ގުބާރު 10

29 Jul 2020 | 00:14

ސާރާ އެރޭ އެއް ގޮތަކަށްވެސް ނިންޖަކާއި ނުވިއެވެ. މަލާޒު ދެއްކި އާދަޔާ ހިލާފު ވާހަކަތަކުން ސާރާގެ ހިތް ނުތަނަވެސް ހިތުގައި ސުވާލުތައް ފުނި ޖެހެން ފެށިއެވެ. އޭނާއަށް ނުނިދުމުން އޭނާ މަލާޒަށް ގުޅިއެވެ. ފޯނު އޮތީ ނިވާލާފައެވެ. ވުމާއެކު އޭނާ އަނެއްކާވެސް ނިދޭތޯ މަސައްކަތް ކުރިއެވެ. އެގޮތުގައި ފުރޮޅި ފުރޮޅި އޮއްވާ އޭނާއަށް ނިދުނެވެ. އޭނާއަށް ނިދުނުތާ މާގިނައިރެއް ނުވެ، މަންމާއޭ ކިޔައި ހަޅޭއްލަވައިގަންނަމުން ކޮޅަށް ތެދުވިއެވެ. އޭނާއަށް ބިރުވެރި ހުވަފެނެއް ފެނުމުންނެވެ. އެ ހުވަފެނުގައި ފެންނަނީ މަލާޒު މަރުވެގެން އުޅޭ ތަނެވެ. ނަމަވެސް އޭނާގެ ހަށިގަނޑު ހޯދާހޯދާ ނުފެނެއެވެ. ހުވަފެނަކީ ސާރާ އެއްވެސް އިރެއްގައި ގަބޫލުކުރާ އެއްޗެއް ނޫނެވެ. ނަމަވެސް ހުވަފެނެއް ނުފެނި އެތައް ޒަމާނެއް ފަހުން ހުވަފެނެއް ފެނުމުން ސާރާއަށް އުނދަގޫ ތަކެއް ކުރިމަތިވިއެވެ.

ހާއްސަކޮށް އޭނާއަށް މަލާޒުގެ ހުވަފެނެއް އެފަދަ ގޮތަކަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. ދެލޯ މަރައި ތަގުޅިކޮށްގެން އޮއްވާ އިވުނީ ފަތިސް ނަމާދު ބަންގި ގޮވާ އަޑެވެ. ބަންގި ގޮވާ އަޑު އިވުމާއެކު ފާހާނާއަށް ވަދެ ވުޟޫކޮށްލައިގެން އައިސް އޭނާ ނަމާދަށް އެރިއެވެ. ސާރާ ނަމާދުކޮށް ނިމިގެން ﷲގެ ހަޟުރަތުގައި ދުޢާކުރިއެވެ. މަލާޒަށް އައިސްފައިވާ ބަދަލާއި މެދު އޭނާގެ ހުރި ޝަކުވާތައް ބަންޑުންކޮށްލިއެވެ. އޭނާގެ ޝައްކާއި ވަހުމްތަކެވެ. މިގޮތުގައި މުސައްލަ މަތީ އިންދާ އިރުއެރިއެވެ. އިރުއެރުމާއެކު އޭނާ އަނެއްކާވެސް ކުޑަކޮށް ނިދާލެވޭތޯ މަސައްކަތްކުރިއެވެ. އޭނާގެ ފްލައިޓެއް މެންދުރު އޮތުމުންނެވެ.

ކުޑަވަގުތުކޮޅަކަށް ނިދާލެވުނު ނަމަވެސް، ސާރާ ހުރީ ހަމައަކަށް އެޅިފައެވެ. ހޭލައިގެން ކާ އެއްޗެއް ތައްޔާރުކޮށްގެން ކެއުމަށްފަހު ފްލައިންއަށް ދާން ތައްޔާރުވިއެވެ. މިއަދަކީ ކުޑަ ބްރޭކަކަށްފަހު އަނެއްކާވެސް ސާރާ ފްލައި ކުރާ ދުވަހެކެވެ. ސާރާ އަށް މާގިނައިން ޗުއްޓީ ލިބޭތީ އޮފީހުގެ ބައެއް މުވައްޒަފުން ތިބެނީ އޭނާއާއި މެދު ހިތްހަމަ ނުޖެހިފައެވެ. އަނެއް ބަޔަކު އޭނާއާއި މެދު މިހާރު ހަސަދަވެރިވެއެވެ. ވާނީވެސް އެހެންތާއެވެ. ސާރާއަކީ މިހާރު މުދާވެރިއެކެވެ. ނަމަވެސް ސާރާ މިއިން އެއްވެސް ކަމަކާއި މެދު ނުވިސްނައެވެ. މީހުން ކިޔާ އެއްޗިއްސަށް އޭނާ ދެނީ ބީރު ކަންފަތެކެވެ.

ފްލައިން ނިމިގެން ގެއަށް އައި މަގުމަތީ މަލާޒުގެ މެސެޖެއް އައެވެ. އޭގައި ލިޔެފައި އޮތީ މިރޭވެސް އޭނާ ސާރާއާއި ބައްދަލުކުރަން ބޭނުންވާ ވާހަކައެވެ. މަލާޒު ފޮނުވާފައި އޮތް މެސެޖުގެ އެންމެ ތިރީގައި ލިޔެފައި އޮތް އިބާރާތްކޮޅު ފެނިފައި ސާރާ އިނީ ވާނުވާ ނޭންގިފައެވެ. އޭގައި އިތުރަށް ލިޔެފައި އޮތީ ބައްދަލުވިއަސް މަލާޒާއި ތަންކޮޅެއް ދުރުގައި ހުރުމަށާއި، ދައްކާ ވާހަކައެއް ދުރުގައި ތިބެގެން ދެއްކުމަށެވެ. މަލާޒުގެ އެ މެސަޖާއެކު، ސާރާ ނިންމީ އެރޭ މަލާޒު ގެއަށް އައުމުން ސާރާގެ ހިތުގައި ހުރި ހުރިހާ ސުވާލެއް ބަންޑުން ކޮށްލުމަށެވެ.

އެރޭ ގަޑީގެ ކަށީގެ ހިނގުންވެސް ސާރާއަށް ވީ ލަސް އެއްޗަކަށެވެ. އޭނާ މުޅި ގޭތެރޭގައި މާބުރެއް ފަދައިން އެނބުރެން ފެށިއެވެ. މިގޮތުގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ، ވިއްސަކަށް މިނެޓު ފަހުން އެޕާޓްމަންޓުގެ ދޮރުގެ ބެލް ޖެހިއެވެ. ސާރާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވިއެވެ. މަލާޒު ހުރީ ދޮރުމަތީގައެވެ. ނަމަވެސް މަލާޒުގެ ފަހަތުގައި އެހެން މީހަކުވެސް ހުއްޓެވެ. "ސާރާ!. މި..މިއީ ނާޝިދު. ނާޝިދު މިއީ ސާރާ." މަލާޒު ނާޝިދު ތައާރަފުކޮށްދިނެވެ. ސާރާ މަޑުމައިތިރި ރާގެއްގެ އެ ދެމީހުންގާތު އެތެރެއަށް ވަންނަން އެދުނެވެ. އެތެރެއަށް ވަނުމާއެކު އެއްވެސް އެއްޗެއް ބޭނުންތޯ އެމީހުންނާއި ސުވާލުކުރިއެވެ. ދެމީހުންވެސް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ.

"ސާރާ މިއީ އަހަރެން ބުނި އަހަރެން މިހާރު އެންމެ ލޯބިވާ އެކަކީ. ނާޝިދު ބޭނުންވީ ސާރާއާ ވެސް ބައްދަލުކޮށްލަން. އެހެންވެ މިރޭ ނާޝިދުވެސް ގޮވައިގެން މިއައީ." މަލާޒު ސޯފާގައި ހަމަޖެހިލަމުން ބުންޏެވެ. "އާ!.. މަލާޒު ބުނި މަލާޒަށް ވަރަށް ހާއްސަ ކުއްޖެއް ހުންނަ ވާހަކަ. އެހެންވެ އަހަރެން ހިތަށް އެރީ ބައްދަލުކޮށްލާނީއޭ. މިގޭގަ ސާރާ އެކަނިތަ އުޅެނީ؟." ނާޝިދު ސުވާލުކުރިއެވެ. "އާ... އަހަރެން އެކަނި މިހާރު މިތާ އުޅެނީ." ސާރާ އިސްދަށަށް ޖަހާލިއެވެ. "ސާރާ، އަހަރެންނަށް މަލާޒު ކިޔައިދިން ހުރިހާ ވާހަކައެއް. ކޮންމެއަކަސް ވަރަށް ދެރަކޮށް ކަންކަން ނިމިގެން މިދިޔައީ. އެކަމަކު ވެސް ކެތްތެރިވާތި. ﷲ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ. އަބަދުވެސް ނަމާދުކޮށް، ޒިކުރުކޮށް ދުއާ ކުރާތި. އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ." ނާޝިދު ދިނީ ބަފަޔަކު ދަރިއަކަށް ދޭނެ ކަހަލަ ނަސޭހަތެކެވެ.

އެރޭ އެތަނުގައި ވަރަށް ގިނަ ވާހަކަ ދެކެވުނެވެ. ނާޝިދު އެތަނުގައި އިނުމުން އޭނާއަށް މަލާޒަށް އެއްވެސް ސުވާލެއް ނުކުރެވުނެވެ. އެރޭ މުޅިންވެސް ދެކެވުނީ ދީނީ ވާހަކަތަކެވެ. އިސްލާމް ދީނާއި ގުޅޭގޮތުން ނޭންގޭ އެތައް ވާހަކަތަކެއް އެރޭ ސާރާއަށް އެނގިގެން ދިޔައެވެ. ހީވީ ދީނީ ދަރުހެއް އަޑުއަހަން އިނދެވުނުހެންނެވެ. އެކި ވާހަކަތަކުގެ ތެރެއިންވެސް ސާރާއަށް އެންމެ އަޅައިގަތީ މުސްލިމުން ޖިހާދުކުރަން ދާ ދިއުމުގެ ވާހަކައެވެ. ނާޝިދު އާއި މަލާޒު އެ ވާހަކަ ދެއްކީ ވަރަށް ސީރިއަސްވެ ތިބެއެވެ. ބައެއް ވާހަކަތައް ދެއްކިއިރު އެމީހުންނަކީ ހަރުކަށި ފިކުރުގެ ބައެކޭބާއޭ ވެސް ހިތަށް އެރިއެވެ. ސާރާ އިނީ ސުވާލު ގޯންޏެއް ބޮލަށް ލައިގެންނެވެ. އެތައް ގަޑިއިރެއް މިގޮތުގައި ހޭދަވެގެން ގޮސް ގަޑިން ބާރަ ޖަހަން ކައިރި ވުމުން އެމީހުން އެތަނުން ދާން ހިނގައިގަތެވެ. އަދި ކުރިއަށް އޮތްތާ ގިނަގިނައިން ބައްދަލުވާނެ ކަމަށް އުއްމީދުކުރާ ކަމަށް ނާޝިދު ބުންޏެވެ.

