އާދަމް ޝަރީފު ޢުމަރު: ދިވެހި ޤައުމު ބިދޭސީންގެ ދަށަށް!

20 Jul 2020 | 12:27

ދިވެހިރާއްޖޭގެ ދާޚިލީ ވަޒީރަކަށް ބަނގްލާދޭޝް ދަރިކޮޅުގެ މީހަކު ހުންނަން އޯކޭ ހެއްޔެވެ؟ މާލީ ވަޒީރަކަށް އިންޑިއާ ދަރިކޮޅުގެ މީހަކު ހުންނަން އޯކޭ ހެއްޔެވެ؟ ޕާކިސްތާނު ދަރިކޮޅުގެ މީހަކު އިސްލާމިކް މިނިސްޓަރަކަށް ހުންނަން އޯކޭ ހެއްޔެވެ؟ މިއީ، އިނގިރޭސި ވިލާތުން މައިދިރި ނަގައިގެން ކަންކަން ރާވާނަމަ ފެނިދާނެ މަންޒަރެކެވެ!

ބިދޭސީންގެ މައްސަލަތައް ހައްލު ނުކުރެވި، ސަރުކާރުތައް ފަހަތު ފަޔަށް ބުރަވެ، އިންސާނީ ވަގުފާރީގެ ހާއްޔަކަށް ރާއްޖެ ބަދަލުވެފައިވާކަން ނުދަންނަ މީހަކު ނެތެވެ. ބޭރު މީހުންގެ ސަބަބުން، ރާއްޖޭގެ މަސައްކަތުގެ ބާޒާރަށް ލުޔެއް ލިބި، ގޭތެރޭގެ މަސައްކަތްތަކާއި ބާޒާރުކުރަން ފަސޭހަތަކެއް ވިޔެއްކަމަކު، އެމީހުންގެ ސަބަބުން މިއަދު ދިވެހި ޤައުމަށް އިޔާދަ ނުކުރެވޭފަދަ ބޮޑެތި ގެއްލުންތައް ލިބި، ޤައުމީ ސަލާމަތަށް ނުރައްކާވެ، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް މަގުތަކުގައި މުޒާހަރާކޮށް، ދިވެހި ސަލާމަތީ ބާރުތަކާ މުޤާބަލާކޮށް، ފުލުހުންނަށާއި އުޅަނދުތަކަށް ހަމަލާދޭ މަންޒަރު ފެނުމުން މިކަން އިތުރަށް ކަށަވަރުވެއެވެ. "ކަތިލަން ފެންދީފައި އައްސާފައި އިން ކުކުޅެއް" ގެ ޙާލަތަށް ދިވެހިން މިވަނީ ވެއްޓިފައެވެ.

ބިދޭސީންގެ މުޒާހަރާތައް ގިނަވެ، ޤައުމީ ސަލާމަތަށް ނުރައްކާވެ، ޤައުމުގެ ޙާލަތު މިހިސާބަށް ގޮސްފައިވަނިކޮށް، ދިވެހި ދައުލަތުން ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރުމުގެ ބަދަލުގައި، ސަރުކާރުން، ކަމާބެހޭ މުއައްސަސާތައް ބާރުވެރި ކުރުވުމުގެ ބަދަލުގައި، ބިދޭސީން މުޒާހަރާކުރަން ފުރުޞަތުދީގެން ތިބުމުގެ ސިއްރަކީ "އަނދިރި ދައުލަތެއް" ޤާއިމު ކުރުމެވެ. ބޭރުގެ އިސްތިޢުމާރުގެ ދަށަށް ޤައުމު ދޫކޮށްލުމެވެ. ބޭރު ބަޔަކު ދިވެހި ފުލުހުންނާ "ހަނގުރާމަ އިޢުލާނު" ކުރުމަކީ ދިވެހިންގެ ސިޔާދަތު ދަމަހައްޓަން ބޭނުންވާ، ދިވެހި ޤައުމިއްޔަތުގެ ވިންދުޖަހާ ދިވެއްސަކު ބޭނުންވާނެ ކަމެއް ނޫނެވެ. އެމަގަށް ހިތްވަރުދޭ ކޮންމެ މީހަކީ، އެކަން "ވަރިހަމަ" ކޮށްލާ ކޮންމެ ދިވެއްސަކީ ދިވެހި ޤައުމިއްޔަތުގެ ޚާއިނެކެވެ.

އަޅުގަނޑު ވެސް އެއްބަހެވެ. ބިދޭސީންނަށް އިޙުތިރާމު ކުރާންވާނެއެވެ. ބިދޭސީންގެ ޙައްޤުތައް ޙިމާޔަތް ކުރަންޖެހޭނެއެވެ. މަހުން މަހަށް މުސާރައާއި ޢިނާޔަތްތައް ދޭންވާނެއެވެ. ނުދޭނަމަ، ހަމަޖެހިފައިވާ ޤާނޫނީ ނިޒާމުގެތެރެއިން އެކަންކަން ޙައްލުކޮށްދިނުމަށް މަސައްކަތް ކުރަންވާނެއެވެ. އެކަމަށް އުފައްދާފައިހުރި މުއައްސަސާތައް މަސައްކަތް ނުކުރާނަމަ، ޒިންމާދާރު ކުރުވައި ޖަވާބުދާރީ ވެސް ކުރުވަންޖެހޭނެއެވެ. ނަމަވެސް، މުސާރަ ނުދިނީމައޭ ކިޔާފައި މުދަލަށް ގެއްލުންދީ، ޖަރީމާ ހިންގައި، ފުލުހުންނަށް ހަމަލާދޭން ހިތްވަރުދީ، އެކަމަށް ފުރުޞަތު ދީގެން ނުވާނެއެވެ.

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ މިހާތަނަށް ޙައްލު ކުރެވިފައި ނުވާތީވެ، އެއީ ނުކުރެވޭނެ ކަމެއްކަމުގައި ނިންމަންވާނީ އެކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައެވެ. އެމީހުން އަތުގައި ޕާސްޕޯޓް ނެތްކަމަށް ބުނުމުން، އެކަން ޤަބޫލު ކުރާއިރު، އެމީހުން ހޯދާ ފައިސާ، އެމީހުންގެ އަމިއްލަ ޤައުމަށް ފޮނުވާކަން އެންމެންނަށް ވެސް އެނގެއެވެ. އެކަމަކު، އެ މައްސަލަ ހައްލު ނުކޮށް ދޫކޮށްލުމަކީ ވަގުފާރީގެ ވިޔުގައިގެތެރޭގައި އުޅޭ ބޮޑުންނަށް، އިތުރު ޑީލެއް ލިބެން އޮތް މަގަކަށް ވާހާ ހިނދަކު، ޤަވާޢިދާ ޚިލާފަށް އުޅޭ ގިނަ ބިދޭސީންގެ އަދަދު ދަށެއް ނުކުރެވޭނެއެވެ. އެކަން ކުރެވޭނީ ޚާއްޞަ އޮޕަރޭޝަނެއްގެ ދަށުން، ދިވެހި ސިފައިންގެ ބެލުމުގެ ދަށަށް އިމިގްރޭޝަން ގެނެސް، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނާއި ފައިސާ ބޭރަށް ފޮނުވައިދޭ ބޭންކުތަކާއި އޭޖެންސީތައް ގުޅިގެން މިމަސައްކަތް ކޮށްގެންނެވެ. ސަރުކާރުގެ އިޚުލާޞްތެރިކަން ހުރެގެންނެވެ.

ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަކީ ދަތިކަމަކަށް ވާނެތީވެ، އެކަމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ކުށްކުރި މީހުންނަށް އަދަބު ދިނުމުގެ ބަދަލުގައި އިނާމު ދިނުމަކީ ޤައުމަށް ވެވޭނެ ޚިޔާނާތެކެވެ. އިމިގްރޭޝަންގެ ޤާނޫނަށް ބަދަލު ގެނެސް، މިފަދަ ގޮތަކަށް ބޭރު ބަޔަކާމެދު އަމަލު ކުރުމަށް ވިސްނަމުންދާނީ ބޭރުގެ އިސްތިޢުމާރެއްގެ ނުފޫޒު ފޯރަމުންދާތީކަމުގައި ވެދާނެއެވެ. ނުވަތަ ލިބިފައިވާ ހަދިޔާއެއްގެ ބަދަލުގައި "ގޮނަކަށް ގޮނެއް" ދޭން ސަރުކާރަށް މަޖުބޫރުވެފައިވާތީކަމުގައި ބެލުމުގެ ފުރުޞަތު އެބައޮތެވެ.

އަޅުގަނޑު ވެސް އެއްބަހެވެ. ދިވެއްސަކާ އިނދެގެން އުޅޭ ބޭރު މީހަކު ރާއްޖޭގައި ދިރިއުޅުމުގައި މިހާރަށްވުރެ ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭންޖެހެއެވެ. ނަމަވެސް، ހަތަރުހާސް ޑޮލަރުގެ ވިޔަފާރިކުރާ މީހަކަށް ރެސިޑެންސް ވީސާ ދިނުމަކީ ކޮން ޤައުމެއްގައި ކުރާ ކަމެއްތޯއެވެ؟ މިއީ ބިދޭސީންތަކެއް ދިވެހި ރައްޔިތުންނަށް ބަދަލު ކުރުމަށް ދިވެހި ޚާއިނުންތަކެއް ދުރާލާ ރާވައިގެން ހިންގާ ޖަރީމާއެކެވެ.

ރާއްޖޭގެ ރަށެއްގައި ދެހާސް ރުފިޔާއަށް ގެއެއް ކުއްޔަށް ހިފައިގެން ހުންނަ މީހާއަށް ރެސިޑެންސް ވީސާ ދޭންޖެހޭ ޙާލަތަށް މިޤައުމު ވައްޓާލީ ޤައުމިއްޔަތާއި ހުއްރިއްޔަތާއި ޙުއްބުލްވަޠަންގެ ޒައްރެއްގެ މިންވަރު ވެސް ހިތުގައި ނެތީމައެވެ. އެފަދަ މީހަކު ދިވެހި ޤައުމުގެ މަސްމުގޫ ބަލަހައްޓަން ހުރެއްޖެނަމަ، މީގެ ތިރީހަކަށް އަހަރުފަހުން، ރާއްޖޭގެ ވެރިކަމުގެ ކޮއެލުތެރޭގައި، ދާޚިލީ ވަޒީރަކަށް ސްރީލަންކާ ދަރިކޮޅުގެ މީހަކު، ޚާރިޖީ ވަޒީރަކަށް އިންޑިއާ ދަރިކޮޅުގެ މީހަކު، މާލީ ވަޒީރަކަށް ބަނގްލާދޭޝް ދަރިކޮޅުގެ މީހަކު ނުވަތަ މާލޭގެ މޭޔަރަކަށް ނޭޕާލް ދަރިކޮޅުގެ މީހަކު ހުރެދާނެއެވެ. ރާއްޖޭގައި އަނދިރިއަނދިރިން ރަސްކަން ކުރަން، ކާބަފައިންނަށް ކަމުނުދިޔަ ފަދައިން، ބޭރު ބައެއްގެ އަތްމައްޗަށް ޤައުމު ދޫކޮށްލާކަށް ޤައުމު ދެކެ ލޯބިވާ އެއްވެސް ދިވެއްސަކު ބޭނުމެއް ނުވާނެއެވެ. އެގޮތް އޯކޭއެއް ނުވާނެއެވެ. 

Advertisement

ކޮމެންޓް