Advertisement

ހިޔާ ފްލެޓްތަކަކީ އެންމެ ކުޑަ އަދި އަގުބޮޑު ފްލެޓްތަކެއް ނޫން: ޑރ.މުއިއްޒު

16 Jul 2020 | 15:19

ޗައިނާ ސްޓޭޓް އިންޖީނިއަރިންގ އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީއާއި ހަވާލުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތަކަކީ އެންމެ ކުޑަ އަދި އަގުބޮޑު ފްލެޓްތައް ނޫންކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ޑރ.މުއިއްޒު ވިދާޅުވީ އެ މަޝްރޫއުގެ ފްލެޓްތައް ހަވާލުކުރަން ރައީސް ޔާމީންގެ ސަރުކާރުން ވިސްނާފައިވަނީ ފިނިޝިންގ މަަސައްކަތްތައް ކުރުމަށްފަހުގައި ކަމަށެވެ. އެގޮތުން އޭރު އެ ފްލެޓްތައް އަގުކޮށްފައިވަނީ އެ މަސައްކަތް ހިމަނައި، 13 އަހަރުން އަނބުރާ ދެއްކޭނެފަދަ ގޮތަކަށް ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި މި ސަރުކާރުން އެ ފްލެޓްތަކަކީ ރައްޔިތުންނަަށް ހައްގު މިންވަރު ނޫންކަމަށް ބުނެ، ބޭރު ދޮރުތައް ޖެހުމަށްފަހު ހަވާލުކުރުމާއި މެދު ޑރ.މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މީގެ އިތުރުން ކުރީގެ މިނިސްޓަރ ޑރ.މުއިއްޒު ވަނީ އެ ފްލެޓްތަކުގެ އަގު ބޮޑުވެފައި، ކުޑަކަމަށް ބުނަމުންދާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

"މިއީ އެންމެ ކުޑަ ފްލެޓޭ ވިދާޅުވެފައި އޮތީމަ، ނޫން އެއީކީ ހަގީގަތެއް ނޫން. މިއީކީ އެންމެ އަގު ބޮޑު ފްލެޓެއްވެސް ނޫން. އެއީކީވެސް ހަގީގަތެއް ނޫން"، މުއިއްޒު ވިދާޅުވިއެވެ.

މިއަދުގެ ކޮމެޓީގައި ވަނީ ޑރ.މުއިއްޒު މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ފްލެޓެއްގެ އަގު 5600 ރުފިޔާއަށްވުރެ މަތި ނުވާނެކަމަށް ވިދާޅުވި ޓްވީޓަކާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. މި ޓްވީޓާއި ގުޅޭގޮތުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ސުވާލުކުރެއްވުމުން މުއިއްޒު ވިދާޅުވީ އެ އަދަދަކީ އެޗްޑީސީން އެބޭފުޅާއާއި ހިއްސާކުރެއްވި މައުލޫމާތުގެ މައްޗަށް ހިސާބު ޖެހުމަށްފަހު އާންމުކުރެއްވި އަދަދެއްކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް