ގުބާރު 8

11 Jul 2020 | 16:13

އެވަގުތު ޑޮކްޓަރު ސާރާގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. އެހެން ހުރެފައި އިޝާރާތުން އޭނާގާތު އެއްފަރާތަކަށް ޖެހުމަށް އެދުނެވެ. "ވަރަށް ކްރިޓިކަލް. މިތަނުން ޑިސްޗާޖު ކުރާ ވަރެއްވެސް ނޫން." ޑޮކްޓަރު މިހެން ބުނުމަށްފަހު އަނެއްކާވެސް އައިސީޔޫއަށް ގޮސް ވަނެވެ. ސާރާ އައިސީޔޫގެ ބޭރުގައި ޖަހާފައި ހުރި ގޮޑިބަރިތަކުގެ ތެރެއިން ގޮޑިއެއްގައި އިށީނެވެ. އަދި އޭނާ އެތަނުގައި އިންދާ ނޫސްވެރިއަކު އޭނާއާއި ދިމާއަށް އަންނަތަން ފެނުނެވެ. "ތީ އަފީފު އާއިލާގެ ބޭފުޅެއްތޯ؟." ނޫސްވެރިޔާ ސުވާލުކުރިއެވެ. އެހިނދު ސާރާއަށް އެ ސުވާލަށް ދޭނެ ޖަވާބެއްވެސް ނޭންގުނެވެ. އޭނާއަކީ އަފީފުގެ އަންހެނުންނޭ ބުނެފިނަމަ، ހުރިހާ ނޫހެއްގައި އެވާހަކަ ޖަހާނެކަން ކަށަވަރެވެ. "އަ އަފީފުގެ...އަފީފުގެ އަންހެނުން." ނަމަވެސް ސާރާއަށް ދޮގު ހަދާކަށް ނުކެރުނެވެ. ދޮގުހެދި ނަމަވެސް ކޮންމެވެސް އެއް ދުވަހަކުން އެކަން ހާމަވާނެތީއެވެ.

"އޯހް! އަފީފުގެ އަތްބެއް ހުންނަކަމެއް އަޅުގަނޑުމެންނަކަށް އެނގިފައެއް ނެތް. އަޅުގަނޑު ދެތިން ސުވާލެއް ކޮށްލިއަސް އެންމެ ރަނގަޅުތޯ؟." ނޫސްވެރިޔާ ބުންޏެވެ. އޭނާގެ ވަނަވަރު ކިޔައި ދިނުމަށްފަހު އޭނާ ސުވާލުކުރަންފެށިއެވެ. އަފީފުގެ ހާލަތާއި ގުޅޭގޮތުން އެތައް ސުވާލެއް ކުރިއެވެ. ސާރާއަށް އަފީފުގެ ހާލަތު ވަރަށް ރަނގަޅަށް ކިޔައިދެން އެނގުނެވެ. ސަބަބަކީ ސާރާ ހުރީ ކޮންމެ ފަދަ ހާލަތަކަށްވެސް ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. އަފީފުގެ ބައްޔާއި ގުޅޭގޮތުން ސުވާލުކޮށް ނިމުމުން ނޫސްވެރިޔާ ދެން އެހީ އެ ދެމީހުންގެ ކައިވެންޏަށް ވީ ދުވަހެވެ. ނަމަވެސް އެއީ ވަރަށް އަމިއްލަ ސުވާލެއް ކަމަށާއި، މިވަގުތު އެ ސުވާލަށް ޖަވާބުދޭން ބޭނުން ނުވާ ކަމަށްބުނެ ސާރާ އެތަނުން ތެދުވިއެވެ.

ހޮސްޕިޓަލުގެ ބޭރަށް ނިކުމެ އިށީންނަށް ހަދާފައި ހުރި ބެންޗުތަކުން ބެންޗެއްގައި އޭނާ އިށީނެވެ. ސާރާގެ ހިތުގައި އަފީފާއި މެދު ކުޑަވެސް ލޯތްބެއް ނެތް ނަމަވެސް އޭނާ އަފީފަށް އިހުތިރާމް ކުރެއެވެ. ގަދަރު ކުރެއެވެ. ސަބަބަކީ އަފީފު އޭނާއާއި މެދު ބަހައްޓާ ގާތްކަމާއި އޯގާތެރިކަމުގެ ސަބަބުންނެވެ. ވުމާއެކު ސާރާއަށް އަފީފު އެ ހާލަތުގައި އޮތުމުން ކުޑަކޮށް ހިތަށް އުނދަގޫވިއެވެ. އޭނާ ހިތަށް އެރީ މަލާޒަށް ގުޅާފައި އެ ހަބަރު ދިނުމަށެވެ. އެއީ މަލާޒަކީވެސް އަފީފަށް ވަރަށް ބަލައިގެން އުޅޭ މީހަކަށް ވާތީއެވެ.

