ހައިލަމްގެ ވަރުގަދަ ސުވާލުތަކެއް ޕީޖީ ޝަމީމަށް!

16 Jul 2020 | 06:45

ކުރީގެ ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ދައުވާތަކާއި ބެހޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ހުސައިން ޝަމީމަށް، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަލްއުސްތާޛު އަހުމަދު ހައިލަމް މުހިންމު ސުވާލުތަކެއް ކުރިމަތިކުރައްވައިފިއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލައިގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވަނީ އަދީބުގެ އިއުތިރާފްގެ އެއްބަސްވުމާއި ނުލައިވެސް ދައުވާ ކުރެވޭނެފަދަ ކިތާބީ ހެކި ޕީޖީ އޮފީހުގައި އެބަހުރި ކަމަށެވެ. އެގޮތުން 150 އަށްވުރެ ގިނަ ދައުވާތައް ކުރެވިދާނެކަމަށާއި، އެ ހުރިހާ ދައުވާއެއް އުފުލައިފިނަމަ އަދީބުގެ މައްޗަށް 800 އަށްވުރެ ގިނަ އަހަރުގެ ޖަލު ހުކުމެއް އަންނާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

އެބޭފުޅާގެ މި ބަސްތަކަށް ރައްދުދެއްވަމުން ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްބަސްވުމަކާނުލައި 150 ދައުވާކޮށް 800 އަހަރަށް ޖަލަށް ލެވެން އޮތްއިރު އެއްބަސްވުމެއް ހެދީ ދައުލަތަށް ކޮން މަޞްލަޙަތެއް އޮވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ.

އަދި ‏ދައުލަތުން އެތައް ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވިކަން ސާބިތުކުރެވޭނޭ ކިތާބީ ހެކި ލިބިފައިވާއިރު، 150 ދައުވާ 7 ދައުވާއަށް ބަދަލުކުރީ ކީއްވެތޯ ހައިލަމް ވަނީ ސުވާލު އުފައްދަވާފައެވެ.

އަދީބުގެ މައްޗަށް ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ދެމެދު ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެންނެވެ.

އަދީބްގެ މައްޗަށް މިހާރު ޖަލު ހުކުމެއް ނެތްއިރު، ބަންދުގައި ހުރީ ދައުވާތަކުގެ ޝަރީއަތަށެވެ.

އަދީބުގެ މައްޗަށް އުފުލި ހަތް ދުވައުވާގެ ތެރޭގައި ހިމެނެނީ:

- މަނީ ލޯންޑްރިންގެ ދެ ދައުވާ

- ހިޔާނާތުގައި ބައިވެރިވި ކަމުގެ ދެ ދައުވާ

- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއް

- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެއް

- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެއް

Advertisement

ކޮމެންޓް