އެމްއެމްޕީއާރްސީން ރަށްތަކާއި ފަޅުތައް ދޫކުރީ ނުއަގުގައި، 4 ބިލިޔަނެއްހާ ރުފިޔާ ދައުލަތަށް ލިބެން ޖެހޭ: އެސެޓް ރިކަވަރީ ކޮމިޝަން

23 Jul 2020 | 21:06

ނިމިދިޔަ ސަރުކާރުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ދޫކުރި ރަށްތަކާއި ފަޅުތައް ދޫކުރީ ހަމަ އަގުގައި ނޫންކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ މިހާތަނަށް އެ ކޮމިޝަނުން ބެލި ބެލުމުން ޚިޔާނާތުގެ ތެރެއިން 37 ފަޅުރަށާއި 12 ފަޅު ދޫކޮށްފައިވަނީ ގާނޫނާއި ޚިލާފަށްކަން އެނގިފައިވާ ކަމަށެވެ. 

އެބޭފުޅާ ފާހަގަކުރެއްވި ގޮތުގައި އެ ރަށްތައް ދޫކޮށްފައިވަނީ ގާނޫނީ ގޮތުން ލިބިދޭ ޚާއްސަ އިމްތިޔާޒެއްގެ ނަހަމަ ބޭނުންކޮށްގެންނެވެ. އެއީ ދައުލަތުން ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗަރ ކުންފުނިތައް ހަދައިގެން ރަށްތަކާއި ފަޅުތައް ތަރައްގީކުރެވޭނެ އުސޫލުކަމަށް އަސްއަދު ވިދާޅުވިއެވެ. 

އަސްއަދު ވިދާޅުވި ގޮތުގައި މި ރަށްތަކާއި ފަޅުތައް ދޫކޮށްފައިވަނީ ނުއަގުގައެވެ. އެބޭފުޅާ ވިދާޅުވިގޮތުގައި މި ޚިޔާނާތުގައި ދޫކުރި ފަޅުރަށްތަކުން ލިބެންވާ ފައިސާ އެކަނިވެސް، އަގުމަގު ކުރާ އުސޫލުން ބަލައިފިނަމަ 220 މިލިޔަން ޑޮލަރު ނުވަތަ 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

އަދި ފަޅުތައް ހިމަނައިފިނަމަ މި އަދަދު 4 ބިލިޔަން ރުފިޔާއާއި ގާތްކުރާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ. ނަމަވެސް ދައުލަތަށް މީގެން ލިބިފައިވަނީ 1.2 ބިލިޔަނެއްހާ ރުފިޔާކަމަށް އަސްއަދު ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ މި މައްސަލައާއި ގުޅިގެން އެ ކޮމިޝަނުން ދިން ލަފާއަކީ ގާނޫނީގޮތުން އެކަމަށް ހައްލެއް ހޯދުމަށްކަމަށާއި، މި މައްސަލަތަކާއި ގުޅިގެން ޖިނާއީ ދައުވާތަކެއް ކުރަންޖެހޭނަމަ އެކަންވެސް ކުރުމަށް ކަމަށެވެ. އަސްއަދު ވިދާޅުވި ގޮތުގައި މި ޚިޔާނާތުގެ ފައިސާއިން މަންފާވި ފަރާތްތަކުގެ އަދަދު 300 އަށްވުރެ ގިނަ ވާނެކަމަށް ބެލެވެއެވެ.

އޭގެ ތެރެއިން ފަސް މީހެއްގެ މައްސަލަ ކުރިއަށް އޮތް މަދު ހަފްތާތަކެއްގެ ތެރޭގައި ކޯޓަށް ފޮނުވޭނެކަމަށް އަސްއަދު ވިދާޅުވިއެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެބޭފުޅާ ވަނީ ކޮމިޝަންގެ މަސައްކަތަށް އެއްވެސް ސިޔާސީ ނުފޫޒެއް ނުވަންނާނެކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް