Advertisement

ހަސަން އިސްމާއިލްގެ މައްޗަށް މައްސަލަ އަވަހަށް ބަލައިދޭން އެދި ރާއިއާގެ ވަކީލުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް!

14 Jul 2020 | 16:39

ރައީސުލްޖުމްހޫރިއްޔާގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ހަސަން އިސްމާއިލްގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލަ އަވަހަށް ބަލައިދޭން އެދި، ދި އެޑިޝަން ނޫހުގެ އެޑިޓަރ އާމިނަތު ރާއިއާ މުނައްވަރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ފަރާތުން ސިޓީއެއް ހުށައަޅައިފިއެވެ.

މިއަދު މެންދުރުފަހު މި ސިޓީ ރާއިއާ ހުށައަޅުއްވާފައިވަނީ އޭނާގެ ގާނޫނީ ވަކީލުންގެ ޓީމް މެދުވެރިކުރައްވައެވެ.

ރައީސް ޞާލިހަށް އެޑްރެސްކޮށް ހުށައެޅި މި ސިޓީގައި ބުނެފައިވާ ގޮތުގައި މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ އަމަލުތަކާއި ގުޅިގެން ހުށައެޅޭ މައްސަލަތައް، އެފަދަ މައްސަލައެއް ހުށައަޅާތާ 60 ދުވަހުގެ ތެރޭގައި ބަލައި ނިންމަންވާނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް މި މައްސަލަ ބަލައި ނިންމަންޖެހޭ ކަމަށް ގާނޫނުގައި ކަނޑައެޅިފައިވާ ތާރީޚް ފަހަނައަޅައި ގޮސްފައިވާކަމަށް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އިދާރީ ހިންގުމުގެ ކަންކަމުގައި އެކަށީގެންވާ އަވަސް މިނެއްގައި ކަންކުރެވުމަކީ ކޮންމެ މީހަކަށްވެސް ގާނޫނު އަސާސީގެ 43ވަނަ މާއްދާގެ ހ ގެ ދަށުން ލިބިދީފައިވާ ހައްގެއްކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް މި މައްސަލައިގައި، ގާނޫނު އަސާސީއާއި ގާނޫނުތަކުން ވަކި މުއްދަތެއްގައި މައްސަލަ ބަލައި ނިންމަން މަތިކޮށްފައިވާ ޒިންމާއާއި ރައީސް އޮފީހުން ޚިލާފްވެފައިވާކަމަށް ރާއިއާގެ ގާނޫނީ ވަކީލުން ވަނީ ފާހަގަކޮށްފައެވެ.

މި ސިޓީގައި އިތުރަށް ބުނެފައިވާ ގޮތުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބެލުމުގައި އެގާނޫނުގެ ދަށުން އެކުލަވާލެވޭ ކޮމެޓީން މައްސަލަ ބަލަން އޮންނައިރު، ކޮމެޓީން މައްސަލަ ބަލައި ނިންމުމުން މައްސަލަ ސާބިތުވާނަމަ މައްސަލައާއި ގުޅިގެން އެޅި ފިޔަވަޅުތައް މައްސަލަ ހުށައެޅި ފަރާތަށް އެންގުން އޮންނަކަމަށެވެ. ނަމަވެސް ހަސަންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި މިއިން އެއްވެސް އިޖުރާއަތަކަށް އަމަލުކުރިކަން މިއަދާއި ހަމައަށް ރާއިއާއަށް އަންގާފައި ނުވާކަމަށް ވަނީ ބުނެފައެވެ. މިފަދައިން އަމަލުކުރުމުން، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރުމުގައި ރައީސް އޮފީހުން އިހުމާލްވެފައިވާކަމަށް ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.

އެ ވަކީލުން ފާހަގަކުރި ގޮތުގައި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްގެ މައްޗަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މަގާމުން ވަކިކުރެވުނެވެ. ނަމަވެސް ހަމަ ރައީސް އައްޔަންކުރައްވާފައިވާ ސިޔާސީ މަގާމެއްގައި ހުންނަވާ ހަސަން އިސްމާއިލްގެ މައްޗަށް ހަށިގަންނަން ރިޝްވަތު ހުށައެޅިކަމުގެ ޖިންސީ ފުރައްސާރައިގެ މައްސަލަ ރައީސް އޮފީހަށް ހުށައެޅިތާ ފަސް މަސްދުވަސް ވަނީ ވެފައެވެ. އެހެންކަމުން މިފަދަ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާ ތަފާތުކުރުންތައް ގެންގުޅޭކަމަށް ބެލެވިދާނެކަމަށް ވަނީ ބުނެފައެވެ.

އަދި ހަސަން މިވަގުތު ހުންނެވި މަގާމުގެ ހައިސިއްޔަތުން، އޭނާއަކީ ރާއިއާ ނިއުސް އެޑިޓަރެއްގެ ގޮތުގައި މިހާރުވެސް އަދާކުރަމުންދާ މަަަސައްކަތާއި އެނޫހާއި މެދު ތަފާތުކުރުންތަކެއް ގެންގުޅެ ނުފޫޒު ފޯރުވޭފަދަ މަގާމެއްގައި ހުރި މީހެއްކަަމަށް ވަނީ ބުނެފައެވެ. މިކަމުގެ ސަބަބުން މުވައްކިލްގެ ވަޒީފާ އެންމެ އެކަށީގެންވާ ގޮތެއްގައި އަދާކުރުމަށް ހުރަސްތަކެއް ހުރިކަންވެސް ވަނީ ސިޓީގައި ބުނެފައެވެ.

މި ސިޓީ ނިންމާލަމުން ވަނީ ރާއިއާގެ މައްސަލައިގައި ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި ގާނޫނުގައިވާ ގޮތުގެ މަތީން ރައީސް އޮފީހުން މައްސަލަ ބަލައި، އެޅި ފިޔަވަޅަކީ ކޮބައިކަން ހާމަކޮށްދޭން އެދިފައެވެ. 

Advertisement

ކޮމެންޓް