ތިރީ ދޮރާއި ހަމައަށް ނާޝިދު ގެންގޮސްދީފައި މަލާޒު އަނެއްކާވެސް މައްޗަށް އެރިއެވެ. "މަލާޒު، ނާޝިދު ކިހާވަރަކަށް ދަންނަންތަ؟." ސާރާއަށް އެ ސުވާލު އަހާނުލާ ނުހުރެވިގެން އެ ސުވާލުކުރިއެވެ. "ކިހިނެއްވީ؟. މާބޮޑަށް ދީނުގެ ވާހަކަ ދެއްކީމަ ކަމުނުދިޔައީތަ؟. މަލާޒު ކާ މޭޒު ކައިރީ ހުރި ގޮޑިއެއްގައި އިށީންނަމުން އަހާލިއެވެ. ނަމަވެސް ސާރާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ. "އެއީ ވަރަށް ރަނގަޅު މާތް މަތިވެރި މީހެއް." މަލާޒު ހަމައެކަނި ބުނީ މިހާވަރެވެ. "ކަމުނުދަނީ އެއް ނޫން. އެކަމަކު ވަރަށް އެހެން ކަހަލަ. ހިތް ބުނަނީ އެއީ ރަނގަޅު މީހެއްބާއޭ؟." ސާރާ، މަލާޒާއި ޖެހިގެން ހުރި ގޮޑީގައި އިށީންނަމުން ބުންޏެވެ. "އިސްލާމް ދީނަށް ވުރެ މަތިވެރި ދީނެއް ނޯންނާނެ. އޭނަ ދެއްކީ ހާދަ ރަނގަޅު ވާހަކަ ތަކެކޭ. ސާރާވެސް ދެން މޫނު ބުރުގާ އަޅަންވީ. ތި އުޅޭ ވަޒީފާވެސް ދޫކޮށްލާ. ކުރިއަށްވުރެ ރަނގަޅަށް އުޅެވޭތޯ ބަލާ." މިއީކީ މަލާޒު ދުވަހަކުވެސް ދިން ނަސޭހަތެއް ނޫނެވެ.

ކުށްލިއަކަށް މަލާޒުގެ ހިތުގައި ދީނީ ކަންކަމަށް ޖެހިގެން އުޅޭ ލޯތްބެއްގެ ބޮޑުކަމުން ސާރާގެ ހިތް ދިޔައީ ނުތަނަވަސް ވަމުންނެވެ. ހަގީގަތުގައި އެއީ ސާރާ އުފާކުރަންޖެހޭ ކަހަލަ ހާލަތެކެވެ. ނަމަވެސް އޭނާ ހުންނަނީ ބޯ ހަލާކުވާ ވަރުވެފައެވެ. މަލާޒަށް އައިސްގެން އުޅޭ ބަދަލާއި މެދު ސާރާ ދިޔައީ ހިތުގެ އަޑިން މަޑުމަޑުން ކުދި ކިޔަމުންނެވެ. ބައެއް ފަހަރު އަބަދު ދައްކާ އެއް ވާހަކަތަކެއް ތަކުރާރު ކުރާތީ ވެސް ސާރާ ހުންނަނީ ފޫހިވެފައެވެ. ފަހުން ފަހުން އައިސް ނަމާދާށް އަރައި ކޮންމެ ގަޑިއެއްގައި ވެސް އޭނާގެ ބޮލަށް ވަންނަނީ މަލާޒުގެ ތަގުރީރުތަކެވެ. ސާރާއަށް މިހުރިހާ ކަމެއް ވެގެން ދިޔައީ ބަރުދާސްތުކުރަން އުނދަގޫ ވޭނަކަށެވެ.

ފްލައިޓުގައި ހުންނަ ވަގުތު ތަކުގައިވެސް އެކަން ކަމާއި މެދު ވިސްނެން ފެށިއެވެ. ސާރާ އަކީ ފެށުނީއްސުރެން ނަމާދުތަކަށް ރައްކާތެރިވެގެން އުޅުނު ކުއްޖެކެވެ. ނަމަވެސް އެކަން ކުރަން ވެސް އުނދަގޫވާން ފެށިއެވެ. މިގޮތުގައި ދުވަސްތައް ފާއިތު ވަމުން ގޮސް، އެއް ދުވަހެއްގެ ހަވީރު މަލާޒު އެ ގެއަށް އައެވެ. އެދުވަހު އަފީފު، ސާރާއަށް ދީފައިވާ އަގުބޮޑު ހަދިޔާގެ ވާހަކަ މަލާޒު ގާތު ބުންޏެވެ. އަފީފަށް ލިބިފައި ހުރި ފްލެޓާއި ފިހާރަ ކުއްޔަށް ދިން ވާހަކަ އޭނާ މަލާޒު ގާތު ބުންޏެވެ. މިހެން ބުނުމާއެކު މަލާޒު ހިތްހަމަ ނުޖެހުނެވެ. އަފީފުގެ މުދާ އެއްވެސް ސިފައެއްގައި ބޭނުންކުރަން ނުވާނެ ވާހަކަ ސާރާ ގާތު ބުންޏެވެ. ނަމަވެސް އޭނާއަށް ސަބަބު އޮޅުންފިލުވައެއް ނުދެވުނެވެ.

