ހޯމް މިނިސްޓަރ އިމްރާން މަގާމުން އިސްތިއުފާދެއްވުމަށް އެމްޑީއެންއިން ގޮވާލައިފި

18 Jul 2020 | 23:36

ހޯމް މިނިސްޓަރކަމުގެ މަގާމުގައި ހުރި އައްޝައިޚް އިމްރާން އަބްދުﷲ މަގާމުން އިސްތިއުފާ ދެއްވުމަށް، އުވާލެވިފައިވާ ޖަމްއިއްޔާއެއްކަމަށްވާ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ގޮވާލައިފިއެވެ.

މި ޖަމްއިއްޔާއިން އެފަދައިން ގޮވާލާފައިވަނީ ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ ގޮތްތައް ވަރަށް ބޮޑަށް ނެތެމުންދާކަމަށް ބުނެ އިއްޔެ އާންމުކުރި ބަޔާނެއްގައެވެ.

އެމްޑީއެންއިން ބުނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސުޕަ މެޖޯރިޓީ ކާމިޔާބުކުރުމަށްފަހު، ދިވެހިރާއްޖެއިން ހޯދި ޑިމޮކްރަޓިކް ކުރިއެރުންތައް ނެތެމުންދާކަން ވަރަށް ބޮޑަށް ފާހަގަކުރެވެމުންދާކަމަށެވެ. އެހެންކަމުން ކޯލިޝަން ސަރުކާރާއި، އެމްޑީޕީއާއި ރައްޔިތުންގެ މަޖިލީހުގެ ކިބައިން އެ ޖަމްއިއްޔާއިން ވަނީ ޑިމޮކްރަސީއާއި ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ އަސާސީ ހައްގުތައް ނެގެހެއްޓުމަށް ވީ ވައުދު އަލުން ތަކުރާރުކުރުމަށް އެދިފައެވެ. އަދި އެ ޖަމްއިއްޔާއިން ވަނީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ ދަށުން ބަޔާން ކުރެވިފައިވާ ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލައި، ގާނޫނުތައް ހަދައި އިސްލާހު ކުރުމަށާއި ވެރިކަމުގެ އެހެނިހެން ބާރުތައް ޒިންމާދާރު ކުރުވުމުގެ މަސައްކަތް ކުރުމަށް އެދިފައެވެ.

މި ބަޔާނުގައި ބުނެފައިވާ ގޮތުގައި މި ސަރުކާރާއި ކޯލިޝަންގައި ހިމެނޭ އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ އިދިކޮޅުގައި ތިބެ، އެއްވެ އުޅުމުގެ މިނިވަންކަމާއި ބެހޭ ގާނޫނަކީ ގާނޫނު އަސާސީގެ ރޫހާއި ޚިލާފް ގާނޫނެއްކަމަށް ބުނެ ފާޅުކަންބޮޑު ގޮތެއްގައި އެ ގާނޫނަށް ގޮންޖަހައި މުޒާހަރާ ކޮށްގެން ވެރިކަމަށް އައިސްފައެވެ. އަދި ގާނޫނު އަސާސީގެ ރޫހާއި ޚިލާފް ގާނޫނުތަކަށް އަމަލުކުރަން ދިވެހިންނަށް މަޖުބޫރު ކުރެވިގެން ނުވާނެކަމަށް އެމްޑީއެންއިން ވަނީ ބުނެފައެވެ.

އެމްޑީއެންއިން ބުނީ ދިވެހިރާއްޖޭގެ ގާނޫނުތައް ނަގަހައްޓައި، ބައިނަލްއަގްވާމީ ގޮތުންނާއި ދުސްތޫރީ ގޮތުން މަތިކުރެވިފައިވާ ޒިންމާތައް އަދާކުރުމުގައި އަބަދުމެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ނާގާބިލްކަން ދައްކަވާފައިވާ ކަމަށެވެ. އެހެންކަމުން އެބޭފުޅާ ވަގުތުން މަގާމުން އިސްތިއުފާދެއްވުމަށް އެ ޖަމްއިއްޔާއިން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޖަމްއިއްޔާ ޖަމާއަތްތަކުން ކުރާ މުހިންމު މަސައްކަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް މި ސަރުކާރު ފެއިލްވެފައިވާކަމަށް އެމްޑީއެންއިން ވަނީ ބަޔާނުގައި ބުނެފައެވެ. އެގޮތުން އެ ޖަމްއިއްޔާގެ ހަރަކާތްތައް ހުއްޓުވާލުމާއި، ހަރުކަށި ފިކުރުގެ ފަރާތްތަކުގެ ކިބައިން ޖަމްއިއްޔާތައް ރައްކާތެރިކުރުމަށް މި ސަރުކާރު ނުކުޅެދިފައިވާކަމަށް ވަނީ ބުނެފައެވެ.

އަދި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އަމަލުތަކުގައި ޖަމްއިއްޔާތަކުން ބައިވެރިވާކަމަށް ޔޫތު މިނިސްޓްރީގެ ބަޔާނެއްގައި ބުނުމާއި މެދު އެމްޑީއެންއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެ ޖަމްއިއްޔާއިން ވަނީ ބިދޭސީ މަސައްކަތްތެެރިންގެ ހައްގުތައް ހިމާޔަތްކޮށް މަޖިލީހުން ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށްވެސް ގޮވާލާފައެވެ.

Advertisement

ކޮމެންޓް