ދިވެހިރާއްޖޭގައި އިންސާނީ ހައްޤުތަކުގެ ހާލަތު މިދިޔަ އަހަރު ވަނީ ރަނގަޅުވެފައި: އިނގިރޭސިވިލާތް

17 Jul 2020 | 21:03

ދިވެހިރާއްޖޭގައި އިންސާނީ ހައްޤުތަކުގެ ހާލަތު މިދިޔަ އަހަރުގެ ތެރޭގައި ޖުމްލަކޮށް ރަނގަޅުވެފައިވާކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.

އެގައުމުން މިފަދައިން ބުނެފައިވަނީ ޔޫކޭގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުން އިއްޔެ އާންމުކުރި 2019 ވަނަ އަހަރުގެ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ ރިޕޯޓްގައެވެ.

މި ރިޕޯޓްގެ ރާއްޖޭގެ ޕްރޮފައިލްގައި ބުނެފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އާ ސަރުކާރުން ޑިމޮކްރަސީ ހަރުދަނާކޮށް، ވެރިކަމުގެ ނިޒާމު ހަރުދަނާކޮށް އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުން ކުރިއެރުވުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން މިދިޔަ އަހަރު ދިވެހިރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ވަނީ އިތުރަށް ރަނގަޅުވެފައެވެ. އެގޮތުން ތަފާތުކުރުންތައް ހުންނަ ގާނޫނުތައް ބަދަލުކުރެވި، ސިޔާސީ ހައްޔަރީން ދޫކުރެވި، އަރުވާލެވިފައި ތިއްބެވި ސިޔާސީ ފަރާތްތަކުން އެނބުރި ގައުމަށް އަންނަން ފެށިކަމަށް މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އަދި މީޑިޔާ، ސިވިލް ސޮސައިޓީ އަދި އިދިކޮޅު ސިޔާސީ ފަރާތްތަކަށް ހަރަކާތްތެރިވުމުގެ އިތުރު ފުރުސަތު ދެވި ޚިޔާލު ފާޅުކުރުމުގެ މިނިވަން ދިވެހިރާއްޖޭގައި ޖުމްލަގޮތެއްގައި ރަނގަޅުވެގެން ދިޔަކަމަށް ވަނީ ބުނެފައެވެ. 

ނަމަވެސް 2016 ވަަނަ އަހަރު ނެރުނު ރިޕޯޓަކާއި ގުޅިގެން މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްގެ މަސައްކަތްތައް ހުއްޓުވާލުމާއި ގުޅިގެން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ޖަމްއިއްޔާ ޖަމާއަތްތަކަށް ހަރަކާތްތެރިވުމަށް ފުރުސަތު އޮތް މިންވަރާއި މެދު ސުވާލު އުފެދުނުކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި ދިވެހިރާއްޖޭގައި ދީނީ މިނިވަންކަން ނެތުމާއި މެދުވެސް މި ރިޕޯޓްގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން އިތުރަށް ބުނީ މިދިޔަ އަހަރު ތަސްދީގުކުރެވުނު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކައިވެނި ކުރުމަށް ރުހުން ދެވޭނެ އުމުރަކީ 18 އަހަރުކަމަށް ބަދަލުކޮށް، 18 އަހަރުން ދަށުގެ ކުދިންނަށް މަރުގެ ހުކުމް ނުދޭން ނިންމާފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އިންސާފުވެރިކޮށް ކުރިއަށް ދިޔަ ނަމަވެސް، އިންތިޚާބުކުރެވުނު އަންހެން މެންބަރުންގެ އަދަދު މަދުކަމަށް ފާހަގަކުރިއެވެ.

މީގެ އިތުރުން އަދުލު އިންސާފުގެ ނިޒާމް ހަރުދަނާކުރުމަށް ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ގިނަ މަަސައްކަތްތަކެއް ކޮށްފައިވާކަމަށް ވަނީ ބުނެފައެވެ. އަދި މަރުތަކާއި ބެހޭ ކޮމިޝަންގެ މަސައްކަތްތަކާއި، މީޑިޔާގެ މިނިވަންކަން ކުރިއަރާފައިވާކަންވެސް މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

Advertisement

ކޮމެންޓް