ސީއެސްސީގެ ރައީސް ޑރ.ޝަމީމް މަގާމުން އިސްތިއުފާދެއްވައިފި

13 Jul 2020 | 19:42

ސިވިލް ސާރވިސް ކޮމިޝަންގެ ރައީސްކަމުން ޑރ.އަލީ ޝަމީމް އިސްތިއުފާދެއްވައިފިއެވެ.

މިކަން ވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިއުލާންކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޑރ.ޝަމީމް މަގާމުން އިސްތިއުފާދެއްވީ އެބޭފުޅާ ހިމެނޭގޮތަށް ސީއެސްސީގެ ހަތަރު މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ތާވަލްކުރެވިފައި ވަނިކޮށެވެ. ޝަމީމް މަގާމުން ވަކިކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ބުނަމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ.

އެގޮތުން މިދިޔަ ސަރުކާރުގައި ސަރުކާރުގެ މުވައްޒަފުން ސިޔާސީ ނުފޫޒުން ސަލާމަތްކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރިކަމުގެ ތުހުމަތު ޝަމީމަށް ވަނީ ކުރެވިފައެވެ.

ޑރ.އަލީ ޝަމީމް ސީއެސްސީއަށް އައްޔަންކުރީ 2015 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 18ވަނަ ދުވަހުގައެވެ. އަދި އެ މަހުގެ 24 ވަނަ ދުވަހު ކޮމިޝަންގެ ރައީސްއަކަށް އައްޔަން ކުރެވުނެވެ. 

ފޮޓޯ: އާފަތިސް

Advertisement

ކޮމެންޓް