Advertisement

އިންޑިއާ ސަރުކާރުގެ އެހީގައި 61 ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމްކުރުމަށް ބޭނުންވާ ސާމާނު ހަވާލުކޮށްފި

13 Jul 2020 | 20:42

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށެއްގައި އައުޓް ޑޯ ޖިމް ޤާއިމްކުރުމަށް ބޭނުންވާ ސާމާނު މިއަދު ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާއި، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަހުލޫފުގެ އިތުރުން ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އައުޓް ޑޯ ޖިމްތައް ޤާއިމްކުރާ ރަށްރަށް ނިސްބަތްވާ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި، ސަރުކާރުގެ ބައެއް އިސް އޮފިޝަލުންގެ އިތުރުން އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

މި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހަމަޖައްސަވައިދެއްވީ އިންޑިއާ ސަރުކާރުން، 2019 ވަނަ އަހަރުގެ މާޗް މަހުއެވެ.

ދިވެހިންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމުގެ ރޫހު އިތުރުކޮށް، ހަށިހެޔޮ ދުޅަހެޔޮ ދިރިއުޅުމަަކަށް މަގު ފަހިކުރުމުގެ ގޮތުން 61 ރަށެއްގައި އައުޓް ޑޯ ޖިމް ޤާއިމްކުރުމަށް ޔޫތު މިނިސްޓްރީއަށް 8 މިލިއަން ރުފިޔާގެ އެހީ އިންޑިއާ އިން ވަނީ ހަމަޖައްސަވައިދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގިފަހިކުރުމަށް ސަރުކާރުން ވީ ވައުދުގެ ތެރެއިން ހިންގޭ ޕްރޮޖެކްޓެއްކަމަށެވެ. އަދި މިއީ ރަށްރަށުގައި އިޖްތިމާޢީ ގުޅުން ވަރުގަދަކޮށް ދޭދޭ ގުޅުންތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް