ކުށްވެރިން ހައްޔަރުކުރުމަށް ގޮވާލުމުން ގެންދިޔައީ ޝުއޫރު ފާޅުކޮށްފައި ހުރި ޕޯސްޓަރުތައް!

13 Jul 2020 | 16:30

އަންހެނުންނާއި މެދު ކުރެވޭ ޖިންސީ ގޯނާ އަދި ޖިންސީ ފުރައްސާރައިގެ ވާހަކަތަކަކީ އަބަދުމެ ދިވެހި މުޖުތަމައުގެ ތެރެއިން އިވެމުންދާ ހިތާމަވެރި ވާހަކަތަކެކެވެ. މިފަދަ ހަޑި މުޑުދާރު އަމަލުތައް ހުއްޓުވުމުގައި މުޖުތަމައުގެ އަފްރާދުންގެ ދައުރު ކިތަންމެހާވެސް ބޮޑުކަމަށް އަޅުގަނޑު އެއްބަސްވަމެވެ. އެގޮތުން މިފަދަ ކަންކަމާއި ދެކޮޅަށް އަޑުއުފުލައި، އެނގޭ މިފަދަ މައްސަލަތައް ކަމާއިބެހޭ އިދާރާތަކަށް ހުށައަޅައި ވީ މިންވަރަކުން މިފަދަ ކަންކަމާއި މެދު މީހުން ހޭލުންތެރި ކުރުވަން މަސައްކަތް ކުރުމަކީ މީހަކަށް ކުރެވިދާނެ ކަންކަމެވެ.

އުފަލަކީ މިއަދު ދިވެހި މުޖުތަމައުގެ ތެރެއިން، މި ކަންތައްތައް ކުރާ މީހުންގެ އަދަދު ގިނަވަމުން ދިޔުމެވެ. ވަކިން ޚާއްސަކޮށް، އަދުގެ ޒުވާން ޖީލުގެ ދެ ޖިންސުގެ ޒުވާނުންވެސް ޖިންސީ ކުށްތަކާއި ދެކޮޅަށް އަޑު އުފުލާކަމީ ބާއްޖަވެރި މުސްތަގްބަލެއް އޮތްކަމުގެ ކުޑަ ނަމަވެސް އުންމީދެކެވެ. އެހެނަސް، ޖިންސީ ކުށްތައް ހުއްޓުވުމަށްޓަކައި މުޖުތަމައުގެ އަފްރާދުންގެ ހިންމަތުން އެކަނި މަސައްކަތް ކޮށްގެން މިއަދު ފަރުޖައްސާލެވެން ނެތެވެ.

މުއައްސަސާތަކުގެ ދާއިރާއިން ކުށްތަކުގެ ކަންތައްތަކުގައި ބަލާނަމަ ތަހުގީގީ އަދި ތަންފީޒީ އިދާރާތަކުގެ ދައުރަކީ ވަރަށް ބޮޑު ދައުރެކެވެ. އެހެނީ މިފަދަ މުއައްސަސާތަކުގެ ޒިންމާއެއްކަމަށް ގާނޫނުން މަތިކޮށްފައި އޮންނަނީ ކުށްތަކަށް މީހުން އަރައިގަތުން ހުއްޓުވާ، އެކުށްތަކަށް އަރައިގަންނަ މީހާއަށް އަދަބު ދީ އަދި ގެއްލުން ލިބުނު ފަރާތްތަކަށް ރައްކާތެރިކަމާއި ދުނިޔަވީ އިންސާފު ކަށަވަރުކޮށްދިނުމެވެ. އެއީ ޖިންސީ ކުށްތައް ކަމުގައި ވިޔަސްއެވެ.

ޅަފަތުގެ ދިމިގްރާތީ ނިޒާމެއް އޮންނަ ކޮންމެ ގައުމެއްގައިވެސް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އާންމުން ބޭނުންވާ މިންވަރަށް މުއައްސަސާތަކުން ވާޖިބު އަދާ ނުކުރުމެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައިވެސް ފަރުދުން އަބަދުމެ އެ ޝަކުވާކޮށްހަދައެވެ. ކޮރަޕްޝަނާއި ސިޔާސީ ނުފޫޒު، ނާޤާބިލްކަމާއި ތަމްރީން މަދުވުން ފަދަ ސަބަބުތަކާއި ހުރެ މި ޝަކުވާތައް އަބަދުމެ އޮންނަނީ ފުނިޖެހިފައެވެ. ބައެއް ފަހަރަށް ހުރިހާ ކަމެއް ވަށާޖެއްސުމަށްފަހު އެއީ "ސިސްޓަމެޓިކް ފެއިލިއަރ" އެކޭވެސް ބުނެއެވެ.

