މިނިސްޓަރ އިމްރާން އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ކިޔައިދޭ އޯޑިއޯ ކްލިޕްގެ ސައްހަކަން ބަލަނީ

12 Jul 2020 | 16:57

ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ އަދާލަތު ޕާޓީގެ އޮފީހުގެ ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ކިޔައިދޭ އޯޑިއޯ ކްލިޕެއްގެ ސައްހަކަން ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ އެ އޯޑިއޯ ކްލިޕްގެ މައްސަލަ ފުލުހުން ބަލަމުންދަނީ ވަކި ފަރާތަކުން މައްސަލައެއް ހުށައަޅައިގެން ނޫންކަމަށާއި، އެހެން ނަމަވެސް މީސް މީޑިޔާގައި އެ ކްލިޕް ދައުރުވަމުންދާތީ އޭގެ ސައްހަކަން ދެނެގަތުމަށް ކަމަށެވެ.

މީސް މީޑިޔާގައި ދައުރުވަމުންދާ މި އޯޑިއޯ ކްލިޕުން އިވޭ ގޮތުގައި އެ އަންހެންމީހާއާއި ޝައިޚް އިމްރާން ފުރަތަމަ ބައްދަލުވީ ފޭސްބުކުންނެވެ. އަދި ފޭސްބުކުން ބައްދަލުވެގެން ރަނގަޅު ދުޢާއެއް އޮންނާނެކަމަށް ބުނެ ވާހަކަދައްކަން ފެށިކަމަށާއި އޭގެ ފަހުން އިސްތިހާރާ ނަމާދު ކުރަން އެނގޭތޯ ސުވާލުކުރިކަމަށް އެ އަންހެންމީހާ ބުންޏެވެ.

އަދި އެއަށްފަހު އަދާލަތު ޕާޓީގެ އޮފީހަށް އައުމަށް ދައުވަތުދީ، މިނިސްޓަރ އިމްރާން އޭނާގެ އުރަމަތީ ހިފައި ތަދުކުރި ކަމަށް ވަނީ ބުނެފައެވެ. އެ އަންހެންމީހާ ވަނީ އެއީ ފުރަތަމަ މަރުހަލާކަމަށާއި، އަދި ކަންތައްތައް ހުންނާނެކަމަށްވެސް ބުނެފައެވެ.

މީގެ އިތުރުން ކުލަ އަލި ކޮންމެ އަންހެނަކާއި މެދު އިމްރާން ކަންތައްކުރައްވާނެގޮތް އިނގޭކަމަށް އެ އަންހެންމީހާ ވަނީ ބުނެފައެވެ. މި މައްސަލައިގައި މިނިސްޓަރ އިމްރާން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

Advertisement

ކޮމެންޓް