Advertisement

ރަށްވެހިކަން ދޭ އުސޫލަށް ރައީސް ނަޝީދު ހުށައެޅުއްވި ބަދަލުތަކާއި މެދު ވަރުގަދަ ބަހުސްތަކެއް!

18 Jul 2020 | 18:36

ބައިނަލްއަގްވާމީ މުއާހަދާތަކާއި އުސޫލުތައް ހެދިފައިވާ ގޮތުން ގައުމެއްގައި އެގައުމުން ބޭރުގެ ބަޔަކު ގާނޫނާއި އެއްގޮތަށް އުޅެވެން އާންމުގޮތެއްގައި އޮންނަނީ ޕާމަނެންޓް ރެސިޑެންޓް ސްޓޭޓަސް ހޯދުން، އެސައިލަމް ހޯދުން ނުވަތަ ވިސާއެއްގެ ދަށުން ދިރިއުޅުމެވެ. މިފަދައިން އޮންނައިރު، ބައެއް ގައުމުތަކުން ދިގު މުއްދަތަށް އެގައުމެއްގައި ބިދޭސީންނަށް އުޅުމުގެ ފުރުސަތު ފަހިކޮށްދޭ އެއްގޮތަކީ ޕާމަނެންޓް ރެޒިޑެންސީ ނުވަތަ ކޮންމެވެސް ބާވަތެއްގެ ދިގު މުއްދަތެއްގެ ވިސާއެކެވެ. އަދި ބައެއް ގައުމުތަކުން ރަށްވެހިކަމުގެ ފުރުސަތުވެސް ދެއެވެ.

މިގޮތުން ދުނިޔޭގެ ގިނަ ގައުމުތަކުން ދޫކުރާ އެއް ބާވަތުގެ ވިސާއަކީ ރެސިޑެންޓް ވިސާއެވެ. އުސޫލެއްގެ ދަށުން އާންމު ގޮތެއްގައި ރެސިޑެންޓް ވިސާ ދޫކުރަނީ އެގައުމެއްގެ މީހަކާއި އިނދެގެން އުޅޭ ބިދޭސީއަކަށާއި އެ ދެމީހުންގެ ދަރިންނަށް ނުވަތަ ވިޔަފާރީގެ ދާއިރާއިން އެގައުމުގައި ބޮޑު އިންވެސްޓްމެންޓެއް ކުރާ ފަރާތްތަކަށެވެ. މިހެން އަމަލުކުރުމުގެ ބޭނުމަކީ އާއިލާތައް އެކުގައި އުޅެން ފަސޭހަކޮށްދިނުމާއި، ގައުމުގެ އިގްތިސާދަށް ލާބަހުރި ބިޔަ އިންވެސްޓްމެންޓްތައް ކުރާ މީހުންނަށް އޭގެ ބަދަލެއްވެސް ދިނުމެވެ.

ނަމަވެސް ބައެއް މުފައްކިރުން ދެކެލައްވާ ގޮތުގައި ރެސިޑެންޓް ވިސާއަކީ ގައުމުތަކުގެ ސިޔާސީވެރިންނަށް މަދަދުވެރިވާ އަދި ގާތް ބިދޭސީންނަށް އެހެން ގައުމެއްގައި އަރާމުކޮށް އުޅެލައި، ވިޔަފާރި ފުޅާކުރުމުގެ ނިޔަތުގައި ދެވޭ އެއްޗެކެވެ. އެފަރާތްތަކުން ވިދާޅުވާ ގޮތުގައި މިކަމުގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ އިގްތިސާދާއި އިޖްތިމާއީ ފޭރާމަަށް އޭގެ ނޭދެވޭ އަސަރު ފޯރައި، ސިޔާދަތަށް ގެއްލުން ލިބިގެންދެއެވެ. އެހެނީ ކޮންމެ ކަމެއް ފަދައިން، މިކަމުގެ ނިޔަތާއި މެދުވެސް ދެބަސްވާ އެތައް ބަޔަކު އުޅެއެވެ.

ދިވެހިރާއްޖެއަކީ ނިސްބަތުން ކިތަންމެ ކުޑަ ގައުމެއް ނަމަވެސް، ދިވެހިރާއްޖޭގައި ބިދޭސީން އުޅުމަށް މިހާރުވެސް ރެސިޑެންޓް ވިސާ ފޯރުކޮށްދެއެވެ. 2007 ވަނަ އަހަރު ފާސްކުރި ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނުގައިވާ ގޮތުގައި ރެސިޑެންޓް ވިސާއަކީ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއަކަށާއި، ސަރުކާރުގެ ކަމާއިބެހޭ ދާއިރާއެއްގެ ހުއްދަ ލިބިގެން އެ ދާއިރާއިން ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް ބޮޑެތި އިންވެސްޓްމެންޓްތައް ކޮށްގެން އުޅޭ ބިދޭސީއަކަށް ދެވޭ ހުއްދައެކެވެ. ނަމަވެސް މި ގާނޫނުގެ އެއްވެސް ހިސާބެއްގައި މަތީގައި ފާހަގަކޮށްފައިވާ ބޮޑެތި އިންވެސްްޓްމެންޓްތަކުގެ މާލީ އަދަދެއް ކަނޑައެޅިފައި ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނެސް، ރެސިޑެންޓް ވިސާ ދެވޭގޮތަށް ބަދަލުތަކެެއް ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ހުށައަޅުއްްވާފައެވެ.


ރެސިޑެންޓް ވިސާ ލިބޭގޮތަށް ގެންނަ ބަދަލުތަކުން ހިތްހަމަ ނުޖެހުންތަކެއް!

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީން،ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ހުށައެޅުއްވި ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާކުރުމަށްފަހު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވިއެވެ. ނަމަވެސް މި ބިލަށް ރެސިޑެންޓް ވިސާއާއި ގުޅޭ ޚާއްސަ ހުށައެޅުންތަކެއް ހުށައެޅުއްވުމަށްފަހު އެ ބިލް އިތުރަށް ބެއްލެވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ބިލް އަނބުރާ ކޮމެޓީއަށް ފޮނުއްވަވާފައެވެ.

މި ބިލަށް އެމަނިކުފާނު ހުށައެޅުއްވި ހުށައެޅުއްވުންތަކަކީ ރެސިޑެންޓް ވިސާގެ ހުއްދަ އަންނަނިވި ހާލަތްތަކުގައި ދިނުމަށެވެ:

1- ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ ބިދޭސީއެއް؛

2- ސަރުކާރުގެ ކަމާއިބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން، އެ އިދާރާއިން ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް 100،000 ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރާ ބިދޭސީއެއް؛

3- ދިވެހިރާއްޖޭގައި 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއެއް، މިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ނަޝީދުގެ މި ހުށައެޅުންތަކަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ މެންބަރުންވެސް ވަނީ މި ހުށައެޅުންތަކަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވިދާޅުވިގޮތުން އުސޫލެއް ނެތި މިކަހަލަ ކަންތައްތަކެއް ދޫކޮށްލައިފިނަމަ މާދަމާ 100 ރުފިޔާ އަށްވެސް 10 އަހަރު ދުވަހުގެ މުއްދަތަށް ތަނެއް ކުއްޔަށް ދޫކުރުމުގެ އެގްރީމެންޓެއްގައި ސޮއިކޮށްފާނެއެވެ. އަދި ވިލުފުށީ ދާއިރާގެ މެންބަރު ހުސައިން އަފީފްވެސް ވަނީ ކުޑަ ކުއްޔަކަށް އުޅޭ ބިދޭސީއެއްގެ ބަދަލުގައި ލަގްޒަރީ އެޕާޓްމެންޓެއްފަދަ ތަނެއް ގަންނަ މީހަކަށް ރެސިޑެންޓް ވިސާ ދޭން ފެންނަކަމަށް ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ނަޝީދުގެ ހުށައެޅުމަށް އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަންގެ ފަރާތްތަކުންވެސް ދަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ރައްޔިތުންނަށް އެންމެ އަސާސީ ހައްގުތައްވެސް ކަށަވަރުކޮށް ނުދީ، އަވައްޓެރި ގައުމެއްގެ ނުބައި ރޭވުންތެރިކަމެއްގެ ތެރެއިން ގާނޫނު އަސާސީ އާއި ޚިލާފަށް ބޭރުގެ ފަރާތްތަކަށް ދާއިމީ ރަށްވެހިކަން ދިނުމަކީ މި 100 އިންސައްތަ މުސްލިމް ގައުމަށް އޮތް ނުހަނު ބޮޑު ނުރައްކަލެއް ކަމަށެވެ.