މި ފަހަކަށް އައިސް ދިވެހިރާއްޖޭގައި ޖިންސީ ކުށްތަކުގެ މައްސަލަތަކުގައި ފުލުހުންނާއި ކަމާއިބެހޭ އިދާރާތަކުން އަމަލު ކުރަމުންދާ ގޮތްތަކަށް ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް އެކަށީގެންވާ މިންވަރަކަށް ރައްކާތެރިކޮށް ނުދެވޭ ހާލަތުގައި ކަމެއް ދިމާވުމުން އެކަށީގެންވާ ފިޔަވަޅުތައް އަވަހަށް ނާޅައި، ޕެޓްރިއާކީއަށް ބާރުދޭ ކަމަށް ބުނެއެވެ. 

މިފަދަ ބައެއް ކަންތައްތަކުގެ މިސާލުތައް ދަންނަވާލާނަމެވެ. މިއީ ހަމަ އާންމު ފަރުދުންގެ ބައެއް ޝަކުވާތަކެވެ. ހުޅުމާލޭގެ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރެއެވެ. އެ މައްސަލައިގެ ތަހުގީގީ ތަފްސީލެއް ނޭނގެއެވެ. ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެހެން މިނިސްޓަރަކާއި ބޭއަދަބީކޮށް ވާހަކަދެއްކެވި އިރުވެސް ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅެއް ނާޅުއްވައެވެ. ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފަރާތެއް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީގެ މަގާމުގައި އަދިވެސް އެބަހުއްޓެވެ. މިއީ ހައްތަހާވެސް އާންމުން މި ދުވަސްވަރު ކުރަމުންދާ ޝަކުވާތަކެވެ. 

އަދި މީގެ އިތުރުން އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށާއި، އިންސާފު ހޯދައިދިނުން އަވަސްކޮށް ޖިންސީ ކުށްތައް ހިންގާ ފަރާތްތަކަށް އަދަބު ދިނުން އަވަސްކުރުމަށްވެސް އާންމުން މިއަދު މިދަނީ އެދެމުންނެވެ. 

ޑިމޮކްރަޓިކް ވެއްޓެއްގައި އާންމުންގެ މިފަދަ ހައްސާސީ ޝަކުވާތައް އާންމުން ވެރިންނަށް އަޑު އިއްވަން ބޭނުންކުރާ އެއްގޮތަކީ މުޒާހަރާކުރުމާއި އިހްތިޖާޖު ކުރުމެވެ. މިއީ އެތަކެއް ސިޔާސީ އަދި އިޖްތިމާއީ ކަންތައްތަކުގައި ދިވެހިން ބޭނުންކޮށް ތަޖުރިބާކޮށްފައިވާ މުޖައްރިބު އުކުޅެކެވެ. ޖިންސީ ކުށްތަކުގެ ކަންތައްތަކާއި އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމްގެ ދޯދިޔާކަން ބޮއްސުންލައިގެން ދިއުމުން، އިއްޔެ ދިވެހިން މަގުމައްޗަށްވެސް ނުކުތީ އެހެންވެގެންނެވެ. ވެރީންގެ ކަންފަތަށް ކަންކަން އިއްވައި، އިންސާފު ހޯދުމުގެ މަތިވެރި ނިޔަތުގައެވެ.

އެހެނަސް ކަންތައްތައް ދިމާވީ ދިމާ އިދިކޮޅަށެވެ. ގްރީން ޒޯނެއް ކަމަށާއި ބަލިމަޑުކަމެއްގެ ދުވަސްވަރުކަމަށް ބުނެ ހަމަ ހިލާ އެ އިހްތިޖާޖާއި ފުލުހުން ގަޔާވާ ގޮތެއް ނުވިއެވެ. ވެލާނާގެ ކައިރި ގޯޅިއަކަށް މީހުން ވެއްދީއެވެ. އެވަރުން ނުފުދިގެން، އިހްތިޖާޖުގެ ބައިވެރިން ޝުއޫރުތައް ފާޅުކުރި ޕޯސްޓަރުތައް މަގުމަތީގައި ބަހައްޓާފައި ހުއްޓާ ގެންދިޔައީއެވެ.

ހާލުގެ ދުލުން ދިވެހިން އަދު އެދި މިގޮވަނީ އިންސާފަށެވެ. އެންމެންނަށް ރައްކާތެރި އަމާން ވެއްޓެއް ފޯރުކޮށްދިނުމަށެވެ. ޖިންސީ ކުށްތަކަށް އަރައިގަންނަ މީހުން ހިފާ ހައްޔަރުކުރުމަށެވެ. ޕެޓްރިއާކީގެ ބާރު ނެތިކޮށްލުމަށެވެ. އެހެނަސް ކުރާނީ ކީއްތޯއެވެ؟ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަގުމަތީގައި ހުރި ޕޯސްޓަރުތަކެވެ! 

ފޮޓޯ: މުހައްމަދު ޖުނައިދު/ ޓްވިޓަރ

Advertisement

ކޮމެންޓް