ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ހަސަންގެ ބަޔާން އަވަހަށް ނުނެގުނީ ކޮވިޑް-19 އާއި ގުޅިގެން: ފުލުހުން

17 Jul 2020 | 19:38

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރގެ މަގާމުގައި ހުރި ހަސަން އިސްމާއިލްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ހަށިގަންނަން ރިޝްވަތު ހުށައެޅުމުގެ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި، އެބޭފުޅާގެ ބަޔާން ނުނެގި ލަސްވީ ކޮވިޑް-19 އާއި ގުޅިގެންކަމަށް ފުލުހުން ބުނެފިއެވެ.

ހަސަންއާއި ދެކޮޅަށް މި މައްސަލަ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުށައެޅުއްވީ ދި އެޑިޝަން ނޫހުގެ އެޑިޓަރ ރާއިއާ މުނައްވަރެވެ. މި މައްސަލައިގައި ގިނަ ދުވަސްތަކެއް ވަންދެން ހަނުހުންނެވުމަށްފަހު، ރާއިއާ ވަނީ މީގެ ދުވަސްތަކެއް ކުރިން ޓްވިޓަރގައި މައްސަލަ ހުށައެޅުއްވިކަން ޓްވިޓަރގައި ހާމަކުރައްވާފައެވެ.

މިއަދު މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މައްސަލައިގައި ހަސަންގެ ބަޔާން ނުނެގި ލަސްވުމާއި ގުޅޭގޮތުން ނޫސްވެރިއަކު ވަނީ ސުވާލުކޮށްފައެވެ.

ނޫސްވެރިޔާގެ ސުވާލަށް ޖަވާބުދެއްވަމުން ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ޗީފް ސުޕްރިޑެންޓެންޑް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ފުލުހުންގެ ބައެއް ތަހުގީގުތަކަށް ކޮވިޑް-19 އާއި ގުޅިގެން ދަތިތަކާއި ދިމާވި ކަމަށެވެ. ނަމަވެސް މިހާރު އެފަރާތްތަކުގެ ބަޔާން ނެގިފައިވާނެ ކަމަށް އެސްޕީ ބަޝީރު ވިދާޅުވިއެވެ.

މި މައްސަލައިގައި ރާއިއާ މިހާރު ނޫހަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވިގޮތުގައި ހަސަން އިސްމާއިލް ވަނީ ރަސްމީ ބައްދަލުވުމެއްގެ ތެރެއިން، ރާއިއާ އޭނާއާއި އެކު އެކަހެެރިކޮށް ވަގުތު ހޭދަކޮށް ޕާޓީކޮށްފިނަމަ ފައިދާތަކެއް ލިބިދާނެކަމަށް ވިދާޅުވެފައެވެ.


Advertisement

ކޮމެންޓް