Advertisement

އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަޅަމުންދާ ހުރަސްތަކާއި މެދު ކަންބޮޑުވަން: ޓީއެމް އަދި ފެމިލީ ލީގަލް ކްލިނިކް

16 Jul 2020 | 12:05

ސަރުކާރުގެ ފަރާތުން އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަޅަމުންދާ ހުރަސްތަކާއި މެދު ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި ފެމިލީ ލީގަލް ކްލިނިކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި ދެ ޖަމްއިއްޔާއިން އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައިވަނީ ދެފަރާތުން ގުޅިގެން ނެރުނު ނޫސްބަޔާންތަކެއްގައެވެ.

މިގޮތުން ޓްރާންސްޕޭރެންސީ އަދި ފެމިލީ ލީގަލް ކްލިނިކުން ބުނީ ޖަމްއިއްޔާ ޖަމާއަތްތަކުގެ މަސައްކަތަށް ބުރޫއަރާފަދަ މޭރުމަކުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އާންމުކޮށްފައިވާ އިއުލާނާއިމެދު ކަންބޮޑުވާކަމަށެވެ. އެގޮތުން ބިދޭސީ މަސައްކަތްތެރިން އެމީހުންގެ ހައްގު ހޯދުމަށް މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައި، ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމްއިއްޔާ ޖަމާއަތްތަކުގެ މަސައްކަތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަމަށް ހިތްވަރުދިނުން ކަމުގައި ދޭހަވާފަދަ މޭރުމަކުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ބަޔާނެއް ނެރެފައިވުމަކީ، އެކަމުގެ ސަބަބުން ޖަމްއިއްޔާތައް އުފައްދައި ހިންގުމުގެ ހައްގަށް އުނިކަން ލިބި ޖަމްއިއްޔާ ޖަމާއަތްތައް ހަރަކާތްތެރިވާން އޮތް ޖާގަ ހަނިވެގެންދާކަމެއް ކަމުގައި ދެކޭކަމަށެވެ.

މި ބަޔާނުގައި ބުނީ އިޖުތިމާއި ބަދަހިކަން ކުރިއަރުވައި، މުޖުތަމައުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އެންމެ އިސްދައުރެއް އަދާކުރާ އެއްބަޔަކީ ޖަމްއިއްޔާ ޖަމާއަތްތައް ކަމަށާއި، ޖަމްއިއްޔާ ޖަމާއަތްތަކުގެ މަސައްކަތުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމާއި، ހެޔޮ ހިންގުމުގެ ނިޒާމު ކުރިއެރުވުމާއި، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި، ބިދޭސީ މަސައްކަތްތެރިންގެ ހައްގު ކުރިއެރުވުންފަދަ އެތަކެއް މަސައްކަތެއް ހިމެނޭ ކަމަށެވެ.

މިހެންކަމުން، ޖަމްއިއްޔާ ޖަމާއަތްތަކުގެ މަސައްކަތަށް ބުރޫއަރާނެ ސިޔާސަތުތަކުން ދުރުހެލިވެ، ޖަމްއިއްޔާ ޖަމާއަތްތަކުގެ މަސައްކަތްތައް ހުރަހެއްނެތި ކުރުމުގެ ޖާގަ ތަނަވަސްކޮށް އެކަމަށް މަގުފަހިކޮށްދިނުމަށް ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކަށް މި ދެ ޖަމްއިއްޔާއިން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، އެއްވެއުޅުމުގެ މިނިވަންކަން ހަނިވާގޮތަށް ހަދާފައިވާ ގާނޫނުތަކާއި، ގަވާއިދުތަކާއި އުސޫލުތައް އުވާލައި، އެއްވެއުޅުމުގެ މިނިވަންކަމަށް މަގުފަހިކޮށްދިނުމަށް ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކަށް ވަނީ ގޮވާލާފައެވެ. އަދި ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖޭގައި އުޅޭ ފަރާތްތަކުން އެއްވުންތައް ބާއްވައި މުޒާހަރާ ކުރާ ސަބަބުތަކަށް ރިއާޔަތްކޮށް، އެފަދަ ކަންކަން ހައްލުކޮށް އިންސާފާއި ހަމަހަމަކަން ކަށަވަރުކުރުމަށްވެސް ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކަށްވެސް ވަނީ ގޮވާލާފައެވެ.

Advertisement

ކޮމެންޓް