އަސްލަމް: އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކުރިއަރަމުން އަންނަ ދިވެއްސެއް!

21 Jul 2020 | 22:54

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވީހިނދު، މިޤައުމަށް އިޤްތިޞާދީ ގޮތުންނާއި، އުމްރާނީގޮތުންނާއި އިޖްތިމާޢީގޮތުން ލިބޭ ކުރިއެރުންތަކާއި ހިނގާ މުޢާމަލާތްތަކަކީ އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ދެވޭ ޚިދުމަތްތަކެއް ކަމުގައި ވުމަކީ ގިނަބަޔަކު އެދޭ ކަމެކެވެ. މިގޮތުން މިދުވަސްވަރަކީ ދިވެހިރާއްޖޭގައި އުފެދުނު ހަމައެކަނި ފުލް ފްލޭޖް އިސްލާމިކް ބޭންކު ކަމުގައިވާ މޯލްޑިވްސް އިސްލާމިކް ބޭންކުން އާންމުންނަށް ހިއްސާވިއްކުމަށް ފަހު އެ ބޭންކްގެ ފުރަތަމަ އަހަރީ އާންމު ޖަލްސާބޭއްވުމަށް ތައްޔާރުވަމުން ދާދުވަސް ވަރެކެވެ. 

މިއީ އެބޭންކްގެ 10ވަނަ އަހަރީ ޖަލްސާއެވެ. މި ޖަލްސާގައި ފުރަތަމަފަހަރަށް އާންމު ހިއްސާދާރުންގެ ތެރެއިން ބޭފުޅަކު ބޭންކްގެ ބޯޑަށް ހޮވިގެންދާނެއެވެ. އާންމު ހިއްސާދާރުންގެ ތެރެއިން ބޯޑަށްކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވިފައިވާ އެއްފަރާތަކީ ރ.އިނގުރައިދޫ، ހަވީރީހިޔާ އަލްފާޟިލް އަހުމަދު އަސްލަމެވެ . މިފަހަރު ވޮއިސްގެ އިންޓަވިއު މިހާއްސަކޮށްލަނީ އަސްލަމް ގެ ޙަޔާތުގެ މައްޗަށެވެ.

1980 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އަސްލަމަކީ އިބްރާހިމް މޫސާފުޅާއި އައިޝަތު އަހްމަދަށް ލިބިފައިވާ 8 ކުދިންގެ ތެރޭން އެންމެ ދޮށީ ފިރިހެންދަރިއެވެ. އެއާއިލާ ގައި ދެވަނައަށް އެންމެ ބޮޑަށް ހުންނެވި ކުއްޖާއެވެ. އުފަން ރަށް ކަމުގައިވާ ރ.އިނގުރައިދޫގައި ކިޔެވެން އޮތް އެންމެ މަތީ ގްރޭޑް ކަމަށްވާ ގްރޭޑް 5 އާއި ހަމައަށް ތަޢްލީމް ހާސިލްކުރެއްވިއެވެ. 

އެއަށްފަހު އާއިލާގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން ބޮޑުބޭބެއެއްގެ ގާތަށް މާލެ އައިސް އަހުމަދިއްޔާ ސްކޫލްގެ ގްރޭޑް 5 އިން ފެށިގެން ގްރޭޑް 10 އާއި ހަމައަށް ތައުލީމްހާސިލްކުރެއްވިއެވެ. އަހްމަދިއްޔާ ސްކޫލްގައި ކިޔެވި ދުވަސްވަރުވެސް އަސްލަމް ވަނީ ރަންވަނަތަކެއް ހޯދާފައެވެ. ކިޔެވުމުގެ އިތުރުން ސްކޫލްގެ ތަފާތު މަގާމުތައްވެސް އަސްލަމް ފުރުއްވާފައިވެއެވެ. އެގޮތުން ދިވެހި ޖަމުއިއްޔާގެ ރައީސް ކަމާއި އިނގިރޭސި ޖަމުއިއްޔާގެ ރައީސް ކަންކޮށްފައިވެއެވެ.

މަތީ ތައުލީމުގެ ހަޔާތް:

ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން ސެންޓަރުން ޖީ.ސީ.އީ އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިހާނު ފުރިހަމަ ކުރެއްވުމަށްފަހު މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން 2006 ވަނަ އަހަރުގައި ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓިންގގެ އެޑްވާންސް އިން ޑިޕްލޮމާ އިން މެނޭޖްމަންޓް އެކައުންޓިންގ ކޯސް އަސްލަމް ހެއްދެވިއެވެ. އެއަށްފަހު 2008ވަނަ އަހަރުގެ ތެރޭގައި މެލޭޝިޔާގެ ހެލްޕް ޔުނިވަރސިޓީއިން ހިންގި ޔުނިވާސިޓީ އޮފް އީސްޓް ލަންޑަންގެ ބެޗެލަރ އޮފް އާޓްސް (އޮނަރސް)އިން އެކައުންޓިންގ އެންޑް ފައިނޭންސްހައްދަވާފައެވެ.

މީގެ އިތުރުން އަސްލަމް ވަނީ 2013 ވަނަ އަހަރުގެ ތެރޭގައި އެޗް.ޑީ.ސީ ގެ ސްކޮލަރ ޝިޕެއްގައި އަވައްޓެރި ސްރީލަންކާއަށް ވަޑައިގެން އިގިރޭސިވިލާތުގެ ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓިންގގެ (ސީ.އައި.އެމް.އޭ) ކޯސްފުރިހަމަކޮށްފައިވެއެވެ. މިއީދުނިޔޭގައި މެނޭޖްމެންޓް އެކައުންޓިން އެންމެފުޅާދާއިރާއެއްގައި ކިޔަވައިދެއްވާ ޕްރޮފެޝަނަލް އިންސްޓިޓިއުޓެވެ. އެއަށްފަހު އަސްލަމް ވަނީ އޭ.ސީ.އެމް.އޭ އަދި ސީ.ޖީ.އެމް.އޭގެ މެންބަރުކަމުގެ ސަނަދުވެސް ހޯއްދަވާފައެވެ. އަދި 2016 ވަނަ އަހަރު އެބޭފުޅާ ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް ސެންޓަރ ފޮރ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނޭން (އައި.އެން.ސީ.އީ.އައި.އެފް) އިން މާސްޓާސް އިން އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ކޯސް ފުރިހަމަ ކުރައްވާފައެވެ. 2017 ވަނަ އަހަރު އަސްލަމް ވަނީ ޗާޓާޑް އިންސްޓިޓިއުޓް އޮފް އިސްލާމިކް ފައިނޭންސް ޕްރޮފެޝަންގެ ސީނިއަރ އެސޯސިއޭޓް މެންބަރުކަންވެސް ހާސިލްކުރައްވާފައެވެ. އަސްލަމްގެ އަޒުމަކީ ތައުލީމް އުގެނެވެންހުރި އެންމެ މަތީހަރުފަތަކަށް ތައުލީމް އުގެނުމެއެވެ.

މީހުން ބިނާކޮށް ތައުލީމް ދިނުމާއި ވަޒީފާގެ މަސައްކަތް:

ވޮއިސްއާއި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވި ގޮތުގައި އެނގޭ އިލްމެއް އެހެން މީހުންނަށް ބުނެދެއްވުމަކީ އެބޭފުޅާ އަބަދުވެސް ވަރަށް ކުރައްވާ ހިތްވާ ކަމެކެވެ. އެގޮތުން ފުރަތަމަ ކިޔަވަދޭން ފެށުނީ އެކުގައި ކިޔަވަމުން އައި ކްލާހުގެ ކުދިންނަށެވެ. ނަމަވެސް އާމްދަނީއެއް ހޯދުމުގެ ގޮތުން ކިޔަވައި ދޭންފެށީ އެއްބަނޑު އެއްބަފާ ދައްތަ ވަރަށް ބޮޑަށް ބަލިވެ ބައްޕަ އަށް ލިބެމުންދިޔަ އާމްދަނީގެ ބޮޑުބައެއް ދައްތައަށް ބޭސްކުރުމަށް ހޭދަކުރަން ޖެހުމުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ނިޔަތުގައި ކަމުގައި އަސްލަމް ވިދާޅުވިއެވެ. އެގޮތުން ސްކޫލް ނިންމާފައި އައިސްލިބޭ ވަގުތުތަކުގައި ގޭގެޔަށާއި ޓިޔުޝަން ކްލާސްތަކަށް ކިޔަވައިދޭން ދާންފެށިއެވެ. އެގޮތުން އޭރު ޓިއުޝަން ދީގެން ލިބުނު ފައިސާއިން ހުންނަގެއަށް ފައިސާ ދައްކާ ބޭނުންވާ ޒަރޫރީ ބޭނުންތަކަށް ހޭދަކުރާވަރަށް ފައިސާލިބޭކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.

ސީއެޗްއެސްސީގައި އުޅުނު ދުވަސްވަރުން ފެށިގެން އެބޭފުޅާ ދަނީ ތައުލީމީ ދާއިރާގައި ރަސްމީ އަދި ނުރަސްމީ ގޮތުންވެސް ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ.

އެއަށްފަހު އެބޭފުޅާ ދަނީ ރަސްމީ ސިފައެއްގައިވެސް ލެކްޗަރަރ އެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ވޭތިވެދިޔަ އަހަރުތަކުގައި ކްލިކް ކޮލެޖް، މައި ކޮލެޖް، އަދި މެޕްސް ކޮލެޖްގައި ވަނީ ކިޔަވައިދީފައެވެ. އަދި މިހާރުވެސް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގައި ކިޔަވައިދެއްވާ، މާލީ އަދި ބޭންކިންގ ދާއިރާގައި ހަރަކާތްތެެރިވާ ގިނަ ދިވެހިންތަކެއް ތަމްރީންކޮށްދެއްވާފައިވެއެވެ.

މީގެ އިތުރުން އަސްލަމަކީ 2011ވަނަ އަހަރުން ފެށިގެން އަމިއްލަ ޓިއުޝަން ކްލާހެއް ހިންގަވަމުން އަންނަ ބޭފުޅެކެވެ. މިގޮތުން މިހާރުވެސް ހުޅުމާލޭގައި އީ-ދާލަ ލާނިންގ ސެންޓަރުގެ ނަމުގައި ޓިއުޝަން ސެންޓަރެއް ހިންގަވަމުން ގެންދަވައެވެ. އަދި އެކި އަމިއްލަ ޖަމާއަތްތަކުގެ ޕްރޮގްރާމްތަކުގައި ފެސިލިޓޭޓަރެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ.

ވަޒީފާ:

އަސްލަމް އެންމެ ފުރަތަމަ ރަސްމީ ވަޒީފާއެއްގެ ގޮތުން އަދާކުރެއްވީ 2003ވަނަ އަހަރު ސީ އެންޑް ސީ ޕްރައިވެޓް ލިމިޓެޑް ކިޔާ ޓްރެވަލް އޭޖެންސީއެއްގެ އެސިސްޓެންޓް އެކައުންޓެންޓެއްގެ މަގާމެވެ. އެއަށްފަހު 2005ވަނަ އަހަރު އެސިސްޓެންޓް އެކައުންޓްސް އޮފިސަރެއްގެ ގޮތުން އޭރުގެ ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ( އެޗް.ޑީ.ސީ) އަށް ގުޅިވަޑައިގެންނެވިއެވެ. އެކައުންޓިންގ އެސިސްޓެންޓެއްގެ ގޮތުގައި ފެށި ވަޒީފާގައި އެތައްހަރުފަތްތަކެއް ގިރާކުރެއްވުމަށްފަހު 2019ވަނަ އަހަރުގެ މާރިޗް މަހުން ފެށިގެން އަސްލަމަކީ ރާއްޖޭގެ އެންމެ ބޮޑު އެއްކުންފުނި ކަމުގައިވާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ ޗީފް އެކައުންޓެންޓެވެ. މީގެ ކުރިން އަސަލަމް ވަނީ ފައިނޭންސް އޮފިސަރ ، ސީނިޔަރ ފައިނޭންސް އޮފިސަރގެ، އިތުރުން އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމްވެސް އަދާކޮށްފައެވެ. ވޭތުވި ދިގުމުއްދަތުގައި އެޗް.ޑީ.ސީ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އަސްލަމް ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށް އަދި މިހާރުވެސް ދަނީ ކުރަމުންނެވެ. އަސްލަމްއަކީ ގަޑިޔަށް ކަމޭހިތުމާއި މަސައްކަތައް ވަރަށް ފަރުވާތެރި ކަންދެއްވާ ބޭފުލޭއްކަމަށް އެކުގައި މަސައްކަތް ކުރާބޭފުޅުން ވަނީ ފާހަގަ ކުރައްވާފައެވެ. މިގޮތުން އިމްޕްލޮޔީ އޮފް ދަ ޑިޕާރޓްމެންޓް ކަންވެސް ލިބިފައިވެއެވެ.

އަސްލަމަކީ ރަސްމީ ވަޒީފާގެ އިތުރުން ފްރީލާންސް އުސޫލުން އޮޑިޓިންގ އަދި ޓެކްސް އޭޖެންޓްކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އޭގެ އިތުރުން ދަރުމަޔަށް މަސައްކަތް ކުރުމުގައިވެސް ނަމޫނާބޭފުޅެކެވެ. އެގޮތުން އަސްލަމް އަކީ ދިވެހި ރާއްޖޭގެ އެންމެ ބޮޑު އެއް އެން.ޖީ.އޯ ކަމަށް ވާ މޯލްޑިވްސް ރެޑްކުރެސެންޓްގެ މެންބަރެއްގެ އިތުރުން އޭނާވަނީ ޖެހިޖެހިގެން 4އަހަރު އެތަނުގެ ފައިނޭންސް ކޮމިޝަނުގެ މެމްބަރުކަންވެސް އަދާކޮށްފައެވެ.

ޖަވާޒީ ހަޔާތެއްފެށިތާ 11އަހަރު ފުރުނުއިރު އަސްލަމް އަކީ މިހާރު ތިންކުދިންގެ ބައްޕަ އެކެވެ. އަސްލަމްގެ އަމާޒަކީ ދަރިންނަށް ރަނގަޅު ތައުލީމަކާއި ތަރުބިއްޔަތެއް ދިނުމާއިއެކު އެކުދިން ބޮޑުކުރުމެވެ. އަސްލަމް އަކީ އޯގާތެރި ފިރިއެއްކަމަށާއި ދަރިން ދެކެ ލޯބިވާ ހިތްހެޔޮ ހިތްވަރުގަދަ ބައްޕަ އެއްކަން އަސްލަމްގެ އަނބިކަބަލުން މިޒްނާ ފާހަގަކުރެއެވެ.

ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމިކް ފައިނޭންޝިޔަލް ސިސްޓަމެއް އޮންނަ ގައުމަކަށް ވުމަކީ ކުރާ އުއްމީދެއްކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި މިކަމަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް އެހެން ގައުމުތަކަށްވުރެ މާފަސޭހައިން ކުރެވޭނެ ކަމެއްކަމަށާއި ބޭނުންވަނީ ޤައުމުގެ ހާލަތުބަދަލުކުރާނެ އިހްލާސްތެރި ޖީލެއްކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

އަސްލަމް ވަނީ އެބޭފުޅާއަށް މިހާ ހިސާބަށް އާދެވުނުކަމަށްޓައި ހެއްދެވި ފަރާތައް ޝުކުރު އަދާކުރާކަމަށާއި މިހިސާބަށް ދިޔުމުގައި އެންމެ ބޮޑު ގުރުބާނީއެއްވީ ފަރާތަކީ މައިންބަފައިންކަމަށް ވިދާޅުވެ، އެފަރާތްތަކަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވާ ވާހަކަ ވިދާޅުވިއެވެ. އެގޮތުން އާއިލާގެ 8ކުދިންވެސް ކިޔަވައިގެންތިބި ގާބިލް މީހުންނަށް ވެފައިވަނީ އަސްލަމްގެ މަންމައާއި ބައްޕަގެ ބުރަމަސައްކަތުންކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

އަދި މިފުރުސަތުގައި އަސްލަމް ކިޔަވަން ހުންނެވި ގޭގޭގެ މީހުންނަކީ އާއިލާގެ އެއްބައި ކަމަށާއި، އެފަރާތްތަކުގެ އިތުރުން އަސްލަމްގެ އަނބިކަނބަލުންނާއި އާއިލާގެ އިތުރުން ހުރިހާ ރަހުމަތްތެރިންނަށްވެސް އެބޭފުޅާ ފަށްފަށުން ޝުކުރު އަދާ ކުރިއެވެެ.

Advertisement

ކޮމެންޓް