މިއަހަރުގެ ފިތުރު ޒަކާތް ބެހީ އެންމެ ރަނގަޅަށް ނޫން: ރައްޔިތުންގެ މަޖިލިސް

13 Jul 2020 | 19:42

މިއަހަރުގެ ފިތުރު ޒަކާތް ބެހުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކޮށްފައިވަނީ އެންމެ ރަނގަޅު ގޮތަކަށް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

ރައްޔިތުން މަޖިލީހުން މިފަދައިން ނިންމާފައިވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 58 މެންބަރުންގެ ވޯޓުން ފާސްކުރެވުނު މިއަހަރުގެ ޒަކާތް ބެހުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކުރިގޮތުގެ މައްޗަށް އިޖްތިމާއީ ކޮމެޓީން އެކުލަވާލި ރިޕޯޓްގެ ތެރެއިންނެވެ.

އިޖްތިމާއީ ކޮމެޓީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ޒަކާތް ހައްގުވާ ފަރާތްތަކުގެ ލިސްޓަށް ބަދަލު ގެނައުމަކާއި ނުލައި، މި އަހަރު ޒަކާތް ބެހުމަކީ އެންމެ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ. އަދި އެ ދުވަސްވަރަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރުކަަމުގައި ވީނަމަވެސް، ސަރުކާރުގެ އެހެނިހެން ވުޒާރާތަކުންވެސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފައިސާގެ މުއާމަލާތުތައް އަދި އެ ނޫން އިދާރީކަންކަން ކުރިއަށް ގެންގޮސްފައިވާކަމަށް ވަނީ ރިޕޯޓްގައި ބުނެފައެވެ.

އެހެންކަމުން އިސްލާމިކް މިނިސްޓްރީން ވެސް ފިތުރު ޒަކާތް ބަލައިގަތުމާއި، ފިތުރު ޒަކާތް ބެހުމުގެ ކަންކަން ކުރިއަށް ގެންދެވޭނެކަމަށް ވަނީ ފާހަގަކޮށްފައެވެ. މި ރިޕޯޓްގައި ވަނީ ޒަކާތް އިންސާފުވެރިކަމާއި އެކު ބެހުމަށް، ކޮންމެ އަހަރަކުވެސް ޒަކާތް ހައްގުވާ ފަރާތްތަކުގެ ލިސްޓް މުރާޖައާކުރުން މުހިންމުކަމަށްވެސް ބުނެފައެވެ. 

މިއަހަރުގެ ފިތުރު ޒަކާތް ބެހިއިރު، ޒަކާތް ހައްގުވާ ގިނަ އަދަދެއްގެ ފަރާތްތަކަށް އެ ނުލިބޭކަމުގެ ޝަކުވާ ގިނަބަޔަކު ވަނީ ކޮށްފައެވެ.

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީއިން އޭރު ބުނީ މިދިޔަ އަހަރުގެ ލިސްޓަށް ބިނާކޮށް މިއަހަރުގެ ޒަކާތް ބެހީ، ކޮވިޑް-19ގެ ކަންކަމާއި ގުޅިގެން ފޯމު ފުރައި ހުށައަޅަން ދަތިވާނެކަމަށް ފެންނާތީއެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް