ޖިންސީގޯނާގެ ތުހުމަތުގައި ސަސްޕެންޑްކޮށްފައިވާ ސައުދުﷲ ޖީއޭއެމްގެ އެކްސްކޯ ބައްދަލުވުންތަކުގައި ބައިވެރިވާންފަށައިފި

10 Jul 2020 | 20:06

ޖިންސީ ގޯނާ އަދި ފުރައްސާރައިގެ ތުހުމަތުތަކަކާއި ގުޅިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރެވިފައިވާ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލް ސައުދުﷲ އަހުމަދު ހަސަން، އެ އެސޯސިއޭޝަންގެ އެކްސްކޯގެ ބައްދަލުވުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

އެގޮތުން ވޮއިސް އަށް މައުލޫމާތު ދިން އެ ޖަމިއްޔާގެ އޮފިޝަލް މައުލޫމާތު ދިންގޮތުގައި އިއްޔެ އޮތް އެކްސްކޯގެ ބައްދަލުވުމުގައިވެސް ސައުދުﷲ ވަނީ ބައިވެރިވެފައެވެ. ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި މިމަހުގެ 5ވަނަ ދުވަހު ގޭމްގެ ކުރީގެ ރައީސް މޫސާ ނާސިހު ސޮއިކުރައްވާ ވަނީ، އިންޓާނަލް އެފެއާޒް ކޮމެޓީއަށް ހުށައެޅިފައިވާ މައްސަލައަކާއި ގުޅިގެން މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެން އެސްޖީގެ މަސްއޫލިއްޔަތުތަކުން ދުރުކުރެވިފައިވާކަމަށް ސައުދުއަށް ސިޓީއަކުން އަންގާފައެވެ.


އެހެންކަމުން އެކްސްކޯގެ ބައްދަލުވުންތަކުގައި ސައުދުﷲ ބައިވެރިވެ ވަޑައިގަންނަވަނީ ކޮން ހައިސިއްޔަތަކުންކަމެއްް ސާފުވާގޮތް ވަނީ ނުވެފައެވެ. އަދި މި މައްސަލައިގައި އިންޓާނަލް އެފެއާޒް ކޮމެޓީން ގޮތެއް ނިންމިކަންވެސް ސާފުވާގޮތް ވަނީ ނުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސައުދު ޖިންސީ ފުރައްސާރަކުރި ކަމަށްބުނެ މައްސަލެއް ވަނީ ފުލުހަށްވެސް ހުށައަޅާފައެވެ. އަދި މި މައްސަލައިގައި ޖިންސީ ފުރައްސާރަވި އަންހެންކުއްޖާ ވަނީ ކަންތައްތައް ހިނގައިދިޔަ ގޮތް ފޭސްބުކްގައި އާންމުވެސް ކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement