Advertisement

ރެސިޑެންޓް ވިސާ އެހެން ގައުމުތަކުގައި ދެނީ ކިހިނެތް؟

18 Jul 2020 | 18:25

ރެސިޑެންޓް ވިސާއަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ދިގު މުއްދަތަކަށް އުޅެން ބޭނުންވާ ބިދޭސީންނަށް، މަލްޓިޕަލް އެންޓްރީއާއި އެކުގައި ދެވޭ ވިސާއެކެވެ. މިފަދަ ވިސާ އާންމު ގޮތެއްގައި ފޯރުކޮށްދެނީ އެގައުމެއްގެ ރައްޔިތުންނާއި އިނދެގެން އުޅޭ ބިދޭސީންނާއި، އެމީހުންގެ ދަރިންނާއި، ބޮޑެތި ވިޔަފާރީގެ އިންވެސްޓްމެންޓްތައް ކުރާ ފަރާތްތަކަށާއި އަދި ޚާއްސަ ހުނަރުތައް ހުރި ޕްރޮފެޝަނަލުންނަށެވެ.

މިފަދައިން ރެސިޑެންޓް ވިސާ ދިނުމުގެ މައިގަނޑު މަގްސަދަކީ އާއިލާތަކަށް އެކުގައި ދިރިއުޅުމުގެ މަގު ފަސޭހަކޮށްދިނުމާއި، ގައުމުގެ އިގްތިސާދީ ހަރަކާތްތައް ފުޅާކޮށް ތަރައްގީކުރުމެވެ. 

އިއްޔެގެ ވަގުތެއްގައި ދިވެހިރާއްޖޭގައި ބިދޭސީން ދިރިއުޅުމަށް ރެސިޑެންޓް ވިސާ ދޫކުރެވޭ އުސޫލަށް ބަދަލުތަކެއް ގެނައުމާއި މެދު ވާހަކަދެކެވެން މިވަނީ ފަށާފައެވެ. ދިވެހިރާއްޖެއަކީ ނިސްބަތުން ކިތަންމެ ކުޑަ ގައުމެއް ނަމަވެސް، ދިވެހިރާއްޖޭގައި ބިދޭސީން އުޅުމަށް މިހާރުވެސް ރެސިޑެންޓް ވިސާ ފޯރުކޮށްދެއެވެ. 2007 ވަނަ އަހަރު ފާސްކުރި ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނުގައިވާ ގޮތުގައި ރެސިޑެންޓް ވިސާއަކީ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއަކަށާއި، ސަރުކާރުގެ ކަމާއިބެހޭ ދާއިރާއެއްގެ ހުއްދަ ލިބިގެން އެ ދާއިރާއިން ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް ބޮޑެތި އިންވެސްޓްމެންޓްތައް ކޮށްގެން އުޅޭ ބިދޭސީއަކަށް ދެވޭ ހުއްދައެކެވެ. ނަމަވެސް މި ގާނޫނުގެ އެއްވެސް ހިސާބެއްގައި މަތީގައި ފާހަގަކޮށްފައިވާ ބޮޑެތި އިންވެސްްޓްމެންޓްތަކުގެ މާލީ އަދަދެއް ކަނޑައެޅިފައި ނުވެއެވެ.

ރެސިޑެންޓް ވިސާ ދޭ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ވިސްނަމުންދާއިރު، ދުނިޔޭގެ އެހެނިހެން ބައެއް ގައުމުތަކުގައި އެކަން އޮންނަ އުސޫލާއި މެދު ވިސްނާލުންވެސް މުހިންމެވެ.

މިސާލެއް ނަގާނަމަ އަޅުގަނޑުމެންގެ އަވައްޓެރި ސްރީލަންކާގައި ރެސިޑެންޓް ގެސްޓް ވިސާ ސްކީމެއް އޮވެއެވެ. މިއީ އެގައުމުގައި ޚާއްސަ ޚިދުމަތްކުރަން ބޭނުންވާ ފަރާތްތަކަށާއި އިންވެސްޓަރުންނަށް އަމާޒުކޮށްދެވޭ ފަސް އަހަރުގެ ވިސާއެކެވެ. މި ވިސާ ހޯދަން އިންވެސްޓަރެއްނަމަ ސްރީލަންކާގައި ހުޅުވާފައިވާ ޚާއްސަ ބޭންކް އެކައުންޓެއްގައި މަދުވެގެން 250،000 ޑޮލަރު ހުންނަން ޖެހޭއިރު، އޭނާގެ ޑިޕެންޑެންޓްގެ އެކައުންޓްގައި މަދުވެގެން 35،000 ޑޮލަރު ހުންނަން ވާނެއެވެ.

އަދި ޚާއްސަ ޚިދުމަތެއް ކުރަން އެދޭ ފަރުދެއްނަމަ އެކައުންޓްގައި މަދުވެގެން 2000 ޑޮލަރު ހުންނަން ޖެހެއެވެ.

ވިޔަފާރީގެ ހަބެއްކަމަށްވާ އެކުވެރި އަރަބި އިމާރާތުގައިވެސް 2019 ވަނަ އަހަރުގައި ވަނީ 5 އަހަރާއި 10 އަހަރު ވަންދެން ދިގު މުއްދަތެއްގެ ވިސާ ބިދޭސީންނަށް ލިބޭނެގޮތް ހަދާފައެވެ. އެގޮތުން ފަސް އަހަރުން އާ ކުރެވޭ ވިސާ އިންވެސްޓަރުންނާއި، އާންމު ފަރުދުންނާއި ދަރިވަރުންނަށް ލިބިދެއެވެ. މި ވިސާ ހޯދުމަށް އިންވެސްޓަރުން ފަސް މިލިޔަން ދިރުހަމަށްވުރެ މަދުނުވާނެ އަދަދެއް ޕްރޮޕަޓީއަކަށް އެއްފަހަރާ އިންވެސްޓް ކުރަންޖެހެއެވެ. އަދި މި ޕްރޮޕަޓީ މަދުވެގެން ތިން އަހަރު ވަންދެން ވިއްކާނުލާ ގެންގުޅެން ވާނެއެވެ.

މީގެ އިތުރުން މެލޭޝިޔާ އަދި ހޮންގކޮންގް ފަދަ ގައުމުތަކުގައި ދިގު މުއްދަތެއް ވަންދެން ދިރިއުޅެ، ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ފަރާތްތަކަށް ޕާމަނެންޓް ރެސިޑެންޓް ސްޓޭޓަަސްއަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދެއެވެ. 

Advertisement

ކޮމެންޓް