Advertisement

އޮގަސްޓް 16 ވަނަ ދުވަހުން ފެށިގެން މާލޭގެ ސްކޫލްތަކުގައި ގްރޭޑް 7 އަދި 8އަށް ކިޔަވައިދޭން ފަށަނީ

24 Jul 2020 | 15:54

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މާލެ ސިޓީގެ ސްކޫލްތައް ވަގުތީގޮތުން ބަންދުކޮށްފައި އޮތުމަށްފަހު، އަންނަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ކީ ސްޓޭޖް 3ގެ ދަރިވަރުންނަށް ކިޔަވައިދޭން ފެށުމަށް ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށްފަހު، ޖުލައި މަހުގެ 1ގައި މާލެ ސިޓީގެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ގްރޭޑް 1-12 އަށް ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ.

މި ދުވަސްވަރު މާލޭގައި ކިޔަވައިދީފައިވަނީ ގްރޭޑް 9-12 އަށެވެ.

ނަމަވެސް މިހާރު ކޮވިޑް-19ގެ ބަލިމަޑުކަން އޮތް ހާލަތަށާއި އެޗްޕީއޭގެ ލަފަޔާއި އެކު، ކީސްޓޭޖް 3 ގައި ހިމެނޭ ގްރޭޑް 7 އަދި 8ގެ ކިޔެވުން މާލޭ ސިޓީގެ ސްކޫލްތަކުގައި އޯގަސްޓް 16 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނިއު ނޯމަލްގައި ކިޔެވުން ކުރިއަށް ގެންދަނީ ގައިދުރުކަން ތަންފީޒުކޮށް، ކޮންމެ ކްލާހެއްގައި މަދު ކުދިން ތިބޭ ގޮތަށެވެ. ސްކޫލަށް ހާޒިރުވާ ދަރިވަރުންނާއި، މުދައްެރިސުންނާއި މުވައްޒަފުންވެސް މާސްކް އަޅަން ޖެހޭއިރު ހުރިހާ ފަރާތްތަކެއްގެވެސް ހުން ބެލެއެވެ. އަދި އަތްދޮވެވޭނެ އިންތިޒާމްވެސް ސްކޫލްތަކުގައި ވަނީ ގާއިމްކޮށްފައެވެ. 

އެހެން ނަމަވެސް މާލޭގައި ބަލިމަޑުކަން ފެތުރެމުން ދިއުމުން، ސްކޫލްތަކަށް ދަރިވަރުން ފޮނުވުމަށް ގިނަ ބެލެނިވެރިން ދަނީ ދެކޮޅު ހަދަމުންނެވެ.

Advertisement

ކޮމެންޓް