ސީރިއަސް ތުހުމަތުތަކާއި ގުޅިގެން ފަޒީލް މަގާމުން އެކަހެރިކުރުމަށް އެމްއާރްއެމްއިން އެދިއްޖެ

19 Jul 2020 | 21:51

ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރގެ މަގާމުގައި ހުރި އަހުމަދު ފަޒީލްގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކާއި ގުޅިގެން އޭނާގެ މައްސަލަ ބަލައި ނިމެންދެން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްދޭން އެމްއާރްއެމްއިން އެދިއްޖެއެވެ.

ޓްވިޓަރގައި މިއަދު އާންމުވެގެންދިޔަ މި ތުހުމަތުގައި ބުނެފައިވާ ގޮތުގައި ފަޒީލް ވަނީ އުމުރުން 18 އަހަރުނުވާ ކުޑަކުއްޖަކު ރޭޕްކޮށްފައެވެ. އަދި އެ އަންހެންކުއްްޖާއަށް ޖިސްމާނީ އަނިޔާކޮށް އޮރިޔާން ފޮޓޯވެސް ނެގިކަމަށް ވަނީ "ޕްރޮވޯކްޑް" ނަމުގައިވާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައެވެ. އަދި ފަޒީލްގެ އަމަލުތަކުގެ ސަބަބުން އެ އަންހެންކުއްޖާ ބަނޑުބޮޑުވުމުން، އެ އަންހެންކުއްޖާގެ ގާތަށް އައިސް ބަނޑުގައި ޖަހައި ދަރިފުޅު މަރާލާނެކަމުގެ އިންޒާރު ދިންކަމަށްވެސް ވަނީ ބުނެފައެވެ.

އަދި މިހުރިހާ ކަމެއްވެ، ފަޒީލާއި ދެކޮޅަށް މިކަމާއި ގުޅިގެން ކޯޓުގައި މައްސަލައެއް އޮތްއިރުވެސް ފުލުހުންނަށް އޭނާ ނުހޯދުނުކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އޭރު އޭނާ ޓީވީ ޝޯވްއަކަށްވެސް އެރިކަމަށް އެ އެކައުންޓުން ވަނީ ބުނެފައެވެ.

އަދި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ފަޒީލް އެ މައްސަލައިން ސަލާމަތްވިއިރު، އެ އަންހެންކުއްޖާ އުމުރުން 17 އަހަރުގައި ކުއްޖަކު ވިހަން ޖެހުނުކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ފަޒީލްގެ މައްޗަށް ވަނީ އަންހެންކުދިންނަށް އެހެންމީހުންނާއި އެކު ބަދުއަޚުލާގީ އަމަލު ހިންގުމަށްފަހު އާއި އަމިއްލަ އޮރިޔާން ފޮޓޯ ފޮނުވުމުގެ ތުހުމަތުތަކެއްވެސް ކުރެވިފައެވެ. އަދި ފަޒީލް އުމުރުން 18 އަހަރު ކިރިޔާ ފުރިފައިވާ ކުދިންނާއި 18 އަހަރު ނުފުރޭ ކުދިންނާއި ވާހަކަދައްކައި ހަދަން އުޅުނުކަމަށާއި އެކުދިންގެ ފޮޓޯތައް ގެންގުޅުނުކަމުގެ ތުހުމަތުވެސް ވަނީ ކުރެވިފައެވެ.

ފަޒީލް ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރގެ މަގާމަށް އައިސްފައިވަނީ މޯލްޑިވްސް ރިފޯމް މޫވްމެންޓްގެ ސްލޮޓެއްގައެވެ. 

އެމްއާރްއެމްއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ ‏އެ ޕާޓީގެ މަޤާމެއްގައި ހުރި މީހަކާއިމެދު ޖިންސީ ފުރައްސާރައާއި އަނިޔާގެ ތުޙުމަތުތަކެއް ސޯޝަލް މީޑިއާގައި ކުރެވެމުންދާތީ އެ މައްސަލަ އެ ޕާޓީއިން މިހާރު ބަލަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ބަލާ ނިމެންދެން ޕާޓީގެ ހަރަކާތް ތަކުން އޭނާ ވަނީ އެކަހެރި ކުރެވިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

"އަދި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއިބެހޭ ފަރާތްތަކާއިއެކު މި ޕާޓީން ފުރިހަމައަށް މަސައްކަތް ކުރަމުންދާކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވަމެވެ. ޖިންސީ ފުރައްސާރައާއި އަނިޔާ ފަދަ ކުށްތަކަކީ މި ޕާޓީއިން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަންކަމެއް ނޫނެވެ"، އެމްއާރްއެމްއިން ބުނެފައިވެއެވެ. އެމްއާރްއެމްއިން ވަނީ މައްސަލަ ބަލައި ނިމެންދެން އޭނާ މަސައްކަތުން އެކަހެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިފައެވެ.

Advertisement

ކޮމެންޓް

Advertisement