މި ހުށައެޅުންތަކާއި މެދު ކުރީގެ ހައުސިންގ މިނިސްޓަރ އަދި ޕީޕީއެމްގެ ޓިކެޓްގައި މާލޭ ސިޓީގެ މޭޔަރކަމަށް ކުރިމަތިލައްވާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މި ހުށައެޅުންތަކުގެ ސަބަބުން ރާއްޖޭގެ ގައުމިއްޔަތަށް ފޫނުބެދޭވަރުގެ ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ.

ރައީސް ނަޝީދު ހުށައެޅުއްވި މި އިސްލާހާއި މެދު ސިޔާސީ ފަރާތްތަކުގެ އިތުރުން އާންމު ފަރުދުންވެސް ދަނީ ބޮޑެތި ޝަކުވާތަކެއް ކުރަމުންނެވެ. އެގޮތުން ވޮއިސްއާއި ވާހަކަދެއްކި ބައެއް ފްރީލާންސަރުން ބުނިގޮތުގައި 100،000 ރުފިޔާ އިންވެސްޓްކުރުމުން ރެސިޑެންޓް ވިސާ ލިބޭގޮތަށް އޮތުމުން ބައެއް ވިޔަފާރިތައް ކުރުމަށް ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖެއަށް އައިސް އުޅުމުގެ ފުރުސަތު ހުޅުވިގެން ދާނެއެވެ. އެގޮތުން ރިސޯޓްތަކުގައި ފޮޓޯގްރާފަރުން ފަދަ ގޮތަށް ހަރަކާތްތެރިވުމުގެ ފުރުސަތުވެސް ބިދޭސީންނަށް ހުޅުވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން ބައެއް ފަރާތްތަކުން ވަނީ މި ހުށައެޅުންތަކުގެ ސަބަބުން ގައުމީ ސަލާމަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތްކަމަށްވެސް ބުނެފައެވެ.

އެގޮތުން ވޮއިސްއާއި ވާހަކަދެއްކި ފަރާތަކުން ބުނިގޮތުގައި ރެސިޑެންޓް ވިސާ ހޯދަން ފަސޭހަވުމުގެ ނަތީޖާއެއްގެ ގޮތުން ބޭރު ގައުމުތަކުގެ ޖާސޫސީ ފަރާތްތަކަށްވެސް ދިވެހިރާއްޖެއަށް ގޮސް އައިސް ހެދުމަށާއި ގިނަ ދުވަސްތަކެއް ވަންދެން ތިބެން ފަސޭހަވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މާލީ އަދި އެހެނިހެން ކުށްތަކަށް އަރައިގަތުމަށްފަހު ނުފޫޒުގެ ބޭނުންކޮށްގެން ސޭފް ހޭވަންއެއްގެ ގޮތުން ދިވެހިރާއްޖޭގައި ބިދޭސީންނަށް ތިބުމުގެ ފުރުސަތު ލިބިދާނެކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.


އެހެން ގައުމުތަކުގައި ކަންކުރަނީ ކިހިނެތް؟

ކުރިންވެސް ފާހަގަކުރި ފަދައިން ރެސިޑެންޓް ވިސާއަކީ ދުނިޔޭގެ އެކިއެކި ގައުމުތަކުގައި ފޯރުކޮށްދެމުންދާ އެއްޗެކެވެ. އެގޮތުން މިސާލެއް ނަގާނަމަ އަޅުގަނޑުމެންގެ އަވައްޓެރި ސްރީލަންކާގައި ރެސިޑެންޓް ގެސްޓް ވިސާ ސްކީމެއް އޮވެއެވެ. މިއީ އެގައުމުގައި ޚާއްސަ ޚިދުމަތްކުރަން ބޭނުންވާ ފަރާތްތަކަށާއި އިންވެސްޓަރުންނަށް އަމާޒުކޮށްދެވޭ ފަސް އަހަރުގެ ވިސާއެކެވެ. މި ވިސާ ހޯދަން އިންވެސްޓަރެއްނަމަ ސްރީލަންކާގައި ހުޅުވާފައިވާ ޚާއްސަ ބޭންކް އެކައުންޓެއްގައި މަދުވެގެން 250،000 ޑޮލަރު ހުންނަން ޖެހޭއިރު، އޭނާގެ ޑިޕެންޑެންޓްގެ އެކައުންޓްގައި މަދުވެގެން 35،000 ޑޮލަރު ހުންނަން ވާނެއެވެ. އަދި ޚާއްސަ ޚިދުމަތެއް ކުރަން އެދޭ ފަރުދެއްނަމަ އެކައުންޓްގައި މަދުވެގެން 2000 ޑޮލަރު ހުންނަން ޖެހެއެވެ.

ވިޔަފާރީގެ ހަބެއްކަމަށްވާ އެކުވެރި އަރަބި އިމާރާތުގައިވެސް 2019 ވަނަ އަހަރުގައި ވަނީ 5 އަހަރާއި 10 އަހަރު ވަންދެން ދިގު މުއްދަތެއްގެ ވިސާ ބިދޭސީންނަށް ލިބޭނެގޮތް ހަދާފައެވެ. އެގޮތުން ފަސް އަހަރުން އާ ކުރެވޭ ވިސާ އިންވެސްޓަރުންނާއި، އާންމު ފަރުދުންނާއި ދަރިވަރުންނަށް ލިބިދެއެވެ. މި ވިސާ ހޯދުމަށް އިންވެސްޓަރުން ފަސް މިލިޔަން ދިރުހަމަށްވުރެ މަދުނުވާނެ އަދަދެއް ޕްރޮޕަޓީއަކަށް އެއްފަހަރާ އިންވެސްޓް ކުރަންޖެހެއެވެ. އަދި މި ޕްރޮޕަޓީ މަދުވެގެން ތިން އަހަރު ވަންދެން ވިއްކާނުލާ ގެންގުޅެން ވާނެއެވެ.

ރެސިޑެންޓް ވިސާ ދިނުމަކީ ގައުމެއްގެ އިގްތިސާދީ އަދި އިޖްތިމާއީ ހާލަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމެއް ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. މިހާރުވެސް ކައިވެނިކޮށްގެން ރެސިޑެންޓް ވިސާގައި ތިބޭ ފަރާތްތަކުން އެ އާކޮށް ހެދުމަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހޭއިރު، އެކަން އިސްލާހުނުވާ ހާލުގައި މަދު ފައިސާކޮޅެއް ތިބި ފަރާތްތަކަށް ދާއިމަށް ތިބެވޭނެގޮތް ހެދުމަކީ އެންމެ ރަނގަޅު ގޮތްތޯ ވިސްނާލުން މުހިންމެވެ. ރެސިޑެންޓް ވިސާ ދޭއިރު، ގައުމަށް ވީހާވެސް ނަފާވާނެ ގޮތެއް ވިސްނުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. ދުނިޔެމަތީގެ ސުވަރުގޭގެ ދާއިމީ ރަށްވެހިންނަށްވުމުގެ ނަސީބު އެހާ ފަސޭހައިން ދެވިދާނެބާވައެވެ؟

Advertisement

ކޮމެންޓް