ފޯނު ނަގާފައި، ބުލޮކު ކޮށްފައި އޮތް މަލާޒުގެ ނަންބަރު އަންބުލޮކު ކޮށްލިއެވެ. އަދި އެ ނަންބަރަށް ގުޅިއެވެ. ފޯނު ނަގާފައި މަލާޒު އެއްވެސް އެއްޗެކޭ ނުބުނެ ހުއްޓެވެ. ސާރާވެސް ބުނާނެ އެއްޗެއް ނޭންގިފައި އިރުކޮޅެއް ވަންދެން ހުއްޓެވެ. "ކަމެއްވީތަ؟." މަލާޒު އަހައިލިއެވެ. ސާރާ ވެގެން އުޅޭ ގޮތް އޭނާއަށް ކިޔައިދިނެވެ. ގުޅިތާ މާގިނަ އިރެއް ނުވެ، މަލާޒު ހޮސްޕިޓަލަށް އައެވެ. އޭނާ ބަދަލުވެފައި ހުރި ވަރުން ފުރަތަމަ ސާރާއަކަށް ނުވެސް އެނގުނެވެ. މަލާޒު ހުރީ ޖުއްބާ ލާފައެވެ. ތުނބުޅިއާއި މަތިމަސް ވެސް ރީތިވަރަކަށް ދިގުކޮށްފައި. ބޮލުގެ އިސްތަށިގަނޑު ކޮނޑު ހުޅާއި ހަމައަށް ދިގުކޮށް ބޮލުގައި ފަގުޑި އަޅާފައެވެ. މަލާޒަށް އައިސް ހުރި ބަދަލު ފެނިފައި ސާރާއަށް އިނދެވުނީ ބަސް ހުއްޓިފައެވެ. މަލާޒަށް އަންނާނޭ ބުނި ބޮޑު ބަދަލަކީ މިއީ ހެއްޔެވެ؟. މިވަރުގެ ބަދަލެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭ އައީ ކިހިނަކުން ކީއްވެގެން ބާއެވެ؟. ސާރާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ.

މަލާޒަށް، ސާރާ ފެނުމާއެކު ހިނގާފައި އެދިމާލަށް އައެވެ. އަދި އަފީފު ކައިރިއަށް ވަދެވޭނެތޯ ސުވާލުކުރިއެވެ. އައިސީޔޫގައި އޮތުމުން އެތަނަށް ނުވަދެވޭނެ ކަމަށް ސާރާ ބުންޏެވެ. މަލާޒު އެދުނީ ބޭރުގައި ނީދެ އެތެރޭގައި މަޑުކުރުމަށެވެ. އެހެން ކަމުން ދެމީހުން އެކުގައި ގޮސް ހޮސްޕިޓަލުގެ އެތެރެއަށް ވަނެވެ. ޖެހިގެން އައި ދުވަހަކީ ސާރާގެ ފްލައިޓު އޮންނަ ދުވަސް ކަމަށްވުމާއެކު އޮފީހަށް ގުޅައި އިމަޖެންސީ ޗުއްޓީއަކަށް އޭނާ އެދުނެވެ. ނަސީބަކުން ޗުއްޓީ ހޯދާކަށް އުނދަގުލެއް ނުވިއެވެ. އެގޮތުގައި އެރޭ ދަންވަރު ބާރަ ޖަހަންދެން އެ ދެމީހުން އެތަނުގައި ތިއްބެވެ. ގާތްގަނޑަކަށް އެކެއް ޖަހަން އުޅެނިކޮށް އަނެއްކާވެސް ޑޮކްޓަރު އައެވެ.

"އައިސީޔޫ އަކުން ނެރެވޭކަށް ނެތް. މިހާރު ޔަގީންކުރަން މިއުޅެނީ މިއީ ތިން ވަނަ ސްޓޭޖުތޯ. އިފް ދެން... ސޮރީއޭ ބުނެވޭނީ. ދެން އޮތީ ދުއާކުރުން.އަޅުގަނޑަށް ފެންނަނީ ސާރާ ގެއަށް ދާން. ބޮޑުކަމެއް ދިމާވެއްޖެ ނަމަ އަޅުގަނޑުމެން ގުޅާލާނަން." ޑޮކްޓަރުގެ އެ ޖުމްލައާއެކު ސާރާއާއި މަލާޒަށް އެކަކު އަނެކެއްގެ މޫނަށް ބަލާލެވުނެވެ. އަދި ހަމަ އެ ސިކުންތު އިސްދަށަށް ޖަހާލެވުނެވެ. ޑޮކްޓަރު ގެއަށް ދާން އެދުމާއެކު، ސާރާ ގެއަށް ދިއުމަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން މަލާޒުވެސް ނިކުތެވެ. ހޮސްޕިޓަލުގެ ބޭރަށް ނިކުމެ ޓެކްސީއެއް ހޯދުމަށް ސާރާ އަވަސްވެ ގަތެވެ. އެވަގުތު މަލާޒު ސައިކަލުގައި އައިސް ކައިރިކޮށްލިއެވެ. "އަރާ، ގެންގޮސްދޭނަން. މިހާ ލަސްވެފައި ހުއްޓައި އެކަނި ޓެކްސީއެއްގައި ދިއުން އެހާ ރަނގަޅެއް ނޫން ކަންނޭންގެ." މަލާޒު އެހެން ބުނުމާއެކު ސާރާ އިތުރު އެއްޗެކޭ ނުބުނެ އޭނާގެ ސައިކަލު ފަހަތަށް އެރިއެވެ.

ގެއާ ހަމައަށް ދެވެންދެން ވެސް ދެމީހުން އެކަކު އަނެއްކަކަށް ބަހެއް ނުކިޔައެވެ. ވާނީވެސް އެހެންތާއެވެ. މިހާރު އެއީ ނުވެސް ދަންނަ ދެމީހުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ނަމަވެސް އެ ހަމަހިމޭން ކަމުގެ ތެރޭގައި ފޮރުވިފައި ވަނީ ގަދަފަދަ ލޯތްބެކެވެ. އެ ލޯބި ކިތަންމެހާވެސް މަތިވެރިއެވެ. ގެއާ ހަމައަށް އާދެވުމާއެކު، ސާރާ ސައިކަލުން ފޭބިއެވެ. އަދި މަލާޒަށް ޝުކުރު އަދާކުރިއެވެ. "އަހަރެންމީ މިހާރު ހަމަ އެހާ ދުރުމީހެއްތަ ތި ޝުކުރު އަދާކުރީ؟." މަލާޒު ސުވާލުކުރިއެވެ. "ނޫން އެހެނެއް ނޫން. ހަމަ ބުނެލީ. ވާހަކަ އެއް އަހަލާންތަ؟." މަލާޒަށް އައިސްފައި ހުރި ބަދަލާއި ގުޅޭގޮތުން ސުވާލުކުރަން ސާރާ ކޮންމެހެން ވެސް ބޭނުންވިއެވެ.

ސާރާ އެހެން ބުނުމާއެކު، މަލާޒު އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. "ކުއްލިއަކަށް މަލާޒަށް ތިހާ ބޮޑު ބަދަލެއް އައިސްސަ ތިހުރީ ކީއްވެ؟." ސާރާ ސުވާލުކުރިއެވެ. "މިއީ ވަރަށް އެހެން ގޮތަކަށް ދިމާވި ކަމެއް. ކޮންމެވެސް ދުވަހަކުން ސާރާ އަޑުއަހަން ހުރިއްޔާ ކިޔައިދޭނަން. އެކަމަކު މިހާރު ތިހުރީ ވަރަށް ވަރުބަލިވެފަ. ދޭ ނިދާލަން." މަލާޒުގެ އެ ޖަވާބާއެކު ސާރާ އިތުރު އެއްޗެކޭ ނުބުނެ، ހިނިތުންވެލުމަށްފަހު ގެއަށް ވަންނަން ހިނގައިގަތެވެ. ގެއަށް ވަދެވުމާއެކު ސާރާ ސޯފާ މައްޗަށް ދެމިގަތެވެ. އެތަނުގައި އެހެން އޮއްވާ އޭނާއަށް ނިދުނު އިރުވެސް އޭނާއަކަށް ނޭންގުނެވެ.

އަރާމު ފުން ނިންޖެއްގައި އޮތް ސާރާއަށް ހޭލެވުނީ އިރުގެ އަލިކަން ކުޑަދޮރުން ގޭތެރެއަށް ފާއްދާލި ވަގުތުގައެވެ. ހަމަ އެވަގުތު ޑޮކްޓަރުގެ ފޯނު ކޯލެއް ސާރާއަށް އައެވެ. ސާރާ އަވަސް އަވަހަށް އެ ފޯނަށް ޖަވާބުދިނެވެ. ޑޮކްޓަރު އަނެއްކާވެސް އެދުނީ ހޮސްޕިޓަލަށް އައުމަށެވެ. ނަމަވެސް މިފަހަރު އަފީފުގެ އެދުމުގެ މަތިންނެވެ. ސާރާ އަނެއްކާވެސް ކުޑަ ގޮތަކަށް ފެންވަރާލައިގެން ހޮސްޕިޓަލަށް ދިޔައެވެ. އޭރު އަފީފު އޮތީ ޕްރައިވެޓް ރޫމަކަށް ބަދަލުކޮށްފައެވެ. އަފީފުގެ މުޅި ގައިގެ އެތައް މިތަނަށް ގުޅާފައި ހުރި ހޮޅިތައް ފެނިފައި ސާރާއަށް އެ މަންޒަރު ބަލަން އުނދަގޫވެސް ވިއެވެ. ސާރާ އޭނާގެ ހަޔާތުގައި ދުވަހަކުވެސް އެހާ ހާލުގައި އޮތް ބަލިމީހަކު ނުދެކެއެވެ.

ސާރާ އެތެރެއަށް ވަތް އަޑު އިވުމާއެކު އަފީފު މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އެވަގުތު ސާރާ މަޑުމަޑުން ހިނގާފައި ގޮސް، އަފީފާއި ކައިރީގައި ހުއްޓުނެވެ. އޭނާ އޮތީ ވާހަކަދެއްކޭ ކަހަލަ ހާލަތެއްގައެއް ނޫނެވެ. އަފީފު މަޑުމަޑުން އޭނާގެ ކަނާތުއަތް މައްޗަށް ހިއްލާލިއެވެ. އަދި ސާރާގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. ސާރަވެސް އޭނާގެ އަތުން އަފީފުގެ އަތުގައި ހިފާލިއެވެ. ހަމްދަރުދީވާތީއެވެ. އަފީފުގެ ތުންފަތް މައްޗަށް ކުޑަވަރެއްގެ ހިނިތުންވުމެއް އައެވެ. އަފީފު އެދުނީ އޭނާގެ މޫނާއި ކުޑަކޮށް ކައިރިވެލުމަށެވެ. ސާރާ އޭނާ އެދުނު ގޮތަށް އޭނާގެ މޫނާއި ކައިރިވެލިއެވެ. "އަބަދުވެސް ވަރަށް ލޯބިވޭ." އަފީފަށް ވަރަށް އުނދަގުލުން ސާރާ ގާތު އެހެން ބުނެވުނެވެ. އަފީފުގެ އެ ޖުމްލައާއި އެކު، ސާރާ އިސްދަށަށް ޖަހާލިއެވެ.

ހަމަ ކުއްލިއަކަށް އަފީފު ތެޅިގަތެވެ. ސާރާ ވަގުތުން އޭނާގެ އަތް ދޫކޮށްލުމަށްފަހު ދުވެފައި ގޮސް ނަރުހަކަށް ގޮވިއެވެ. އެ ނަރުސް ކުއްޖާ ވަގުތުން ޑޮކްޓަރަށް ގުޅިއެވެ. އޭރު އަފީފު މަރަށް ތެޅޭހެން ތެޅެނީއެވެ. ވަގުތުން ޑޮކްޓަރު އައެވެ. އަދި އެތަނުން ސާރާ ބޭރުކުރުމަށްފަހުގައި ދޮރު ލެއްޕިއެވެ. އެހިނދު ސާރާއަށް ހުންނަން ޖެހުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ވިއްސަކަށް މިނެޓު އެގޮތުގައި ހުއްޓާ ޑޮކްޓަރު މަޑު ހިނގުއްގައި ހިނގާފައި ރޫމުން ނިކުތެވެ. ނިކުމެ ބޯ ހޫރުވާލިއެވެ. އެވަގުތު ސާރާ އަވަސް ފިޔަވަޅު ތަކެއްގައި ހިނގާފައި ގޮސް ރޫމަށް ވަނެވެ. އަފީފުގެ ހަރަކާތް ނެތް ހަށިގަނޑު ފެނިފައި އޭނާ އަށް އަފީފުގެ ގައިގައި ހިފައި ތަޅުވާލެވުނެވެ. އަފީފު މި ދުނިޔެއާއި ވަކިވެގެން ދިޔައީ ކަމަކަށް ސާރާއަށް ގަބޫލެއް ނުކުރެވުނެވެ. އަފީފު މަރުވީ ސާރާގެ ލޮލުން ކަރުނަ ފާއްދާލާފައެވެ. ހިތުގައި އަފީފާއި މެދު އެއްޗެއް ނެތް ނަމަވެސް އޭނާ އަށް ރޮވުނެވެ. 

Advertisement

ކޮމެންޓް

Advertisement