލަތުގެ އިދާރާއެއްގެ މުވައްޒަފެއް ނަމަ، މަސައްކަތްކުރާ އޮފީހުގައި ޝަކުވާ ކޮމެޓީއެއް އޮތްތޯ ޔަގީންކުރައްވާށެވެ. ނެތްނަމަ އެކަމާއި މެދު އަޑުއުފުއްލަވާށެވެ. މުޖުތަމައުގެ ހުރިހާ ތަންތަނަކީ އަންހެނުންނަށް ރައްކާތެރި ތަންތަން ކަމުގައި ހަދަން އެބަޖެހެއެވެ! 

Advertisement

ކޮމެންޓް