އިސާހިތަކު ސާރާ ރުޅި ގަދަވާން ފެށިއެވެ. ރުޅިއައިސްގެން މަލާޒު ގާތުން އެގެއިން ނިކުތުމަށް، ސާރާ އެދުނެވެ. ސާރާއަށް މިކަންކަން ގޯހުން ގޯހަށް ދާހެން ހީވާން ފެށިއެވެ. ސާރާ ނިންމީ މަލާޒު ދާ ތަނަކާއި ކުރާ ކަމެއް ބެލުމަށް އޭނާއަށް ފާރަލުމަށެވެ. ނަސީބު ދިމާކުރި ގޮތުން ޖެހިގެން އައި ދުވަހަކީ އޭނާގެ އޮފް ދުވަހެވެ. ވުމާއެކު ހެނދުނު ހެނދުނާއި ހޭލައިގެން، މަލާޒު މިހާރު ދިރިއުޅޭ ކަމަށް ބުނާ ގެ ކައިރިއަށް ސާރާ ދަތުރު ފެށިއެވެ. ކާރު ގޮސް އެ ގޭގެ ކަންމައްޗަކަށް ހުއްޓުމާއެކު އޭނާ ކާރުން ފޭބިއެވެ. އިއްތިފާގުން ހަމަ އެވަގުތަކީ މަލާޒުވެސް ގެއިން ނިކުތް ވަގުތެވެ. ސާރާ އެތަނުގައި ހަދަމުން އައި އިމާރާތެއްގައި ޖަހާފައި ހުރި ޓިނު ގަނޑެއްގެ ފަހަތަށް ވަނެވެ. މަލާޒު ގޮސްވަނީ އަތަރު ވިއްކާ ފިހާރައަކަށެވެ. އެތަނުގައި އޭނާ ވަރަށް ގިނައިރު ހޭދަކުރިއެވެ. މިގޮތަށް މަލާޒު ފައިމަގުގައި އެކި ތަންތަނަށް ވަނެވެ. ސާރާ ކެތްތެރިކަމާއެކު ރޭ ވަންދެން މަލާޒުއަށް ފާރަލިއެވެ. ސާރާ އުޅުނީ މޫނު ބުރުގާ އަޅައިގެންނެވެ. މަލާޒު އެންމެ ފަހުން ގޮސް ވަނީ ހެންވޭރު ކޮޅުގައި ހުރި ގެއަކަށެވެ. ސާރާ ވެސް އޭނާ ފަހަތުން އެ ގެއަށް ގޮސްވަނެވެ. ލިފްޓަށް ވެސް އެރީ ދެމީހުން އެކީގައެވެ. ސާރާ ފަސްވަނަ ބުރިއަށް އެރުމަށް ފަހަކަށް ފިއްތާލިއެވެ. އޭރު ސާރާ ހުރީ ހާސްވެގެން ދާހިއްލާ ފޯވެފައެވެ. ލިފްޓު ގޮސް އެ ގޭގެ ތިން ވަނަ ފަންގިފިލާއަށް ހުއްޓުނެވެ. ހުއްޓުމާއެކު މަލާޒު މަޑުމަޑުން ފޭބިއެވެ. ފޭބިގޮތަށް އޭނާ ސާރާގެ އަތުގައި ހިފައި ލިފްޓުން ބޭރަށް އޭނާ ދަމައިގަތެވެ. 

Advertisement

ކޮމެންޓް