ހަސަަން އިސްމާއިލް މަގާމުން ވަކިކުރުމަށް ރިޕޯޓާސް ވިތައުޓް ބޯޑަރސްއިން ގޮވާލައިފި

15 Jul 2020 | 17:10

ދި އެޑިޝަން ނޫހުގެ އެޑިޓަރ ރާއިއާ މުނައްވަރުގެ ހަށިގަންނަން ރިޝްވަތު ހުށައަޅާ ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުކުރެވިފައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހަސަަން އިސްމާއިލް މަގާމުން ވަކިކުރުމަށް، ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބައިނަލްއަގްވާމީ ޖަމާއަތެއްކަމަށްވާ ރިޕޯޓާސް ވިތައުޓް ބޯޑަރސްއިން ގޮވާލައިފިއެވެ.

އެ ޖަމާއަތުގެ އޭޝިޔާ-ޕެސިފިކް ޑެސްކްގެ އިސްވެރިޔާ ޑެނިއެލް ބަސްޓާޑް ވިދާޅުވީ ރާއީގެ ޝަކުވާއާއި މެދު ފިޔަވަޅެއް އެޅިފައި ނުވުމުން، ދިވެހި ސަރުކާރާއި ފުލުހުންގެ ސީރިއަސް މައްސަލަތަކެއް ހުރިކަން ދައްކުވައިދޭ ކަމަށެވެ. 

ޑެނިއެލް ވަނީ މި މައްސަލައަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތަދައްޚުލްވެ ވަޑައިގެން، ކޮމިއުނިކޭޝަންސް ޑިރެކްޓަރގެ މަގާމުގައި ހުންނެވި ހަސަން އިސްމާއިލް މަގާމުން ވަގުތުން ވަގުތަށް ވަކިކުރެއްވުމަށް ގޮވާލައްވާފައެވެ. އަދި ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަކޮށް ރިޝްވަތު ހުށައެޅި މި މައްސަލައިގައި ތަހުގީގެއް ހިންގުމަށްވެސް އެބޭފުޅާ އެދިވަޑައިގެންނެވިއެވެ. 

މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ގާނޫނުގެ ބާރުވެރިކަމާއި މެދު ސުވާލު އުފެދިފައިވާކަމަށް ޑެނިއެލް ވިދާޅުވިއެވެ.

ހަސަންގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލަ މިދިޔަ އަަހަރުގެ ތެރޭގައި ރައީސް އޮފީހަށާއި ފުލުހުންނަށް ރާއިއާ ހުށައެޅުއްވިއެވެ. ނަމަވެސް އެކަމާއި މެދު މިހާތަނަށް ފިޔަވަޅެއް އެޅިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް