Advertisement

ގާޟީ އިސްމާއިލް ރަޝީދުގެ މައްސަލަ ބަލަން ޖޭއެސްސީން ފަށައިފި

19 Jul 2020 | 20:00

ކްެރިމިނަލް ކޯޓުގެ ގާޟީ އަލްއުސްތާޛު އިސްމާއިލް ރަޝީދު އާއި ދެކޮޅަށް ހުށައެޅިފައިވާ މައްސަލައެއް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ބަލަން ފަށައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ގާޟީ އިސްމާއިލް އާއި ދެކޮޅަށް ހުށައަޅާފައިވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ފާޅުކަންބޮޑު ގޮތެއްގައި ކަނޑައެޅިގެން ޚިލާފަށް އަމަލުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

ޖޭއެސްސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައްސަލައިގެ ބާވަތަށާއި، އެ މައްސަލައާއި ގުޅޭގޮތުން ހުށައެޅިފައިވާ ހެއްކަށާއި، މައްސަލަ ބަލަމުންދާއިރު އެބޭފުޅާ މަގާމުގައި ހުރެއްޖެނަމަ މައްސަލަ ތަހުގީގުކުރުމަށް ހުރަސްއެޅިދާނެކަމަށެވެ. އެހެންކަމުން ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ ތ އާއި ލ އާއި ހަވާލާދީ، ގާޟީ އިސްމާއިލް ރަޝީދު ވަގުތީގޮތުން 60 ދުވަހަށް ފަނޑިޔާރުކަމުން ދުރުކުރަން އެ ކޮމިޝަންގެ މިއަދުގެ ޖަލްސާއިން ވަނީ ނިންމާފައެވެ.

މި މައްސަލައިގައި އެބޭފުޅާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ކުރިކަމަށް ތުހުމަތުކުރެވޭ އަމަލުތަކުގެ ތަފްސީލް ތަހުގީގުކޮށް ނިމުމުން ހާމަކުރެވޭނެކަމަށް ވަނީ ބުނެފައެވެ.

މީގެ ދުވަސްތަކެއް ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ހުސައިން ޝަމީމް ވަނީ މި މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު މައްސަލައިގައި ހުކުމް ކުރެއްވިގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެބޭފުޅާގެ މައްސަލަ ޖޭއެސްސީއަށް ހުށައަޅުއްވާނެކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ގާޒީ އިސްމާއިލް ރަޝީދު ކުރެއްވި ހުކުމްގައި ޕީޖީއިން ހުށަނާޅާ ލިޔެކިޔުންތަކުން ހުށަނާޅާ މައުލޫމާތުތަކަށާއި، ޝަރީއަތުގެ މަޖިލީހުގައި އަދީބު ވިދާޅުނުވާ ބަސްތަކަކަށް ރިއާޔަތްކުރައްވާފައިވާކަން ޕީޖީ ފާހަގަކުރެއްވިއެވެ. އެއީ ގާނޫނީގޮތުން ހަމަޖެހޭ ގޮތެއްކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

އަދި މީގެ އިތުރުން މި މައްސަލައިގެ ހުކުމްގައި ގާޒީ އެންމެ ތިންް ފޮޅުވަތް ލިޔުއްވާފައިވާތީވެސް ޕީޖީ ޝަމީމް އެކަމާއި މެދު ސުވާލު އުފެއްދެވިއެވެ. އެގޮތުން އެ ހުކުމް ކުރެއްވި ސަބަބެއް، ހަވާލާދެއްވި މާއްދާއެއް، އަދި ބާތިލް ކުރެއްވީ ކިހިނެެތްކަން އެނގޭކަށް ނެތްކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް