ގެވެށި އަނިޔާ ލިބިފައިވާ މީހުން ރީވިކްޓިމައިޒް ވިޔަ ދީގެން ނުވާނެ: ރައީސް ޞާލިހު

15 Jul 2020 | 21:34

ގެވެށި އަނިޔާ ލިބިފައިވާ މީހުން ރީވިކްޓިމައިޒް ވިޔަ ދީގެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިސްނަގައިގެން ކުރިއަށް ގެންދާ "ގެވެށި ގުޅުން" ކެމްޕެއިން އިފްތިތާޙު ކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ދެއްވި ޚާއްޞަ މެސެޖުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި މެސެޖުގައި، ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ޙައްލު ކުރުމުގައި ޒަމާންތަކެއް ވަންދެން މުޅި ދައުލަތް ނުކުޅެދިފައި އޮތްކަން ފާހަގަކުރައްވާ، މިފަދަ މައްސަލަތައް ޙައްލު ނުކޮށް، ޤައުމެއްގެ ގޮތުގައި އަދި މުޖުތަމަޢެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ކުރިއަށް ދެވެން ނެތް ކަމަށް ވިދާޅުވިއެވެ. ‎އަދި، ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައަށް ނޫނެކޭ ބުނުމުގެ ޙައްޤާއި، ފުރުޞަތާއި، ހިތްވަރު ކޮންމެ މީހަކަށްވެސް ލިއްބައިދޭން ޖެހޭ ކަމަށާއި، އަދި އެ ޙައްޤު ރައްކާތެރިކޮށްދޭ ދައުލަތެއް ބިނާ ކުރުމަކީ އެމަނިކުފާނުގެ އެންމެ އިސް އެއް ވާޖިބު ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

‎މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ސަރުކާރުގެ ބަޖެޓުން މިކަމަށް ކުރާ ހޭދަ އިތުރުކޮށްފައިވާކަން ފާހަގަކުރައްވާ، ޖެންޑަރ މިނިސްޓްރީގެ މަސައްކަތްތަކަށް މި އަހަރު ކަނޑައަޅާފައިވާ 294 މިލިއަން ރުފިޔާގެ ބަޖެޓަކީ 2018 ވަނަ އަހަރު އެ މިނިސްޓްރީއަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ 111 މިލިއަން ރުފިޔާ އިތުރު އަދަދެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ރޭޕް އަދި ޖިންސީ ގޯނާއަކީ ޖިނާއީ ބޮޑު ޖަރީމާއެއްގެ ގޮތުގައި، ޖިނާއީ އިޖުރާޢާތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ކަމަށާ އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުވެސް، 28 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު، 2019 ވަނަ އަހަރުގެ ފަހުކޮޅު ތަޞްދީޤުކޮށް، މިއަހަރުގެ ކުރީކޮޅު ޢަމަލުކުރަން ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިހުގެ ވާހަކަފުޅުގައި ވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހަކަށް، އެއްވެސް ޙާލެއްގައި، އިތުރަށް އަނިޔާ ލިބޭނެ ގޮތަކަށް އެހެން ފަރުދުންގެ ޢަމަލުތައް ބަހައްޓައިގެން ނުވާނެކަމަށް ވިދާޅުވެފައެވެ.

"ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހަކަށް، އެއްވެސް ޙާލެއްގައި، އިތުރަށް އަނިޔާ ލިބޭނެ ގޮތަކަށް އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓައިގެން ނުވާނެ. އެ މީހުން އަލުން "ވިކްޓިމައިޒް" ވިޔަދީގެން ނުވާނެ. އަދި، އެ މީހުންނަށް އިންޞާފު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގައި އަޅުގަނޑުމެން ސާބިތުކަމާއެކު ތިބިކަން، އަޅުގަނޑުމެންގެ ޢަމަލާއި ބަހުން ދައްކަން ޖެހޭނެ"، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިފަދަ މައްސަލަތައް ސަރުކާރާއި މުޖުތަމަޢުގެ ސަމާލުކަމަށް ގެނައުމަށް މަދަނީ އެކި ޖަމުޢިއްޔާ ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާ ކަމަށާއި، މި ކަންކަމާއި މެދު އަޑު އުފުލަމުންދާ ޒުވާނުންގެ މަސައްކަތްތަކުގެ ސަބަބުން ހިތްވަރު ލިބިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މިފަދަ މައްސަލަތަކުގެ މަޢުލޫމާތު ކަމާބެހޭ އިދާރާތަކާއި ޙިއްޞާ ކުރުން އަދިވެސް އިތުރު ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

‎އަދި، ގެވެށި އަނިޔާގެ މައްސަލަތަކަކީ މުޖުތަމަޢުގައި އަންހެނުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން ބޮޑު އެއް މައްސަލަ ކަމަށް ވާއިރު، ޖުމްލަ ގޮތެއްގައި އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އޮތް ޙައްލަކީ އަންހެނުން ބާރުވެރިކުރުވުން ކަމަށް ވިދާޅުވެ، އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން އިސްނަގައިގެން ކުރަމުން ގެންދާ ބައެއް މަސައްކަތްތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

Advertisement

ކޮމެންޓް