Advertisement

އަސްލުވެސް އެމްޑީޕީގެ އިންސާފުގެ ދަތުރު ފަރަށް އެރީތަ؟

18 Jul 2020 | 22:01

އަޅުގަނޑުގެ ހަނދާނަށް އަންނަނީ މީގެ ދެތިން އަހަރުކުރިން، 2018 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްވަރު، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ވީޓީވީން ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ކުރާ ޒިކުރެކެވެ. އަޅުގަނޑު ކުޑައިރު ބެލި އިންޑިއާގެ ފިލްމްސްޓަރއެއްކަމުގައިވާ އަމީތާބު ބައްޗަންގެ ކުޅުނު ފިލްމެއްގައި އިންޑިޔާގައި ގާނޫންތަކުގެތެރެއިން އަމީތާބަށް އުޅެއުޅެ އިންސާފު ނުލިބިގެން ކިޔާ ވަރަށް ރީތި ލަވައެކެވެ. އެލަވައިގެ ދެވަނަ ކަޑި ހަދާން ނެތުމުން ދޫކޮށްލަމެވެ.

މިއަދު އަޅުގަނޑު އަޅައިގަތީ ވެރިކަންކުރާ އެމްޑީޕީގެ އެކްޓިވިސްޓަކު ސޯޝަލް މީޑިއާގައި ޝެއަރކޮށްފައިވާ ޕޯސްޓެއްގައެވެ. އޭގައި އޭނާ ލިޔެފައި އޮތެވެ.

- ބަންދުގަހުރެ ޓަގް ބޯޓެއްގައި ރާއްޖެ ދޫކޮށް ދިޔަމީހާގެ އެއްވެސް ކުށެއްނެތް!

- ރާބޮއިގެހުރެ އަންހެނަކު ގަޔަށް އަރާ ރޭޕްކޮށްލި މީހާ ކުށްވެރިއެއްނުވޭ!

- 7 މަސް މުސާރަ ނުދިނީމަ، އަޑުއުފުލީމާ އެމީހުން ޖަލަށް. މުސާރަނުދިން މީހާ މަޖިލިސްގަ!

ދެން ވާހަކަ ދެއްކި މީހަކު ބުނަނީ އިންސާފުގެ ދަތުރު ނިމިއްޖޭ. އަނެކަކު ބުނީ އިންސާފުގެ ދަތުރު ފަރަށް އަރައިފި. މިބާވަތުގެ ބަސްތަކަކުން މީހުންގެ އުދާސްތައް މިބޭރުވާންފެށީ ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރާ އެންމެ ޑިމޮކްރެޓިކް އަދި އިންސާފުވެރި ސަރުކާރުކަމަށް އަމިއްލައަށް ބުނުމަށްފަހު ވެރިކަންކުރާ ސަރުކާރުގައި ކަންކަން ހިގަމުންދާގޮތް ކުރިން އެމީހުން ދުށް އަނިޔާވެރި ވެރިކަންތަކާއި މާކަބޮޑު ތަފާތެއްނެތި އަދި އެއަށްވުރެވެސް ކަންކަން ގޯސްވާހެން ހީވާދަރަޖައަށް ކަންކަން ދާންފެށުމުންކަމަށް ބުނެވިދާނެއެވެ.

ދިވެހި ރައްޔިތުން އެއްގަލަކަށް އަރައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން 2018 ވަނަ އަހަރު ވޯޓުން ބަދަލުކޮށް، ޖެހިގެން އައި ދުވަހަށް އިރުއެރިއިރު، ޔާމީންގެ ވެރިކަމުގައި ކޯޓުން ހުކުމްކޮށް ޖަލަށްލާފައި ތިބި ހުރިހައި ( ސިޔާސީ) ކުށްވެރިން ސުޕްރީމްކޯޓުން އިންސާފުގެ މަގުން މިނިވަންކޮށް ދޫކޮށްލިއެވެ. ވަރަށް ގިނަބޭފުޅުންނަކީ ސިޔާސީ ކަންކަމުގައި އުޅުއްވި ބޭފުޅުންނެވެ. ދޫކޮށްލެވުނު ފަރާތްތަކުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ވައްކަމުގެ މާސްޓަރމައިންޑްގެ ގޮތުގައި ބެލެވުނު ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބްވެސް ހިމެނުނެވެ. އޭނާއަކީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ވައްކަމުގެ މައްސަލަ އޮއްބާލުމަށްޓަކައި ޔާމީންގެ ސަރުކާރު ވަށްޓާލަން އުޅޭ ފަރާތަކަށްވާތީ ސިޔާސީ މީހަކަށްވީއެވެ. ސިޔާސީ މީހުންގެ ފަހަތުން ރައީސަށް އޮޅިވަޑައިގެން، ކުޑަކުއްޖަކާއެކު ޖިންސީ ނަހަމަ ގުޅުންތަކެއް ހިންގިކަމަށް ޝަރީއަތަށް ސާބިތުވެގެން ޖަލަށްލާފައި އޮތް ކުށްވެރިއަކަށްވެސް އަފޫކޮށް ޖަލުން ދޫކޮށްލެއްވިއެވެ.

ފަނޑިޔާރުގެ އިސްލާހްކޮށް ނިމުން

ދެން އައި ދުވަސްކޮޅުގެތެރޭގައި އެމްޑީޕީގެ އިންސާފުގެ ތިލަފަތް އުފުލައިލިއެވެ. އެއީ އުފާވެރި ދުވަސްކޮޅެކެވެ. މުޅި ރާއްޖެއިން އެކީއެކައްޗަކަށް ވިހުރުވެމުންދިޔައީ އެމްޑީޕީގެ ރީނދޫ ދިދދަތެކެވެ. ރައްޔިތުން ކުރިއަށް ނުކުމެލާފައި އެކީއެކައްޗަކަށް އެމްޑީޕީގެ ރީނދޫ ފަހުލަވާނުން ރައްޔިތުންގެ މަޖިލީހުގެތެރެއަށް ރުކުރުވައިލިއެވެ. އިންސާފު ގާއިމުކުރުމަށެވެ. އެމީހުންގެ ވެރިޔަކަށް އިސްކުރެވުނީ މިޒަމާނުގެ މަހާތުމާގާނދީއެވެ. އެޝިޔާގެ ނެލްސަންމަންޑޭލާއެވެ. އެބަދަހި ލަޝްކަރު ގޮނޑިގޮނޑީގައި ތިބެ ތަރުތީބުވެލުމާއެކު އިންސާފު ގާއިމުކުރުމަށްޓަކައި ސުޕްރީމް ކޯޓް އެއްކޮށް ދޮވެލިއެވެ. އެއީ މިޒަމާނުގައި މީގެކުރިން ދިވެހި ރާއްޖޭގައި ވެރިކަން ކުރި އެއްވެސް ވެރިޔަކު ކުރި ޒާތުގެ ކަމެއް ނޫނެވެ. ސުޕްރީމް ކޯޓްތާހިރުކުރުމަށް ކުރީގެ ސަރުކާރަށް ފުރައްސާރަކޮށް މަގުމަތީގެ އެކްޓިވިސްޓަކަށް އުޅުނު މީހަކު އެމްޑީޕީގެ ތިލަފަތުން ކިރައި " އިންޓަރގްރިޓީ" ގެ ތައްގަނޑުޖަހައި ފަނޑިޔާރުކަމުގެ ކަޅު ހެދުންކޮޅު ލައްވައި ފަނޑިޔާރުގެ ގޮނޑިކޮޅަށް އިސްކުރިއެވެ. އެހެންގޮސް ފަނޑިޔާރުކަން ދެވުނު ބޭފުޅުންގެ ވާހަކަތައް މިހާރު އިވޭގޮތުން އިސްލާމްދީނަށް ފުރައްސާރަކޮށް ޑޮކިއުމަންޓްތަކެއް މިފަހަކަށްއައިސް އުފައްދައިގެން އުޅުނު ޖަމްއިއްޔާއަކަށް ނިސްބަތްވާ ކަމަށް މީހުން ތުހުމަތު ކުރަމުންދިޔަ މީހަކުވެސް ލެވުނެވެ. ދެންވެސް ޕާޓީގެ ބާރު ދަމަހައްޓައިދޭނެ މީހުންކޮޅެއް ހޮވައި ލެވުނެވެ. އެހެންވިޔަސް ސުޕްރީމްކޯޓް ތާހިރުކުރެވިއްޖެއެވެ. ދައުލަތުގެ ބަންޑާރަނާއިބަކަށް އެމްޑީޕީގެ ލޑަރުންގެ ފަހަތްޕުޅުގައި އެއް ސުފުރާއަކުން ކޭންބައްލަވައި އެއް އަޑަފިކޮޅަކުން ރަހަބައްލަވައި އެއްއުޅަނދަކުން ކެމްޕެއިންކުރައްވަން ވަޑައިގެންނެވި ބޭފުޅަކު އިސްކުރެވުނެވެ. ތަންކޮޅެއްފަހުން ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލަކަށްވެސް ހަމަ މިފަދަ ލޯޔަލް އަދި ޕާޓީއަށް ކެމްޕެއިންކޮށްދެއްވަން އުޅުއްވި ފަރާތެއް އިސްކުރެވުނެވެ.

ފަނޑިޔާރުގެ އިސްލާހްކުރުމަށް މުހައްމަދު ނަޝީދުއާއި ކޯޓްގައި ނަޝީދުގެ ދިފާއުގައި ވަކާލާތުކޮށް ނާކާމިޔާބުވެފައިތިބި އޭނާގެ ގާނޫނީ ވަކީލުންގެ ޓީމު ޖޭއެސްސީގައި އިށިނދެވަޑިގަތުމާއެކު ޖޭއެސްސީ ތާހިރުވެ، ދިވެހި ރާއްޖޭގައި މީން ޒަމާނަކު މިނިވަންނުވާފަދަ މިނިވަން މުއައްސަސާއެއްކަމަށް މީހުންނަށް ހީވާފަދަ ތަނަކަށް ވިއެވެ. ފަނޑިޔާރަކަށްފަހު ފަނޑިޔާރެއް ކުރުދޮށީގައި އުކަމުން ގޮސް މިއަދު ދިވެހިން ކޮސްވާފަދަ މިނިވަން މުސްތަގިއްލު ޖުޑިޝަރީއެއް ގާއިމުކުރެވިއްޖެކަމުގެ އިހްސާސްގެ ވިންދު ނުޖަހާނީ ކޮން ދިވެއްސެއްގެ ހިތުންތޯއެވެ. އަދި ކިއެއްތޯއެވެ. ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް / ކޮމިޝަންތަކެއް ހިންގާވެރިންނަށް އެމްޑީޕީގެ ޚާއްސަކޮށް އެޕާޓީގެ ލީޑަރ މުހައްމަދު ނަޝީދުގެ ފުރިހަމަ ކޮންޓްރޯލް އޮންނަގޮތަށް ބަދަލުކޮށްލެވުނީމައި ދިވެހިން އެދޭ ހެޔޮވެރިކަމުގެ ބިންގާ އެޅުނީއެވެ.

ރިޔާސީ ވައުދު ފުއްދުން

ރިޔާސީ ވައުދުފުޅު ފުއްދަވައިފިއެވެ. މަރާލެވިފައިވާ އަދި ގެއްލުވާލެވިފައިވާ މީހުންނަށް އިންސާފު ގާއިމުކުރައްވާނެކަމަށް ހަރުއަޑުފުޅު ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަންތަކުން ރާއްޖޭގައި އެއްގަމުގައާއި ކަނޑުފަޅުގައިހުރި ހުރި ހުރިހާގަލެއް ފޮރޮޅައި ބަލައިހަދައިފިއެވެ. ކުރީރައީސް އަބްދުﷲ ޔާމީން ހިފައި ހައްޔަރުކޮށް ޖަލަށްލައްވާނެކަމަށް ފިސާރި ސާބިތުކަމާއެކު އެމްޑީޕީގެ މެމްބަރުންނަށް ވެވަޑައިގެންނެވި އަނެއް ރިޔާސީ ވައުދުފުޅުވެސް ފުއްދަވައިފިއެވެ. މިތަނުން ރިޔާސީ އެއްވައުދުފުޅެއް ނުފުއްދި ހިގައްޖެއެވެ. އެއީ ޕީޕީއެމް ކިޔާ ސިޔާސީ ޕާޓީ ކުރީގެ ރައީސް މައުމޫންއަށް ހޯއްދަވައިދެއްވަން ކުރެއްވި ވައުދުފުޅެވެ.

ކޮންމެއަކަސް އިންސާފުގެ ދަތުރު މިހާ އޮމާންމަގަކުން މުހައްމަދު ނަޝީދުގެ ކައްޕިތާންކަމުގެ ދަށުގައި، އަދި އޭނާގެ ގަވަރުނަރެއްގެ ދަރަޖާގައި ބޮޑުގޮނޑީގައި ހިތްޕުޅު ވަރަށް ދެރަ، އަދި ކަނޑާލިޔަސް އަތްދޯއްޔޭ ނުގޮވާނެހާ ބަސްމަދު މީހަކު ވަޑުވައިގެން އިންޑިޔާކަނޑުގެ ހަމަހިމޭން ބަނދަރަކަށް ދަތުރުކުރަމުންދަނިކޮށް ކޮޅިގަނޑެއްވެސް ނުއުފެދި، ވައިރޯޅިއެއްވެސް ނައިސް ކުއްލިއަކަށް ފަރަށް އަރައި ދަތުރު ހުއްޓިއްޖެއޭ ބުނީމާ މިއިނީ ހައިރާންވެ އަންތަރީސް ވެފައެވެ. 

ހައިރާންވަނީ އިދިކޮޅު މީހާ ޖަލުގެ ކުޑަގޮޅީގައި ބާއްވައިގެން އަޑުކަނޑުވާލެވިފައިވަނިކޮށް ކުއްލިއަކަށް އެމްޑީޕީގެ ގްރާސްރޫޓްގެ އަހުލުވެރިން މަގުތަކަށް ނުކެމެ، މިހާރު އިންސާފު ގެއްލިއްޖެއޭ ގޮވައި ކުރީގެ ސަރުކާރުތަކަށް ނުބަވާ މިންވަރަށް އަމިއްލަ ޕާޓީގެ ލީޑަރޝިޕަށާއި ސަރުކާރަށް ބަވާހަދާތަން ފެންނަމުންދާތީއެވެ. މަރާލެވިފައިވާ މީހާގެ މައިންބަފައިން ގޮވައިގެން ޝަކުވާކުރަން އދ ގޮސް އަސަރުން ފުރިގެންވީ ބަޔާންތަކެއް އިއްވުމަށްފަހު، ޕާޓީއަށް ގައުމުގެ ހުރހާ އާރަކާބާރެއް ލިބުނުހިދު، ކޮމިޝަން ހަދައިގެން ނުކުތްނަތީޖާ ކޮމޮޝަންގެ ވެރިޔާ ކުރުމަގަކުންގޮސް މަޖިލީހުގެ ރައީސަށް އެރުވުމުން، ބަދަލުގައި ސުޕްރީމްކޯޓަށް އިސްކުރުމަށްފަހު މިހާރު އެވިދާޅުވަނީ ކޮމިޝަން އުވާލާށެވެ. ކުރިން މަރާލެވިފައިވާ އައްޑުއަތޮޅު ހިތަދޫ ނާޒުކީގޭ ހުސައިންސަލާހްއަށް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އިންސާފު ހޯދައިދިން ގޮތް މިހާރުވެސް ހަދާންކޮށްލެވިދާނެއެވެ.

އެމްޑީޕީގެ އުކުޅު ކުރީގެ ވެރިކަންތަކަށްވުރެ ވަކި ސަހަލުތަ؟

ކުރީގެ ސަރުކާރުގެ ވައްކަމޭ ގޮވަމުން ދައުލަތުގެ ބިލިޔަން ބިލިޔަން ރުފިޔާގެ ބަޖެޓް ޕާޓީގެ މީސްމީހުންނާއި އެކިގޮތްގޮތުން ގުޅިފައި ތިބި މީހުންނަށް ބަހައި ހުސްކުރަމުންދާކަމަށް މީހުންކިޔާތީ އިވެއެވެ. މިއީ މީގެކުރިން އަދި ރާއްޖޭގައި ނުކުރާބާވަތަކަށް ހިންގާ މުއާމަލާތްތަކެވެ. އެއަށްވުރެވެސް ބޮޑަށް ޕާޓީގެ އެކްޓިވިސްޓުން ރުޅިއައީ މިފަހަކަށްއައިސް ހިގަމުންދާ ރޭޕްކޭސްތަކާއި އޮފީސްތަކުގެ އަންހެން މުވައްޒަފުންނަށްކުރާ ޖިންސީ ފުރައްސާރައިގެ ކަންކަން ހައްދުން ނައްޓައިގެންދިއުމުންނެވެ. އެކަންކުރާކަމަށްވަނީ އަމިއްލަ ޕާޓީގެ ނުފޫޒުގަދަ މީހުންނެވެ. އެމީހުން ރުޅިއަންނަންފެށީ އެއަނިޔާތައް ލިބުނު މީހުންނަށް އިންސާފު ހޯދައިދިނުމުގެ ބަދަލުގައި އެކަން އޮއްބާލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ޑްރާމާކުޅޭހެން ހީވާ ހިސާބަށް ދިއުމުންނެވެ. އަދި ޕާޓީގެ މީހުންގެ ލޯބޮޑުވެގެންދިޔަ އެހެންކަމެއްވެސް ހިގައިފިއެވެ. ރާއްޖޭގައި ހިގިކަމަށް އެމްޑީޕީން މުޅިގއަމުގައި ބެރުޖަހައި ގޮވަމުންދިޔަ އެމްއެމްޕީއާރްސީގެ ބޮޑު ވައްކަމުގެ ކުށްސާބިތުވެގެން ޖަލަށް ލެވިފައިހުރި ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބް އަދި އޭނާގެ މައްޗަށް 800 އަހަރުގެ ޖަލު ހުކުމް އަންނަވަރުގެ ކުށުގެ ރެކޯޑްތައް ޕީޖީގެ އަތްޕުޅުގައި ހުއްޓައި، އެއްދުވަހު އިރުއެރިއިރު އެއްވެސް ކުށެއްނެތް ސާފު ތާހިރު މީހެއްގެ ގޮތުގައި އެހެރަނުކުމެގެންދިޔައީއެވެ. އެމްޑީޕީގެ އެކްޓިވިސްޓް ބުނިގޮތަށް ކުށްވެރިވެ ބަންދުގައި ހުއްޓައި ޓަގްބޯޓެއްގައި ފިލައިގެން ދާން އުޅުނުހެން ހީވެސް ނުވެއެވެ. ދެން މިފަޅާއަރަނީ އަބްދުﷲ ޔާމީން ޖަލަށްލާން އަދީބާއާއެކު، ޕީޖީންކަމަށް ބުންޏަސް ސަރުކާރުން ވަރުގަދަ އެއްބަސްވުމެއް ހަދައިގެން އުޅުނުކަމެވެ. މިއަދުގެ ބާރުގަދަ ޖޭއެސްސީގެ ބަޔަކަށް ނޭގި އަދީބު މިނިވަންކޮށް މިވަރުގެ ކަމެއް ހިގާނެކަމަށް ބުއްދި ގަބޫލުނުކުރެވޭތީ ޕާޓީގެ މެމްބަރުން ރުޅިގަދަވަނީއެވެ. ކުޅުއްވާ ސިޔާސީ ކުޅި ފެނުމުން ދެ އަހަރުގެ ތުއްތުކުއްޖާގެ ގާތަށްވެސް އަންނާނީ އަމަށަކު ހިންޏެއް ނޫނެވެ. ޕާޓީ ވެރިކަމަށް ގެންނަން ވޯޓުދިން މީހުން ލަދުން ބޯހަލާކުވެގެން އުޅޭފަދައަކުން ސޯޝަލް މީޑިއާގައި ރުޅިގަނޑު ފުނިފުންޏަށް އެބަޖަހައެވެ. އަދީބު މިނިވަންކުރި ފަނޑިޔާރުގެ މައްސަލަ އަދީބުގެ ކުރީގެ ވަކީލް އަދި މިހާރުގެ ޕީޖީ ޖޭއެސްސީއަށް ލުމަކުން އެޝައްކުތައް ފިލައިގެންނެއް ނުދާނެއެވެ. ޕީޖީގެ އޮފީހުން ކޮންމެ މަގްސަދެއްގައި ކުރިޔަސް މަތީކޯޓްގައި އެޕީލްކޮށް އަދި އެޕީލްގެ މަރްހަލާ ނުނިމެނީސް މުހައްމަދު ނަޝީދު އިންނަވާ ޖޭއެސްސީން އެމައްސަލައިގެ ތެރެއަށް ތަދަޚުލްވިއިރު ސުޕްރީމްކޯޓް އެއީ މިހާރު އޮތްނެއްހެން ހީވެސް ނުވެއެވެ. އަދި ގާސިމް އިބްރާހިމް ހައްޔަރުނުކުރާތީ ވިލާޓީވީން ކުރިން ގެނެސްދިން އަންދާގާނޫންގެ ލަވައިގެމަތިން ހަނދާންހުރިހެންނެއްވެސް ހިއެއްނުވެއެވެ. އެކަމަކު އެމްޑީޕީގެ ގްރާސްރޫޓްގެ މެމްބަރުންގެ އިތުރަށް އެޕާޓީގެ މިނިވަން ފިކުރަށް ނުހަނުބޮޑަށް ތާއީދުދެއްވައި ދުނިޔޭގެ އެކިފޯރަމްތަކުގައި އެފިކުރު ޕްރޮމޯޓްކުރައްވަން އުޅުއްވަމުންގެންދަވާ ރާއްޖޭގެ ކުރީގެ ޚާރިޖީވަޒީރު އަހުމަދު ޝަހީދުއަށްވެސް މިއަދު ހިމޭނުން ހުންނެވޭވަރެއް ނުވިއެވެ. ވަރަށް އަޑުފުޅަށް ބާރުލައްވައި އޭނާ އެވިދާޅުވަނީ މުޅި ދައުލަތް އާއިލާއާއި ރަށްޓެރި ރަހުމަތްތެރިންގެ އެއްޗަކަށް ހަދައި ކޮރަޕްޝަންގެ ހަޑި އަމަލްތަކުގެތެރެއަށް ގެންގޮސްފިކަމަށެވެ. އެމްޑީޕީގެ މަގްބޫލްކަން ހޯދާފައިވާ ދުނިޔޭގެ ހިއުމަންރައިޓްސް ވޮޗްގެ އެގްޒެކްޓިވް ޑައިރެކްޓަރ ކެނެތު ރޮތު އޭނާގެ ޓުވީޓާގައި އެވިދާޅުވަނީ މިއަދުގެ އެމްޑީޕީގެ ސަރުކާރު ކުރީގެ ސަރުކާރުތަކާ އެއްފަދަވެއްޖެކަމަށެވެ. ކީހާޅެން ފަރިއްސަށްވެއްޖެއެވެ. މިއަދުގެ ހާލަތަކީ:

އުއްމީދުގެ އަލިކަން އެގެނައި ކުޑަކުޑަ ސިއްރުން ،

އުއްމީދު ކެނޑިއްޖޭ މުޅިދޭހުގަ އަމްދުން

Advertisement

ކޮމެންޓް