ހަތެއް ފެބްރުއަރީ ފަދަ ކަމެއް ފުލުހުން ދެން ކުރާނެކަމަކަށް ގަބޫލެއް ނުކުރަން: ސީޕީ ހަމީދު

24 Jul 2020 | 11:32

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުގައި ފުލުހުންގެ ފަރާތުން ހިނގައިދިޔަ އަމަލުތައް ފަދަ އެހެން އަމަލެއް ދެން ތަކުރާރުވެދާނެކަމަށް ގަބޫލުނުކުރައްވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ ރޭ ކުރިއަށްދިޔަ ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްެރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

ސީޕީ ހަމީދު ވިދާޅުވީ އެ ދުވަހުގައި ފުލުހުންގެ ތެރެއިން ވަކި ރޫހަކާއި ޖޯޝެއްގައި އަމަލުކުރި ފަރާތްތައް މިއަދު ތިބިނަމަ، އެފަރާތްތަކަށް ވިސްނިފައިވާނެކަމަށެވެ. އެގޮތުން ހަތެއް ފެބްރުއަރީގެ އަމަލުތައް ހިނގުމާއި މިއަދާއި ދެމެދު ދިގު މުއްދަތެއް ވޭތުވެ، އެ މުއްދަތުގެ ތެރޭގައި ގިނަ ކަންތައްތަކެއް ދަސްވެފައިވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ކޮމިޝަނަރ އިތުރަށް ވަނީ ފުލުހުންގެ ފަރާތުން އެފަދަ ނާތަހުޒީބު އަމަލެއް އިތުރަށް ފެނިގެން ނުދާނެކަމަށް ގަބޫލު ކުރައްވާކަމަށްވެސް ރޭ ވިދާޅުވެފައެވެ.

"އެފަދަ ކަމެއް ދެން ކުރާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން ފުލުހުންގެ ތެރެއިން އެއްވެސް ބަޔަކު ހިމެނިގެންނެއް"، ހަމީދު ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވަނީ ހަތެއް ފެބްރުއަރީއާއި ގުޅިގެން ސަލާމަތީ ބާރުތަކުން އަމަލުކުރި ގޮތްތަކާއި ބެހޭގޮތުން ރަނގަޅު ކުރަންޖެހޭ ކަންކަމާއި މެދު ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ދައުލަތަށް ދޫކޮށްލާކަމަށްވެސް ވިދާޅުވެފައެވެ. 

Advertisement

ކޮމެންޓް