އެއްވެސް މީހަކު ޖިންސީ ކުށްތަކަށް އަރައިގަންނަން "ދައުވަތެއް" ނުދޭނެއެވެ!

14 Jul 2020 | 17:07

ޖިންސީ ގޯނާ، ޖިންސީ ފުރައްސާރަ އަދި ރޭޕް ފަދަ ކުށްތަކަކީ ދިވެހި މުޖުތަމައުގައި އަބަދުމެ ހިނގާ ކަންކަމެވެ. މިފަދަ މައްސަލަތަކުގެ ވާހަކަތައް ފަހަކަށް އައިސް މިދަނީ ވަރަށް ގިނައިން ފެންމަތިވަމުންނެވެ. މިއީ އާންމު ގޮތެއްގައި ހިނގާ ކަމެކެވެ. ޖިންސީ ކުށެއްގެ ވާހަކަ ފެންމަތިވުމުން، މުޖުތަމައުއިން މިފަދަ ކަންކަމާއި ދެކޮޅަށް ދައްކާ ވާހަކަތަކުން ބާރުލިބިގަނެ އެހެން ފަރާތްތަކުންވެސް ލިބުނު އަނިޔާތަކުގެ ވާހަކަތަކާއިގެން އެންމެންގެ ކުރިއަށް އާދެއެވެ. ބިރެއް ފަސް ޖެހުމެއް ނެތި، ދިމާވި ކަމަށް އިންސާފު ހޯދުމުގެ މަތިވެރި ނިޔަތުގައެވެ.

ދުނިޔެއަކީވެސް ޒާތެއްގެ ތަނެކެވެ. އެންމެންގެ ޚިޔާލެއް ހުރިހާ ކަމެއްގައި އަބަދުވެސް އެއްގޮތެއް ނުވާނެއެވެ. މިފަދައިން، ޖިންސީ ކުށްތަކުގެ ވާހަކަތައް ދެކެވޭ ކޮންމެ ފަހަރަކު މަދުން ނަމަވެސް ބައެއް ފަރާތްތަކުގެ އަމާޒު ބޮޑަށް ހުއްޓެނީ އެކަމެއް ދިމާވި މައުސޫމް މީހާއަށެވެ. އޭނާގެ ނުރުހުމުގައި ކަމެއް ދިމާވުމުންވެސް، އެކަމެއްގައި އޭނާގެ އަތެއް އޮންނާނެކަމަށް ބުނަމުންނެވެ. ރޭޕް ނުވަތަ ޖިންސީ ގޯނާއަށް މަގުފަހި ވަނީ މީހަކު ނުވަތަ ކުއްޖަކު ލައިގެން ހުރި ހެދުމެއް، ހުރި ތަނެއް ނުވަތަ އުޅެވޭގޮތުން ކަމަށް ބުނަމުންނެވެ. މިފަދަ ބަސްތަކުން، ވިކްޓިމްއަށް ކުރާނެ އަސަރަކަށް ފަރުވާލެއް ނެތިއެވެ. ޖިންސީ ކުށްތަކަށް އަރައިގަތުމަށް ދެވޭ ހިތްވަރަށް ވިސްނާލުމެއް ނެތިއެވެ.

މަތީގައި ދެންނެވި ފަދައިން އަމަލުކުރުމަށް އިނގިރޭސި ބަހުގައި ކަލެކްޓިވްލީ ބޭނުންކުރާ ބަހަކީ ވިކްޓިމް ބްލޭމިންގއެވެ. މިފަދައިން ބަސްތަކެއް ބުނެލުމަކީ ބައެއް ފަރާތްތަކަށް ވަރަށް “އާދައިގެ” ކަމަކަށް ވެދާނެއެވެ. އެއީ ދީނުގައި ކަންތައްތައް އޮންނަގޮތް ކިޔައިދިނުން ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. ތެދެކެވެ. އައުރަ ނިވާކުރުން ފަދަ ކަންތައްތަކަކީ ކީރިތި ގުރުއާނާއި ރަޞޫލާގެ ސުންނަތުންވެސް ސާބިތުވާ ކަންކަމެކެވެ. އެކަމާއި މެދު ނިކަމެތި އަޅުގަނޑު އެއްވެސް މިންވަރަކަށް ދެބަހެއް ނުވާނަމެވެ. އެހެން ނަމަވެސް، ވިކްޓިމް ބްލޭމިންގގެ ހަޑި އަމަލު ހިންގާ ފަރާތްތަކަށް ސުވާލެއް ކޮށްލާނަމެވެ. ބެލުންތައް ތިރިކުރަން އަންގަވާފައިވާ ކަމަށާއި، ރުހުމަކާއި ނުލައި ޖިންސީ އަމަލުތައް ހިންގުމަކީ ކަނޑައެޅިގެން ހަރާމް އަމަލެއްކަން ހަނދާން ނައްތަވާލައްވަނީ ކީއްވެގެންތޯއެވެ؟ ފިރިހެނަކު އެފަދަ ވަހުޝީ މުޑުދާރު އަމަލެއް ކުރާ ކޮންމެ ފަހަރަކު އޭނަ ދިފާއުކުރަން އެހާ ބޮޑަށް މަސައްކަތްކުރައްވަނީ ކީއްވެގެން ތޯއެވެ؟

ބައެއް ފަރާތްތަކުން ވިސްނާގޮތުގައި އަންހެންކުއްޖަކު ފިރިހެނަކާއި ހެޔޮގޮތެއްގައި ވާހަކަ ދެއްކުމަކީވެސް، ޖިންސީ ކުށަކަށް އަރައިގަންނަން އަނެއް މީހާއަށް ބާރު ލިބިދޭ ކަމެކެވެ. ބައެއް މީހުން ބުނާގޮތުގައި ޖިންސީ ގޯނާކަމަށް ބުނެ މައްސަލަ ހުށައަޅަނީ ދެމީހަކު ރުހުމުގައި ކަމެއް ކުރުމަށްފަހު "ސަމާލުކަމެއް" ނުލިބުމުންނެވެ. ރަސްމީ ދަތުރެއްގައި ރަށުން ބޭރަށް ދިއުމަކީވެސް ޖިންސީ ކުށަކަށް އަރައިގަންނަން ދެވޭ ދައުވަތެކެވެ. މިފަދަ ނާތަހުޒީބު އަދި ދަށްފެންވަރުގެ ވިސްނުން ގެންގުޅޭ ފަރާތްތައް ދިވެހި މުޖުތަމައުގައިވެސް އަދިވެސް އުޅެއެވެ.

އދ.އާއި ދިވެހި ސަރުކާރު ގުޅިގެން މީގެ އަހަރުތަކެއްގެ ކުރިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ދިވެހިރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެއް އަންހެނަކީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އަނިޔާއެއް ލިބިފައިވާ ފަރާތެކެވެ. ކަންމިހެން އޮތްއިރު، ވިކްޓިމް ބްލޭމިންގއަކީ އާދައިގެ ކަމެއްގެ ގޮތުގައި ބާއްވައިގެން ފަރުޖައްސާލެވެން ނެތެވެ. އެހެނީ، އެކަމަކީ އެކަމެއްގެ ސަބަބުން ޖިންސީ ކުށުގެ ވިކްޓިމްއަަށް ނޭދެވޭ އަސަރުތަކެއް ނަފްސާނީ ގޮތުން ކުރުވައި، ޖިންސީ ކުށްތަކުގެ ޝިކާރައަކަށްވާ އެހެން ފަރާތްތަކުން އެކަން ހާމަކުރަން ފަސްޖެހޭނެ ސަބަބެކެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން މުއައްސަސާތައް ހަރުދަނާކޮށް، އިންސާފު ހޯދައިދިނުންވެސް ހީނަރުވެގެންދެއެވެ.

ޕެޓްރިއާކީގެ ބާރުގަދަކަމުން މުޖުތަމައުގެ އަފްރާދުންގެ ސިކުނޑިތައް ބައްޓަންވެފައިވާ ގޮތުން، ވިކްޓިމް ބްލޭމިންގގެ އަމަލުތައް އަބަދުމެ ކުރިއަށްދެއެވެ. ވަކިން ޚާއްސަކޮށް އަންހެނުންނަށް އަމާޒުކޮށް އެކަން ހިނގަމުންދެއެވެ. އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ހައްގު ހަމަ ކޮންމެ އިންސާނަކަށްވެސް ލިބިގެންވެއެވެ. އައުރަ ނިވާކުރަން އެންގެވި ފަދައިން، ބެލުންތައް ތިރިކޮށް ކުށްތަކަށް އަރައި ނުގަންނަން އިންސާނުންނަށް އަންގަވާފައިވެއެވެ. އެހެންކަމުން ވިކްޓިމް ބްލޭމިންގ ކުރުމަށް އަޅުގަނޑުމެންގެ ތެރެއިން ބައެއް ފަރާތްތަކުން ކުރާ މަސައްކަތުގެ ބަދަލުގައި، ވިކްޓިމުން ހިމާޔަތްކޮށް އަނިޔާވެރިން ކުށްވެެރިކުރަން އާރުލާ މަސައްކަތް ކުރަމާތޯއެވެ! އަޅުގަނޑަށް ހަމަ ޔަގީނެވެ. އެއްވެސް އިންސާނަކު ޖިންސީ ކުށްތަކަށް ހިތުން ރުހުމުން “ދައުވަތެއް” ނުދޭނެއެވެ. 

ފޮޓޯ: ޕީއެސްއެމް ނިއުސް

Advertisement

ކޮމެންޓް